ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ޚާއްސަ ސަގާފީ ޝޯވއެއް ބާއްވައިފިއެވެ. އުތީމަކީ ސަރުކާރުން މިއަހަރުގެ ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ކަނޑައަޅާފައިވާ ރަށެވެ.
ޤައުމީ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށްދިޔަ މި ޝޯވ ބާއްވާފައިވަނީ އުތީމު ގަނޑުވަރު މައިދާނުގައެވެ. ޝޯވ ބަލާލުމަށް ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ގަނޑުވަރު މައިދާނަށް ވަނީ އެއްވެފައެވެ. އަދި ކައިރި ރަށްރަށުންވެސް މި ޝޯވ ބަލާލުމަށް މީހުން އައިސްފައިވާކަން ފާހަގަކޮށްލެވެއެވެ.
އުތީމު ކައުންސިލުން ވިދާޅުވީ، މިފަދަ ޝޯވއެއް އިންތިޒާމްކުރުމުގެ މައިގަނޑު ބޭނުމަކީ ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، ޤައުމީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އާއިލާތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދިނުންކަމަށެވެ. އަދި ދިވެހިންގެ ސަގާފީ ކުޅިވަރުތައް ދިރުވާ އާލާކޮށް، އެކަންކަން ކުރިއެރުވުމަކީވެސް މިފަދަ ޝޯވއެއް ބޭއްވުމުގެ މަޤުޞަދެއްކަމަށް އުތީމު ކައުންސިލުން ވިދާޅުވިއެވެ.
މި ސަގާފީ ޝޯވއަކީ ދެ ރެޔަކަށް ބަހާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މިރޭގެ ޝޯވގައި ސަގާފީ އައިޓަމްތައް ހުށަހެޅުމުގައި ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ "ހިޔަލަ" ގްރޫޕުގެ ހިތްގައިމު ހުށަހެޅުންތަކެއް ވަނީ ފެނިގެންގޮސްފައެވެ. އަދި ކެލާ ރައްޔިތުންގެ ޚާއްސަ ސަގާފީ ހުށަހެޅުންތަކެއްވެސް ގެނެސްދީފައިވެއެވެ.
މާދަމާ ރޭ މަޝްހޫރު ބޮޑުބެރު ގްރޫޕު "ހަބޭސް" ގްރޫޕުގެ ޚާއްސަ ހުށަހެޅުންތަކެއް އޮންނާނެއެވެ.
ޤައުމީ ދުވަސް ފާހަގަކުރުމަށް އުތީމުގައި ވަނީ ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. އޭގެ ތެރޭގައި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން، ހަވާ އެރުވުމާއި، ޤައުމީ ދިފާޢީ ބާރުގެ ބޭންޑު ޕާޓީގެ ޚާއްސަ ހުށަހެޅުންތަކެއްވެސް ކުރިއަށްގެންގޮސްފައެވެ.