ރާއްޖޭގެ ކުޅިވަރު ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމް ނެޓްބޯޅައަށް ގިނަ ޚިދުމަތްތަކެއްކުރަމުން އަންނަ ހ. ސީޓް، ޢާއިޝަތު ނައުރާއަށް ލިބިއްޖެއެވެ.
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ނައުރާއަށް މި އިނާމް ލިބިފައިވާއިރު، ނައުރާ ފާހަގަވެފައިވަނީ މަދުރަސީ ދައުރުންސުރެ ކުޅިވަރުގެ އެކިއެކި މުބާރާތްތަކުގައި ފާހަގަކޮށްލެވުނު ކުޅުންތެރިޔަކަށެވެ. އެގޮތުން 1993 ވަނަ އަހަރު އަމީނިއްޔާ ސްކޫލުގެ ނެޓްބޯޅަ ޓީމުގައި ދެއްކި މޮޅު ކުޅުމާއެކު އޭނާގެ ވިދުންގަދަވެގެންދިޔައެވެ. ނެޓްބޯޅައަށް އުފެދުނު ޚާއްސަ ލޯތްބާއި ޝައުޤުވެރިކަމުގެ ބޮޑުކަމުން ނެޓްބޯޅައަކީ އޭނާގެ ދިރިއުޅުމުގެ މުހިންމު ބަޔަކަށްގެންދިޔައެވެ.
ނައުރާވަނީ ކުޅިވަރުގެ ދަނޑުތަކުގައި ކުޅެވުނު އެކި ފެންވަރުގެ މުބާރާތްތަކުގައި ވާދަކޮށް، ދެއްކި ހުނަރުވެރިކަމުގެ އިތުރުން ދެއްކި ރިވެތި އަޚްލާޤާއި ސާބިތުކަމާއި ހިތްވަރުގަދަ ކުޅުމުގެ ސަބަބުން އެހެން ކުޅުންތެރިންނަށް ލާމަސީލު މިސާލަކަށްވެފައެވެ. ނުގުޑާ ފަދަ އަޒުމަކާއެކު ނައުރާ ދެއްކި ކުޅުމުގެ ނަތީޖާއަކަށްވީ 1996 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ނެޓްބޯޅަ ޓީމުން ޖާގަ ކަށަވަރުވެގެންދިއުމެވެ.
އޭނާވަނީ ޤައުމީ ޖާޒީގައި ބައިނަލްއަޤްވާމީ ގިނަ މުބާރާތްތަކެއްގައި ޤައުމު ތަމްސީލުކޮށްދީފައެވެ. މީގެ އިތުރުން ނައުރާ ފާހަގަވެފައިވަނީ ކްލަބް ޖަމިއްޔާތަކުން ބާއްވާ މުބާރާތްތަކުގައިވެސް ވިދުންގަދަ ތަރިއަކަށެވެ. އެޔާއެކު އޭނާގެ ހުނަރާއި ތަޖުރިބާގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފާ، ދިވެހިރާއްޖެ ނެޓްބޯޅަ ތަރައްޤީކޮށް އެހެން ހަރުފަތަކަށް ގެންދިއުމަށް އޭނާވަނީ ގިނަގުނަ މަސައްކަތްތަކެއްކޮށްދީފައެވެ.
އެގޮތުން އޭނާ ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ކޯޗެއްގެ ހައިސިއްޔަތުން ކުޅުންތެރިންނަށް އިރުޝާދުދީ، މޮޅެތި ކުޅުންތެރިން ބިނާކުރުން ހިމެނެއެވެ. އަދި ހަމަ އެހެންމެ އަމްޕަޔަރެއްގެ ހައިސިއްޔަތުންނާއި އެސޯސިއޭޝަންގެ މެމްބަރެއްގެ ހައިސިއްޔަތުން ނައުރާގެ ޚިދުމަތްތައް މެދުކެނޑުމެއްނެތި އަދިވެސް ނެޓްބޯޅައަށް ލިބެމުން ދާކަން ފާހަގަ ކޮށްލަންޖެހެއެވެ.
ނެޓްބޯޅައިން ކުރިއަށް ދިއުމަށްޓަކައި ނައުރާވަނީ ދާއިރާއާއި ގުޅުންހުރި އެކިއެކި ކޯސްތައް ހަދާފައެވެ. އެގޮތުން 1998 ވަނަ އަހަރުންފެށިގެން ކޯޗްކަމުގެ ތަމްރީނުތަކާއި އަމްޕަޔަރުކަމުގެ ތަމްރީންތަކުގެ އެކި ލެވެލްތަކުގެ ކޯސްތައް ރާއްޖެއާއި ރާއްޖެއިން ބޭރުން ނައުރާ ވަނީ ފުރިހަމަކޮށްފައެވެ.
މިފަދަ ކޯސްތަކާ ސެމިނާރުތަކުން ލިބުނު ޢިލްމާއި ތަޖުރިބާގެ އަލީގައި، ޒުވާން ނެޓްބޯޅަ ކުޅުންތެރިން އުފެއްދެވުމުގެ މަސައްކަތް ނައުރާ ކޮށްފައިވާއިރު، ނައުރާވަނީ ނެޓްބޯޅަ ކުޅެ، ކޯޗެއްގެ ގޮތުގައި ޓީމުތަކަށް އިރުޝާދު ދިނުމުގެ އިތުރުން ގިނަގުނަ މުބާރާތްތަކެއްގެ އަމްޕަޔަރުކަންވެސް ކޮށްފައެވެ. މީގެ އިތުރުން ނައުރާވަނީ ޤައުމީ ފެންވަރުގެ މުބާރާތްތައް އިންތިޒާމް ކުރުމުގެ އިދާރީ މަސައްކަތްތަކުގައި ބައިވެރިވެ، ޖަޖެއްގެ ހައިސިއްޔަތުންވެސް ހަރަކާތްތެރިވެފައެވެ.
ކުޅިވަރުގެ ހިންގުން ހަރުދަނާ ކުރުމުގެ ދާއިރާގައިވެސް ނައުރާ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާއިރު، އޭނާވަނީ ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ޓެކްނިކަލް ޑިރެކްޓަރުކަމުގެ އިތުރުން ސެކްރެޓަރީ ޖެނެރަލްގެ މަޤާމްވެސް އަދާކޮށްފައެވެ. މީގެއިތުރުން އެ އެސޯސިއޭޝަންގެ ޖަޖިންގ އެންޑް އެޑްވައިޒަރީ ކޮމިޓީގެ މެމްބަރެއްގެ ގޮތުގައިވެސް ނައުރާކޮށްފައިވާ މަސައްކަތަކީ ތަޢުރީފް ޙައްޤު މަސައްކަތްތަކެއްކަން ފާހަގަކޮށްލެވެއެވެ.