ހުޅަނގު އޭޝިޔާގައި އެމެރިކާއިން އިސްވެ ފެށި ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގެ ވިޔަފާރިއަށް މުހިންމު ކަނޑު ދަތުރުފަތުރުގެ މަގުތަކާއި ހަކަތައިގެ ވަސީލަތްތަކަށް އީރާނުން ދަނީ ފިއްތުންތައް އިތުރު ކުރަމުންނެވެ. މައިގަނޑު މަޤުޞަދަކީ ބޮޑު ހަނގުރާމައެއް ފެށުމުގެ ބަދަލުގައި، އީރާނުގެ ޝަރުޠުތަކަށް ދޫދިނުމަށް ނުވަތަ ފަސްޖެހުމަށް އެމެރިކާއަށް މަޖުބޫރުކުރުވުމެވެ. ހުރްމުޒް ކަނޑުއޮޅި ފަދަ ދުނިޔޭގެ ވިޔަފާރިއަށް މުހިންމު މަގުތައް ބަންދުކޮށްފައި ބޭއްވުމުގެ ބަދަލުގައި ތެހްރާންގެ ޝަރުޠުތަކަށް ރުހި، ހަނގުރާމަ ހުއްޓައިލުމަކީ އެމެރިކާއަށް މި ވަގުތު މާލީ ގޮތުން އެންމެ ފައިދާވާނެ ގޮތް ކަން ހާމަކޮށްދިނުމަކީ ތެހްރާނުން ބޭނުން ކުރަމުންދާ އެންމެ ބާރުގަދަ އިސްތިރާޖީ އުކުޅެވެ. މީގެ އިތުރުން، އީރާންގެ ޝަރުޠުތަކަށް ދޫދިނުމުގެ މުހިންމުކަން ވޮޝިންގޓަނަށް ވިސްނައިދިނުމަށް ތެހްރާނުން ދަނީ މަސައްކަތްކުރަމުންނެވެ.
މަސްރަޙު ދިރާސާކުރައްވާ މާހިރެއް ކަމުގައިވާ މައިކަލް ނައިޓްސް ވިދާޅުވީ، ސަރަޙައްދީ ޤައުމުތަކަށާއި ދުނިޔޭގެ އިޤުތިޞާދަށް ގެއްލުންދިނުމުގެ ޤާބިލުކަން ލިބިފައިވުމަކީ މި ވަގުތު އީރާނަށް އޮތް އެންމެ ބޮޑު އެއް ބާރު ކަމުގައެވެ. ތެހްރާނުގެ އަމާޒަކީ ކަނޑުއޮޅީގެ މައްޗަށް ސިޔާދަތީ ބާރު ޤާއިމުކޮށް، ބައެއް މަގުތައް ކޮންޓުރޯލު ކުރުން ކަމުގައި އެހެން މާހިރެއް ކަމުގައިވާ މައިކަލް ސިންގ ދެކެވަޑައިގަންނަވައެވެ. ކޮންމެ ހަފުތާއަކު ނުތަނަވަސްކަން އިތުރުކޮށް، ސަރަޙައްދީ ބާރުވެރިކަން އިތުރުކުރުމަކީ އީރާނުން ބޭނުންކުރަމުންދާ ބާރުގަދަ އުކުޅެއް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޖާބަދެއްވާނީ ފިއްތުންތަކަށް އެކަނި ކަމުގައި ތެހްރާންގެ ސަރުކާރުން ޤަބޫލުކުރާ ކަމުގައި މަސްރަޙު ދިރާސާކުރައްވާ ދާރިސުން ވިދާޅުވެއެވެ. ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރު ބައްޓަންކުރާނެ ގޮތަކާމެދު ޢުމާނުން ހުށަހަޅާފައިވާ ރޭވުމާ ޚިލާފަށް ތެހްރާނުން ބޭނުން ވަނީ ކަނޑުއޮޅީގައި އިދާރީ ބާރު ދަމަހައްޓައި، ޚިދުމަތުން ފީއެއް ނެގުމަށެވެ. މީގެ ކުރިން ވޮޝިންގޓަނުގެ ފިއްތުންތަކަށް ދޫދިނުމަށް ތެހްރާނުން ނިންމި ނަމަވެސް، އެމެރިކާއާއެކު ސީދާ މަޝްވަރާތައް ކުރުމަށް ތެހްރާނުން މިހާރު ދަނީ އިންކާރު ކުރަމުންނެވެ.
ޓްރަމްޕް އިސްވެ ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމަައިގެ ނުރައްކާ، ރަތް ކަނޑާއި ބާބް އަލް-މަންދަބް ކަނޑުއޮޅިއަށް ފުޅާވުމުގެ ފުރުޞަތު ވެސް މިހާރު ވަނީ ބޮޑުވެފައެވެ. މިއާއެކު، ސަރަޙައްދީ ބާރުތަކުން ވަނީ ދިފާޢީ ޙާލަތެއް އިސްކޮށްފައެވެ. އަދި، ސަޢޫދީ ޢަރަބިއްޔާއިން ވަނީ ކަނޑު ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަސްކަރީ އިއްތިޙާދެއް އެކުލަވައިލުމުގެ މަސައްކަތް ފަށާފައެވެ. އީރާނާ އަސްކަރީ ގޮތުން ކުރިމަތިލުމަކީ ސަޢޫދީ ޢަރަބިއްޔާ އަދި ގަލްފުގެ އެހެން ޤައުމުތަކުން ބޭނުންވާ ޙާލަތެއް ނޫނެވެ. އޭގެ ބަދަލުގައި، އަސްކަރީ އިއްތިޙާދުގެ އަމާޒަކީ ބާބް އަލް-މަންދަބް ކަނޑުއޮޅީގެ ދަތުރުފަތުރުގެ ރައްކާތެރިކަން ދެމެހެއްޓުމެވެ. މި ފަދަ އޮޕަރޭޝަންތަކަށް ބޮޑު ޚަރަދުތަކެއް ހިނގާއިރު، މި ޙާލަތަށް މެދުއިރުމަތީގެ ޤައުމުތައް ވައްޓައިލުމަކީ ތެހްރާނަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ.
ތެހްރާނާއި ވޮޝިންގޓަނާ ދެމެދު ކުރަމުންދާ ނުރަސްމީ މަޝްވަރާތަކުގައި ޝަރުޠުތައް ކަނޑައެޅުމުގެ ބާރު ހޯދުމަށް ތެހްރާނުން މަސައްކަތް ކުރަމުންދާ ކަމުގައި، ބައިނަލްއަޤުވާމީ ސިޔާސީ މަސްރަޙުގެ މާހިރެއް ކަމުގައިވާ ރެއި ތާކީ ދެކެވަޑައިގަންނަވައެވެ. މިއީ، ދޫދިނުމުގެ ބަދަލުގައި ސާބިތުކަމާއެކު ސިޔާސަތުތަކާއި ޝަރުޠުތައް ދެމެހެއްޓުމަށް ދެ ފަރާތުން ކުރިމަތިލަމުންދާ މުބާރާތެއްގެ ގޮތުގައި އޭނާ ސިފަކުރައްވައެވެ. އީރާނަށް އޮތީ އެމެރިކާގެ ފިއްތުންތަކަށް ކެތްކުރުމެވެ. އަދި، އެމެރިކާގެ އިތުރުން ދުނިޔޭގެ ވިޔަފާރިއާއި ހަކަތައިގެ ބާޒާރަށް އޮތީ ތެހްރާނުން ކުރިމަތި ކޮށްފައި އޮތް ހުރަސްތަކަށް ކެތްކުރުމެވެ. މި މުބާރާތުގައި އީރާނަށް ކާމިޔާބީ ލިބޭނެ ކަމަށް ތެހްރާނުން ދެކޭ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ވިދާޅުވެއެވެ. ނަމަވެސް، މި ފަދަ އުކުޅުތަކުގެ ސަބަބުން ދެ ފަރާތަށް ވެސް ކޮންޓުރޯލު ނުކުރެވޭނެ ފަދަ ބޮޑު ހަނގުރާމައެއް ފެށިގެން ދިޔުމުގެ ނުރައްކާ އަދިވެސް އޮތް ކަމުގައި އެ ފަރާތްތަކުން ޤަބޫލުކުރެއެވެ.