މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.
މަސްވެރިންގެ ގުންޒަރުގެ ނަމުގައި ބޭއްވި މި ބައްދަލުވުމަކީ މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން މާލޭގައި ބޭއްވި މިފަދަ ދެވަނަ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސްޕޯޓްސް ފިޝިންގައި ހަރަކާތްތެރިވާ 44 ފަރާތެއް ބައިވެރިވެފައިވެއެވެ.
ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަސްވެރިކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާއިލް އަޒްމީ އަދުނާން ވިދާޅުވީ، މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމަކީ މުޅި ދުނިޔޭގައިވެސް މަޤުބޫލުވަމުން އަންނަ މަލްޓިބިލިޔަން ޑޮލަރ އިންޑަސްޓްރީއެއް ކަމަށާއި، ރާއްޖެއަކީވެސް ސްޕޯޓްސް ފިޝިންއަށް މަޝްހޫރު މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި ފާހަގަކުރެވެމުން އަންނަ ޤައުމެއް ކަމަށެވެ.
މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބޭއްވި ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
— Min of Fisheries, Agriculture and Ocean Resources (@MFAORmv) August 15, 2026
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގައި މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމުގެ… pic.twitter.com/ECnrhm0zsM
މަސްވެރިކަން ތަރައްގީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވާ، މަސްވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމަށް ސްޕޯޓްސް ފިޝިން ކުރިއެރުވުން މުހިންމު ކަމަށްވެސް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ، މި ބައްދަލުވުމަކީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމަށާއި ތަރައްގީކުރުމަށް ސިނާޢަތުގައި ހަރަކާތްތެރިވާ މަސްލަހަތުވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބޭއްވި ސިލްސިލާ ބައްދަލުވުމެއް ކަމަށެވެ.
އެ ވުޒާރާއިން ވިދާޅުވީ މިގޮތުން މިއަދު ބޭއްވި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަން ރަވާއި، ހިންގާ، ބެލެހެއްޓުމުގެ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމާއި، މިކަމާ ގުޅޭގޮތުން މަސްލަހަތުވެރިންގެ ހިޔާލާއި މަޝްވަރާ ހޯދުން ކަމަށެވެ.
މީގެ އިތުރުން، މިބައްދަލުވުމުގެ ތެރެއިން އެއްކުރެވޭ މަޢުލޫމާތު މަސްވެރިކަން މެނޭޖްމަންޓްކުރުމަށާއި، މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށާއި، މަސްވެރިކަމުގެ ތަރައްޤީގެ މަޝްރޫއުތައް ރޭވުމުގައިވެސް މުހިއްމު ދައުރެއް އަދާކުރާ ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.