ދުނިޔޭގެ ވިޔަފާރި

އޮސްޓްރޭލިއާއިން 23 ބިލިއަން ޑޮލަރުގެ އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢެއް އިއުލާންކޮށްފި


ތިމާވެއްޓަށްކުރާ އަސަރުކުޑަކުރުމަށް އޮސްޓްރޭލިއާއިން 23 ބިލިއަން ޑޮލަރުގެ އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢުއެއް އިއުލާންކޮށްފިއެވެ.

އޮސްޓްރޭލިއާއަކީ އެންމެގިނައިން ޖައްވަށް ވިހަ ގޭސް ބޭރުކުރާ އެއް ޤައުމެވެ. އަދި އޮސްޓްރޭލިއާއަށް ވަނީ ޖައްވަށް ވިހަ ގޭސް ބޭރުކުރާ މިންވަރު މަދުކުރުމަށް އެޤައުމުން ސޮއިކޮށްފައިވާ ޕެރިސް އެގްރިމަންޓްގެ ކަންކަން ފުރިހަމަ ކުރުމުގައިވެސް ނާކާމިޔާބުވެ ފާޑުކިއުންތަކާއި ކުރިމަތިލާންޖެހިފައެވެ.

ތިމާވެއްޓަށްކުރާ އަސަރުކުޑަކުރުމަށް އޮސްޓްރޭލިއާއިން 23 ބިލިއަން ޑޮލަރުގެ އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢުއެއް ފަށަން ނިންމާފައިވާކަން އެ ޤައުމުގެ މިނިސްޓަރ އޮފް އެނަރޖީ އެންޑް އެމްވާރަމެންޓް މެޓް ކީން ވަނީ އިއުލާންކުރައްވާފައެވެ. އެގޮތުން މި މަޝްރޫޢު ހިންގަން ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގެ އެންމެ ތޮއްޖެހިފައިވާ ނިއު ސައުތް ވޭލްސް ސްޓޭޓްގައިކަމަށް މިނިސްޓަރ މެޓް ކީން ވިދާޅުވިއެވެ.

މި ބިޔަ މަޝްރޫޢުގެ ދަށުން އެ ސިޓީގައި އިޢާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތައް ހިންގުމަށް ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލާ، ކުރިއަށް އޮތް 15 އަހަރުދުވަހުގެ ތެރޭގައި މިހާރު އެ ސިޓީގައި ހިންގަމުންދާ ކޯލް ބޭސްޑް ޕްލާންޓް ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އަދި ސަރުކާރުންވެސް އިޢާދަކުރަނިވި ހަކަތައިގެ ބޮޑު ޕްލާންޓެއް އުފެއްދުމަށް ވަނީ ނިންމާފައެވެ.

މި ޕްލާންޓްގެ ތަފްސީލް ހާމަކޮށްފައި ނުވާއިރު، އަންނަ އަހަރުގެ ތެރޭގައި ތަފްސީލުތައް ހާމަކުރާނެކަމަށް މިނިސްޓަރ މެޓް ކީން ވިދާޅިވިއެވެ. މި ޕްރޮޖެކްޓްގެ ސަބަބުން 2030 ވަނަ އަހަރާއި ހަމައަށް ދާންވާއިރަށް ވަޔާއި އަވިން 12 ގިގަ ވޯޓްގެ ކަރަންޓު އުފައްދުމުގެ ޤާބިލުކަން ލިބޭނެކަމަށް މިނިސްޓަރ މެޓް ކީން ވިދާޅުވިއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން އިތުރު ދިހަ ހާސް ވަޒީފާގެ ފުރުސަތު ހުޅުވޭނެކަމަށް އޮސްޓްރޭލިއާ ސަރުކާރުން ހާމަކުރެއެވެ.

އޮސްޓްރޭލިއާ ސަރުކާރުގެ މި ނިންމުމަށް އެ ޤައުމުގެ އިދިކޮޅު ލޭބާ ޕާޓީއިން ތާޢީދުކޮށް ވަނީ މަރުޙަބާ ކިޔާފައެވެ. އަދި މި މަޝްރޫޢުގެ އަމަލީ މަސައްކަތް އަވަސްކުރުމަށް އެ ޕާޓީއިން ވަނީ ގޮވާލާފައެވެ.

ތިމާވެއްޓަށްކުރާ އަސަރުކުޑަކުރުމަށް އޮސްޓްރޭލިއާއިން އިޢާދަކުރަނިވި ހަކަތައިގެ ބިޔަ މަޝްރޫޢުއެއް އިއުލާންކޮށްފައިވާއިރު، އެ ޤައުމުން ވަނީ ޕެރިސް އެގްރިމަންޓްގެ ކަންކަން ފުރިހަމަ ކުރުމުގައި ނާކާމިޔާބުވެފައެވެ. އެގޮތުން 2050 ވަނަ އަހަރާއިހަމައަށް ޒީރޯ ކާބަން އެމިޝަންއާ ހިސާބަށް ވާސިލްނުވެވޭނެކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ. އަދި 2030 ވަނަ އަހަރުގެ ކުރިން ކާބަން އެމިޝަން 28 އިންސައްތައަށް މަދުކުރުމުގެ އަމާޒަށްވެސް ވާސިލްނުވެވޭނެކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ.

އޮސްޓްރޭލިއާއަކީ ސައުދީއަރަބިއްޔާއާއި ކަޒަކިސްތާނަށް ފަހު އެންމެގިނައިން ޖައްވަށް ވިހަ ގޭސް ބޭރުކުރާ ޤައުމުކަމުގައިވާއިރު، އޮސްޓްރޭލިއާއިން އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް އަވަސްކުރުމަށް ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ދަނީ ގޮވާލަމުންނެވެ.