ޚަބަރު

ކަނޑުއަޑީގެ ދިރުންތަކާއި މާހައުލާބެހޭ ދިރާސާ ހިއްސާކޮށްފި


  • ކަނޑުއަޑީގެ ފުން ހިސާބުތަކަށް ސާރވޭކުރުމަށް ބޭނުން ކުރެވުނު ޓެކްނޮލޮޖީތަކާ ބެހޭ މައުލޫމާތު ދިން

  • މިއީ ނެކްޓަން ފައުންޑޭޝަނުން 2022 ވަނަ އަހަރު ކުރި ދިރާސާއެއް

ދިވެހިރާއްޖޭގެ ކަނޑުއަޑީގެ ފުން ހިސާބުތައް ސާވޭކޮށް އެ ހިސާބުތަކުގެ ދިރުންތަކާއި މާހައުލާބެހޭ މައުލޫމާތުތަކުގެ ދިރާސާ ހޯދުންތައް އާންމުންނާ ހިއްސާ ކުރުމަށް ޚާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާއި، އިނގިރޭސި ވިލާތުގެ ނެކްޓަން ފައުންޑޭޝަންއާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން "ނެކްޓަން ފަސްޓް ޑިސެންޓް: މޯލްޑިވްސް"ގެ ހޯދުންތައް ހިއްސާކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލް އޮޑިޓޯރިއަމްގައި ކުރިއަށް ގެންދިޔަ އިވެންޓު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގޭ ޤައުމީ ޔުނިވާރސިޓީގެ ޗާންސެލަރ ޑރ.މަހަމޫދު ޝައުޤީއެވެ.

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާއި ކަނޑުތަކާ ބެހޭ ދިރާސާތައް ކުރާ އިނގިރޭސި ވިލާތުގެ ޖަމިއްޔާއެއް ކަމަށްވާ ނެކްޓަން ފައުންޑޭޝަން އާއި ގުޅިގެން، 2022ގެ ސެޕްޓެމްބަރު އަދި އޮކްޓޯބަރުގައި ދިވެހިރާއްޖޭގެ 6 އަތޮޅެއްގައި ވަނީ ދިރާސައެއް ކުރިއަށްގެންގޮސްފައެވެ. އެ އަތޮޅުތަކުގެ ކަނޑުއަޑީގެ ފުން ހިސާބުތަށް ސާރވޭކޮށް، އެހިސާބުތަކުގެ ދިރުންތަކާއި މާހައުލާބެހޭ މައުލޫމާތު ނެގުމަށް، ފުރަތަމަ ފަހަރަށް ކުރެވުނު ދިރާސާ މަސައްކަތުގެ އަލީގައި މިހާތަނަށް ޝާއިރުކުރެވިފައިވާ ދިރާސާ ހޯދުންތައް އަދި އެއްކުރެވުނު މައުލޫމާތައް ބިނާކޮށް ކުރެވެމުންދާ އިތުރު މަސައްކަތްތައް އާންމުންނާ ވަނީ ހިއްސާކޮށްފައެވެ.

މި ހަރަކާތުގައި ދިރާސާ އެކްސްޕެޑިޝަން ރޭވުމުގައާއި ދިރާސާ މަސައްކަތް ކުރުމަށް ހިންގުނު އޮޕެރޭޝަންތަކާއި، ކަނޑުއަޑީގެ ފުން ހިސާބުތަކަށް ސާރވޭކުރުމަށް ބޭނުން ކުރެވުނު ޓެކްނޮލޮޖީތަކާ ބެހޭ މައުލޫމާތު ވަނީ ދީފައެވެ. އަދި އެކްސްޕެޑިޝަން ހިނގައި ދިޔަ އިރު ކުރެވުނު މަސައްކަތްތަކަށް ބިނާކޮށް ކުރު ފިލްމް ކްލިޕްތަކެއްވެސް ދައްކުވާދެވުނެވެ.

މީގެ އިތުރުން، މިހާތަނަށް ހޯދުނު މައިގަނޑު ނަތީޖާތަކާއި، ޝާއިރުކުރެވުނު ދިރާސާތަކާއި، އަދި މިސާރވޭ އެކްސްޕެޑިޝަންގައި ނެގުނު މައުލޫމާތުތަކަށް ބިނާކޮށް ކުރެވެމުންދާ އެކިއެކި އެނަލިސިސްތަކާ ބެހޭ މަޢުލޫމާތާއި ކަނޑުއަޑީގެ ފުން ހިސާބުތަކުގެ ދިރުންތަކާއި ބެހޭ ގައިޑެއްވެސް ވަނީ ހުށަހަޅާފައެވެ. އަދި މިދިރާސާ މަސައްކަތުގައި ނެގުނު ސްޕެސިމެންސްތައް ދެނެގަތުމަށް މިހާތަނަށް ކުރެވުފައިވާ މަސައްކަތްތަކާއި ބޭއްވުނު ވޯކްޝޮޕްތަކާއި އެމަސައްކަތްތަކުގެ ހޯދުންތަކުގެ މައުލޫމާތުތައްވެސް ހިއްސާ ކުރިއެވެ.