މި މަހު ފަހުކޮޅު ބާއްވާ ބަލަންޑޯ އެވޯޑް ހަފުލާގައި އާޖެންޓީނާގެ ކުރީގެ ކެޕްޓަން ލަޔޮނަލް މެސީ ބައިވެރިވާނެކަން އޭނާ ޔަގީން ކޮށްދީފިއެވެ.
ރެކޯޑް އަދަދެއް ކަމަށްވާ 8 ފަހަރު ބަލަންޑޯ އެވޯޑް ހޯދާފައިވާ މެސީ ހަފުލާގައި ބައިވެރިވާއިރު އޭނާ އަކީ މި ފަހަރު ވެސް މި އެވޯޑަށް ވާދަކުރާ އެއް ކުޅުންތެރިޔާއެވެ. ދުނިޔޭގެ ގައުމީ ޓީމު ތަކުގެ ކޯޗުންނާއި ކެޕްޓަނުންނާއި ހޮވާލެވޭ ނޫސްވެރިން ވޯޓުލައިގެން ހޮވާ މި އިނާމަށް މެސީއާއެކީ ވާދަކުރާނެ ކަމަށް ބެލެވިފައިވަނީ ބަޔާން މިއުނިކަށް ކުޅޭ އިނގިރޭސި ކެޕްޓަން ހެރީކޭން އާއި ރެއާލް މެޑްރިޑް ކުޅެމުންދާ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އާއި ސްޕޭނާއި ބާސެލޯނާގެ ފޯވަޑް ލަމީން ޔަމާލެވެ. ގިނަ ބައެއްގެ ރޭންކިންގައި މެސީ ހިމެނުން ގާތީ މިފަހަރު މި ކުޅުންތެރިންގެ ފަހަތުންނެވެ.
އިނގިރޭސިވިލާތުގެ ލަންޑަނުގައި މި މަހުގެ 26ގައި ބާއްވާ އެވޯޑް ހަފުލާގައި މެސީ ބައިވެރިވާއިރު މިއީ ބަލަންޑޯ އެވޯޑް ބާއްވާ ފްރާންސް ފުޓުބޯޅަ ޖަމްއިއްޔާއިން އޭނާގެ އަގުވަޒަން ކުރާނެކަމެވެ. މެސީގެ ފަރާތުން ބުނެފައިވަނީ އޭނާ އެވޯޑް ހަފުލާ އަށް ދާނީ އަންހެނުންނާއި ތިން ކުދިން ވެސް ގޮވައިގެންނެވެ. މިއީ ވެސް އެވޯޑު ހަފުލާ ހާއްޞަވާކަމުގެ އިޝާރާތެކެވެ. ނަމަވެސް މެސީ އަށް ސުޕަ ބަލަންޑޯ ދޭނެކަން ނުވަތަ ނޫންކަން ފްރާންސް ފުޓުބޯޅައިން ނުބުނެއެވެ. އެކަމަކު މިއީ މީގެ ކުރިން މަޝްވަރާ ކުރެވިފައި އޮތް ކަމެކެވެ.
ޖުލައި މަހު ނިމިދިޔަ ވޯލްޑް ކަޕަށް ފަހު މެސީ ވަނީ އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފައެވެ. އުމުރުން މިހާރު 39 އަހަރުގެ ފޯވަޑް ވަނީ ކެރިއަރުގައި ތިން ފަހަރު ވޯލްޑް ކަޕް ފައިނަލް ކުޅެ 2022 ވަނަ އަހަރު ބޭއްވި މުބާރާތުގެ ތަށި ހޯދައިފައެވެ. ބާސެލޯނާގައި ކެރިއަރުގެ ބޮޑުބައެއް ހޭދަކުރި މެސީ ވަނީ އާޖެންޓީނާގެ ޤައުމީ ޓީމަށް 208 މެޗު ކުޅެދީ 126 ގޯލު ޖަހައިދީފައެވެ.
ބާސެލޯނާއިން 2021 ވަނަ އަހަރު ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވި މެސީ އޭގެ ދެ އަހަރު ފަހުން ފެށިގެން ކުޅެމުންދަނީ އެމެރިކާގެ އިންޓަ މިއާމީ އަށެވެ.