ޚަބަރު

ތެލުގެ އަގު އުފުލެނީ، ޓްރަމްޕް ވިދާޅުވީ ކެތްކުރުމަށް


ހުރްމުޒް ކަނޑުއޮޅީގައި އީރާނުގެ ޙިޞާރު ވަރުގަދަކޮށް، ތެޔޮ އުފުލާ ޓޭންކަރުތަކުގެ ދަތުރުތައް ހުއްޓުވާފައިވާ ދަނޑިވަޅެއްގައި، ހަނގުރާމައިގެ ސަބަބުން އެމެރިކާގައި ތެލުގެ އަގު އިތުރަށް އުފުލިގެންދާނެ ކަމުގެ އިންޒާރު ދެއްވައި، އެ ކަމަށް ކެތްކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައްޔިތުންނަށް ގޮވައިލައްވައިފިއެވެ. އެމެރިކާއާއި ޔަހޫދީން ފެބުރުވަރީ 28 ގައި އިީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުމަކަށް ގެނެވޭނެކަމުގެ އިޝާރާތެއް ފެންނަން ނެތްއިރު، ޞުލްޙައިގެ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ނުލިބި، ވާހަކަތައް ވަނީ މަޑުޖެހިފައެވެ. އަދި، ހަނގުރާމަ ހުއްޓައިލުމަށް ޖޫން މަހު ދެ ފަރާތުން ސޮއިކުރި ޞުލްޙައިގެ އިބުތިދާއީ އެއްބަސްވުން ވަނީ އުވިފައެވެ.

އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު ކާޒިމް ޣަރީބްއާބާދީ ވިދާޅުވީ، ކަނޑުއޮޅި ހުޅުވުމާއި ބަންދުކުރުމުގެ ފުރިހަމަ ބާރު އޮތީ އީރާނަށް ކަމަށާއި، ހަނގުރާމައިގައި ނާކާމިޔާބުވެއްޖެ ކަން އެމެރިކާއިން ޤަބޫލުކުރަން ވެއްޖެ ކަމުގައެވެ. އަދި، އެ ކަން ޤަބޫލުނުކުރާހާ ހިނދަކު، ކަނޑުއޮޅީގެ ޙިޞާރު ދެމިއޮންނާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ. އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވީ، ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލި ކަނޑުއޮޅިން ދަތުރުތައް އަލުން ފެށޭނީ އީރާނުގެ ޝަރުޠުތައް އެމެރިކާއިން ބަލައިގަތުމުން ކަމުގައެވެ. އޮގަސްޓު 14 ވަނަ ދުވަހު އެ ކަނޑުއޮޅި ހުރަސްކޮށް ދަތުރުކޮށްފައި ވަނީ އެންމެ ދެ އުޅަނދަކުންނެވެ. އޭގެ ތެރޭގައި ތެޔޮ އުފުލާ ޓޭންކަރެއް ނުހިމެނެއެވެ.

ނިއު ޔޯކުގައި ބޭއްވި ސިޔާސީ ކެންޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނަށް ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ މަގު ބަންދުކުރުމުގެ ގޮތުން އެމެރިކާގައި އުފުލެމުންދާ ތެލުގެ އަގުތަކަށް ކެތްކުރުން ނޫން ގޮތެއް އެމެރިކާގެ ރައްޔިތުންނަށް ނެތް ކަމުގައެވެ. އަދި، ޕެޓްރޯލް ގަތުމަށް އިތުރު ފައިސާ ޚަރަދު ކުރަން ޖެހުމަކީ މި ކަމުގައި ދައްކަންޖެހޭ އަގު ކަން ބަލައިގަންނަން ޖެހޭނެ ކަމުގައެވެ. ހުސްވި އަހަރާ އަޅައިބަލާއިރު، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެމެރިކާގެ ބާޒާރުގައި ތެލުގެ އަގު ވަނީ %29 އުފުލިފައެވެ. މިއީ، ރިޔާސީ ދައުރުގެ މެދުތެރެއިން އެމެރިކާގައި ބާއްވާ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާނެ ކަމެކެވެ. މި ޙާލަތުގައި ވެސް ޓްރަމްޕް ވަނީ އީރާނަށް އިތުރު އިންޒާރުތަކެއް ދެއްވާފައެވެ. މި ގޮތުން، އީރާނަށް އިތުރު މާލީ ގެންލުންތަކެއް ދިނުމަށް ތައްޔާރުވަމުންދާ ކަމުގައި ޓްރަމްޕްގެ އިތުރުން އޭނާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ވަނީ ވިދާޅުވެފައެވެ.

އީރާނުން ދަނީ، އެ ޤައުމުގެ ހުއްދައާނުލައި ހުރްމުޒް ކަނޑުއޮޅި ހުރަސްކުރުމަށް މަސައްކަތްކުރާ އުޅަނދުފަހަރަށް ހަމަލާ ދެމުންނެވެ. އެންމެ ފަހުގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ އެކުވެރި ޢަރަބި ޢިމާރާތުގެ (ޔޫއޭއީ) ދެ ޓޭންކަރަކަށެވެ. މުދާ ބަރުކޮށްގެން ކަނޑުއޮޅިން ދަތުރުކުރި އެހެން އުޅަނދަކަށް ވެސް އީރާނުން ހަމަލާދީފައިވާ ކަމުގައި އިނގިރޭސިވިލާތުގެ ކަނޑު ދަތުރުފަތުރުގެ ވިޔަފާރިއާ ބެހޭ އިދާރާއިން ބުނެއެވެ. ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޙޫޘީ ޖަމާޢަތުގެ ހަމަލާތަކާ ގުޅިގެން ވެސް މަސްރަޙު ވަނީ އިތުރަށް ގޯސްވެފައެވެ. މި ގޮތުން، އެ ޖަމާޢަތުން ވަނީ ޔަމަނުގެ މައްޚާ ބަނދަރަށް ހަމަަލާތަކެއް އަމާޒުކޮށްފައެވެ. އަދި، ސަޢޫދީ ޢަރަބިއްޔާގެ ނަޖްރާންގައި ހުންނަ އަރަމްކޯ ތެޔޮ ކުންފުނީގެ މަރުކަޒަކަށް ވެސް ހަމަލާދީފައެވެ.