ތަރައްްޤީ

އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކާއެކު އަހަރަކު 908 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ: ރައީސް


ސަރުކާރުން މިހާރު ހިންގަވާ އަވިން ހަކަތަ އުފެއްދުމުގެ މަޝްރޫޢުތަކާއެކު، އިއާދަކުރަނިވި ހަކަތައިގެ ޤާބިލްކަން 121 މެގަވޮޓަށް އިތުރުކުރެވި، އަހަރަކު 908 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ހަކަތަ އުފެއްދުމަށް ތެލަށް ބަރޯސާވުން ނިމުމަކަށް ގެންނަވައި، ތިމާވެށްޓާ ރައްޓެހި ގޮތްގޮތަށް ހަކަތަ އުފައްދައި، ބޭނުންކުރާ ޤައުމަކަށް ބަދަލުކުރެއްވުން ކަމަށެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރެއްވުމަށް އއ. އުކުޅަހުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ރާއްޖޭގެ ތިމާވެށްޓަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ވެށްޓަށް ލިބޭ ގެއްލުންތަކާއި، އެއާ ވިދިގެން އަންނަ އިޤްތިޞާދީ އަދި އިޖުތިމާޢީ ނުރަނގަޅު ބަދަލުތައްކަމަށެވެ.

ރާއްޖެއަކީ ދުނިޔޭގެ ތިމާވެށި ޙިމާޔަތްކުރުމަށް އަދި ތިމާވެށްޓާ ރައްޓެހި ތަރައްޤީއަށް އެންމެ ބޮޑަށް ވަކާލާތުކުރާ އެއް ޤައުމުކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު އެންމެ ފުރަތަމަ ކުރާނީ ރާއްޖެފަދަ ބިންތިރި، ކުދި ޖަޒީރާ ޤައުމުތަކަށްކަމަށް ރައީސް ވިދާޅުވިއެވެ.

މިއީ މިއަދު ސައިންސްގެ އަލީގައި ފެންނަން އޮތް، ޙަޤީޤަތެއްކަން ފާހަގަކުރައްވައި، ދެމެހެއްޓެނިވި ތަރައްޤީގެ އުޞޫލުން ތިމާވެށްޓާ ރައްޓެހިކޮށް ތަރައްޤީވެވިދާނެކަން ދުނިޔެއަށް ހާމަކުރުމަކީ، ސަރުކާރުގެ އެއް އަމާޒުކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން 2030 ގެ ނިޔަލަށް ރާއްޖޭގެ އެމިޝަން ނެޓް ޒީރޯކުރެއްވުމަށް މަސައްކަތް ކުރައްވާނެކަން މުޅި ދުނިޔެއަށް އިޢުލާނުކޮށްފައިވާ ކަމަށާއި، މި މަގުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަން ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ފާއިތުވެދިޔަ 4 އަހަރުގެ ތެރޭގައި އަވިން ހަކަތަ އުފައްދާ 36 މެގަވޮޓްގެ ނިޒާމު އިތުރުކުރެވިފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ޑީސަލަށް ކުރާ ޚަރަދުން 270 މިލިއަން ރުފިޔާ ސަލާމަތްކުރެވޭ ކަމަށެވެ.

"ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި، އަވިން ހަކަތަ އުފައްދާ 36 މެގަވޮޓްގެ ނިޒާމުތައް ވަނީ އިތުރުކުރެވިފައި. މީގެ ސަބަބުން ކަރަންޓް އުފެއްދުމަށް ބޭނުންކުރާ ޑީސަލުން އަހަރަކު 17 މިލިއަން ލީޓަރު މަދުކުރެވި، ޑީސަލަށް ކުރާ ޚަރަދުން ގާތްގަނޑަކަށް 270 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ. އަދި ތެޔޮ އެންދުމުގެ ސަބަބުން ޖައްވަށް ބޭރުކުރާ ކާބަންޑައިއޮކްސައިޑުން 42,000 ޓަނު މަދުކުރެވޭނެ" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިތުރު 113 ރަށެއްގައި އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް އެކި މަރުޙަލާގައި މިހާރުވެސް ކުރިއަށް އެބަގެންދަވާ ކަމަށެވެ. އަދި މި މަޝްރޫޢުތައް ނިމުމުން ޢިއާދަކުރަނިވި ހަކަތައިގެ ޤާބިލުކަން ޖުމްލަ 121 މެގަވޮޓަށް އިތުރުކުރެވި، ބަޖެޓުން އަހަރަކު 908 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށެވެ.

"އިތުރު 113 ރަށެއްގައި، 68.4 މެގަވޮޓްގެ އަވިން ހަކަތަ އުފައްދާ ނިޒާމުތައް ޤާއިމްކުރުމުގެ މަސައްކަތް، އެކި މަރުޙަލާގައި މިހާރުވެސް ކުރިއަށް އެބަދޭ. މި މަސައްކަތްތައް ނިމުމުން، އިޢާދަކުރަނިވި ހަކަތައިގެ ޤާބިލްކަން، ޖުމްލަ 121 މެގަވޮޓަށް އިތުރުކުރެވޭނެ. މީގެ ސަބަބުން ބަޖެޓުން އަހަރަކު 908 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ. އަދި ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ 140,000 ޓަނު ޖައްވަށް ބޭރުނުކޮށް ފަރުޖެހޭނެ" ރައީސް ވިދާޅުވިއެވެ.

ގޭބީސީތަކަށް ސޯލަރ ހަކަތައިގެ މަންފާ ހޯދައިދިނުމަށް ހިންގާ ހޯމް ސޯލަރ ޕްރޮގްރާމްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ސޯލަރ ހަކަތަ ބޭނުންކުރަން ފެށި 300 ގޭބީސީތަކުގެ ކަރަންޓް ބިލުން ބޮޑު އިންސައްތައެއް ސަލާމަތްކުރެވޭ ކަމަށެވެ. މިސްކިތްތައް ސޯލަރ ކުރެއްވުމަކީވެސް މި ސަރުކާރުން ފެށްޓެވި މުހިންމު މަޝްރޫޢެއްކަން ފާހަގަކުރައްވައި، މި އަހަރުގެ ތެރޭގައި 155 މިސްކިތެއްގައި، 465 ކިލޯވޮޓުގެ ސޯލަރ ނިޒާމުތައް ހަރުކުރުމުގެ މަސައްކަތް ފަށްޓަވާނެކަން ރައީސް ވަނީ ހާމަކުރައްވައިފައެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރާއްޖެއަކީ ހަކަތައިގެ ބޭނުންތަކަށް، ތެލަށް ބަރޯސާނުވެ އިޢާދަކުރަނިވި ހަކަތައިން ތިމާވެށްޓާ ރައްޓެހި ގޮތްގޮތަށް ހަކަތަ އުފައްދައި ބޭނުންކުރާ ޤައުމަކަށް ހެއްދެވުންކަމަށެވެ. އަދި ރާއްޖެއަށް ގެނެވޭ ތަރައްޤީއަކީ، ވެށީގެ މުއްސަނދިކަމާއި، ރީތިކަން ބޭނުންކޮށްގެން، އެއާ އެކުއެކީގައި ކުރިއަށް ގެންދެވޭ އެއްޗަކަށް ހެއްދެވުމަކީ އަމާޒެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން މޯލްޑިވްސް ގްރީން ފަންޑުގެ އާމްދަނީން ކަނޑައެޅޭ ވަކި މިންވަރެއް، ތިމާވެށި ޙިމާޔަތްކުރުމުގެ މަސައްކަތްތަކަށާއި، މި ދާއިރާގެ އިންސާނީ ވަޞީލަތް ބިނާކުރުމަށާއި، މުއައްސަސާތަކުގެ ޤާބިލްކަން އިތުރުކުރުމަށާއި، ރިސަރޗް އެންޑް ޑިވެލޮޕްމަންޓްގެ މަސައްކަތްތަކަށާއި، ދާއިރާގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް އެހީތެރިވުމަށް ބޭނުންކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.