ރަސްމާލޭގައި 20 ބިލިޔަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓެއް ތަރައްޤީކުރުމަށް އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ "އީގަލް ހިލްސް" އާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއީ ދިވެހިރާއްޖޭގައި މިހާތަނަށް ހިންގާ ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް މަޝްރޫޢެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ ބާނީ އަދި ޗެއާމަން މުޙައްމަދު އަލަޢައްބާރުއާއި ދިވެހި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކޮށްފައިވަނީ އީގަލް ހިލްސްގެ ބާނީ އަދި ޗެއާމަން މުޙައްމަދު އަލަޢައްބާރުއެވެ. އަދި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ދެއްކެވި ވާހަކަފުޅުގައި މިއީ ރާއްޖެއަށް އެކިގޮތްގޮތުން ފައިދާ ލިބޭނެ އުއްމީދީ މަޝްރޫޢެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ.
"ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއަށް އެތައް ބިލިޔަން ޑޮލަރެއްގެ ފޮރިން އިންވެސްޓްމަންޓްސް ލިބޭނެ. 54،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތާއި، ދިވެހި އާއިލާތަކަށް އެތައް ހާސް ގެދޮރުގެ ފުރުޞަތު ހުޅުވި، އެކި ދާއިރާތަކުން ސީދާ ސަރުކާރަށް ލިބޭ އާމްދަނީ އިތުރުވާނެ." ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލަޢައްބާރު ވަނީ މިއީ ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެ އައު އުސްމިންތަކަށް ގެންގޮސްދޭނެ މަޝްރޫޢެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.
"ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުންވެސް ޚާއްސަ އަދި ވަރަށް ހިތްގައިމު މަންޒިލެއް. އަޅުގަނޑުމެން ބޭނުންވަނީ މި މަޝްރޫޢު ޒިިންމާދާރުކަމާއެކު ކުރިއަށްގެންގޮސް، ހަގީގަތުގައިވެސް ދުނިޔޭގެ ފެންވަރުގެ ތަނަކަށް ހެދުން." އީގަލް ހިލްސްގެ ޗެއާމަން ވިދާޅުވިއެވެ.
"ރަސްމާލެ" ގައި ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢުގެ ދަށުން ބައިނަލްއަޤްވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތައް، މަތީ ފަންތީގެ ބްރޭންޑެޑް ރެޒިޑެންސްތައް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދުނިޔޭގެ ފެންވަރުގެ މެރީނާއެއް، ވޯޓަރފްރަންޓް ޕްރޮމެނާޑްތައް، ރެސްޓޯރެންޓްތައް، ފިހާރަތައް އަދި ހިތްހަމަޖައްސައިލުމާއި ދުޅަހެޔޮކަމުގެ މަރުކަޒުތައް ޤާއިމުކުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ތަފާތު އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ޖުމްލަ އިންވެސްޓްމަންޓް 20 ބިލިޔަން ޑޮލަރަށް އަރާނެއެވެ. މިއީ އެ ކުންފުނިން އެއްފަހަރާ ކުރާ ކެޕިޓަލް އިންވެސްޓްމަންޓަކަށް ވުރެ ބޮޑަށް، މަޝްރޫޢުގެ އެކި މަރުޙަލާތަކުގައި ހިނގާނެ ކަމަށް ލަފާކުރެވޭ އިންވެސްޓްމަންޓްގެ އަދަދެވެ.
މި މަޝްރޫޢުގެ ސަބަބުން ރާއްޖެއަށް ބޮޑެތި އިޤްތިޞާދީ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
މި މަޝްރޫޢުގެ ތެރޭގައި ޖުމްލަ 30 ބިލިޔަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބި، ރާއްޖެއަށް ސާފު ފޮރިން އިންވެސްޓްމަންޓްގެ ގޮތުގައި ގާތްގަނޑަކަށް 18 ބިލިޔަން ޑޮލަރު ވަންނާނެ ކަމަށް ލަފާކުރެވެއެވެ. މީގެއިތުރުން، ސީދާ އަދި ނުސީދާ ގޮތުން 54،000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދި، މަޝްރޫޢު ފުރިހަމަވުމުން އަހަރަކު އެއް މިލިޔަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު 2 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވެއެވެ.
މާލޭގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި 1،100 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކައިގެން ގާތްގަނޑަކަށް 65،000 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ސަރުކާރުން ރާވާފައިވާ ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ ތާރީޚުގައ ވެސް ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫޢެވެ.
ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ އަހަރުގެ މެއި މަހު ދުބާއީގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއާ ގުޅިގެން 8.8 ބިލިޔަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރެއް ތަރައްޤީ ކުރުމުގެ އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކޮށްފައެވެ.
އީގަލް ހިލްސްއަކީ ބުރިޖު ޚަލީފާ އަދި ދުބާއީ މޯލް ތަރައްޤީކުރި އެމާރ ޕްރޮޕަޓީސްގެ ބާނީ މުޙައްމަދު އަލަޢައްބާރުގެ އަމިއްލަ ކުންފުންޏެކެވެ. އެ ކުންފުނިން ދަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ވޯޓަރފްރަންޓް މަޝްރޫޢުތައް ހިންގަމުންނެވެ.