ޚަބަރު

ބާބުލް މަންދަބު ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރު އީރާނުން ދީފި


އެމެރިކާއިން އީރާނާ ދެކޮޅަށް ޢުދުވާނީ ޙަމަލާތައް އަލުން ފަށައި، އެ ޤައުމުގެ ބަނދަރުތައް ޙިޞާރުކުރުމާ ގުޅިގެން، ރަތް ކަނޑުގެ މައި ކަނޑުއޮޅި ކަމުގައިވާ ބާބް އަލް-މަންދަބީ ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ. މި އިންޒާރަކީ ދުނިޔޭގެ ތެލުގެ ސިނާއަތަށް އޮތް ބޮޑު ބިރެއްގެ ގޮތުގައި ތަޖުރިބާކާރުން ސިފަކުރެއެވެ. ބާބް އަލް-މަންދަބީއަކީ ރަތް ކަނޑާއި ޢަދަން ކަނޑު ގުޅައިދޭ މައި ކަނޑުއޮޅިއެވެ.

އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ބުނީ، އެމެރިކާގެ ޢުދުވާނީ ޙަމަލާތައް ހުއްޓައިނުލައިފި ނަމަ، އެމެރިކާއަށާއި އެމެރިކާގެ ބައިވެރިންނަށް ފައިދާވާ ހުރިހާ މަގެއް ބަންދުކުރާނެ ކަމުގައެވެ. މީގެ އިތުރުން ޔަމަނުގައި ހަރަކާތްތެރިވާ ޙޫޘީ ޖަމާޢަތުގެ އިސް އޮފިޝަލަކު ވެސް ވަނީ، ބާބް އަލް-މަންދަބް ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރު ދީފައެވެ. މި ކަމުގެ ސަބަބުން ތެލުގެ އަގު ފީފާއަކަށް 200 އެމެރިކާ ޑޮލަރަށް އުފުލިގެން ހިނގައިދާނެ ކަމުގައި މާހިރުން އިންޒާރު ކުރެއެވެ.

އެމެރިކާގެ އެންމެ ފަހުގެ ޢުދުވާންތައް ފަށާފައި ވަނީ، ހުރްމުޒް ކަނޑުއޮޅިން ދަތުރު ކުރާ އުޅަނދުފަހަރަށް އީރާނުން ޙަމަލާދެމުންދާ ކަމުގައި ތުހުމަތުކޮށް، އެ ޤާބިލުކަން ނައްތައިލުމުގެ ނަމުގައެވެ. އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ބުނީ، އީރާނުގެ ޢަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަތް ގަޑިއިރު ވަންދެން ޙަމަލާދީފައިވާނެ ކަމުގައެވެ. ރައްދުގައި އީރާނުން ބުނީ، އެމެރިކާގެ ޙަމަލާތައް ހުއްޓައިލަންދެން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާނެ ކަމަށާއި، ބަޙްރައިން، ކުވަޔިތު އަދި އުރުދުންގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ދެމުންދާ ޙަމަލާތައް މެދުކަނޑައިނުލާނެ ކަމުގައެވެ.

މި ދަނޑިވަޅުގައި މަސްރަޙު އިތުރު ހޫނުކުރެއްވުމުގެ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އީރާނުން އަލުން ޞުލްޙައިގެ މަޝްވަރާތައް ނުފަށައިފިނަމަ އެ ޤައުމުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ޙަމަލާދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ނަމަވެސް، ހުރްމުޒުން ދަތުރުކުރާ އުޅަނދުފަހަރުން ފީއެއް ނެގުމަށް ޓްރަމްޕް ނިންމެވި ނިންމެވުން އޭނާ ވަނީ ބަދަލު ކުރައްވާފައެވެ. އޭގެ ބަދަލުގައި، ގަލްފުގެ ޤައުމުތަކުން ފައިސާ ހޯދުމަށް ވުނަކުރުމުގެ އެއްބަސްވުންތަކެއް އެކުލަވައިލުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ. މިިހާރު ބަދަލުކުރަމުންދާ ޙަމަލާތަކާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކަނޑައެޅުމުގައި ބަލާ ދެ މިންގަނޑު، ބްރެންޓް ކްރޫޑް އަދި ވެސްޓް ޓެކްސަސް އިންޓަރމީޑިޔޭޓްގެ އަގުތައް ވަނީ ޖޫން މަހަށް ފަހު އުފުލިފައިވާ އެންމެ މަތީ އަގަށް އުފުލިފަައެވެ.