ޖަޕާނުގައި މިހާރު ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އެތުލެޓިކްސް އަދި ބެޑްމިންޓަން ޓީމު ޖަޕާނަށް ފުރައިފިއެވެ.
ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނެނީ ހަތަރު އެތުލީޓުންނެވެ. އެއީ އަންހެން ދެ އެތުލީޓުންނާ ފިރިހެން ދެ އެތުލީޓުންނެވެ. ބެޑްމިންޓަން ޓީމުގެ އެތުލީޓުންނަކީ ޒަޔާން ޒަކީ، ނިބާލް އަހުމަދު، އައިމިނަތު ނަބީހާ (ނަބީ) އަދި ފާތިމަތު ނަބާހާ (ނަބާ)އެވެ.
ގައުމީ ބެޑްމިންޓަން ޓީމުން ޖަޕާނަށް ފުރިއިރު، މިދިޔަ މަހު މި ހަތަރު ކުޅުންތެރިން ވަނީ ރިވައިވަލް ސްޕޯޓްސްއާއެކު ތަމްރީނުތަކެއް މެލޭޝިއާގައި ކުރިއަށް ގެންގޮސްފައެވެ. އެ ފަހަރު ރިވައިވަލް ސްޕޯޓްސް އިން ބުނީ މި ތަމްރީނުތަކަކީ އޭޝިއަން ގޭމްސް އަދި އަންނަ އަހަރު ގައުމީ ޓީމު ކުޅޭ މުބާރާތްތަކަށް އަމާޒުކޮށް ބޭއްވި ތަމްރީނުތަކެއް ކަމަށެވެ.
ބެޑްމިންޓަންގެ އިތުރުން ގައުމީ އެތުލެޓިކްސް ޓީމުވެސް ވަނީ ޖަޕާނަށް ފުރައިފައެވެ. ޖަޕާނަށްފުރި ގައުމީ އެތުލެޓިކްސް ޓީމުގައި ހިމެނެނީ ފިރިހެން އެތުލީޓުންނެވެ. އޭގެ ތެރޭގައި ފަސްވަނަ ފަހަރަށް އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، ޖެމެއިކާގައި ތަމްރީނު ފުރިހަމަ ކުރަމުން އަންނަ އިބާދުﷲ އާދަމް، އިބްރާހިމް ނާހިލް ނިޒާރު، އާދަމް ރިއްފަތު، ހުސެއިން ޒީކް ސުއާދު އަދި ޒުއިޒު މުހައްމަދު ސުއާދު ހިމެނެއެވެ. އޭގެ ތެރެއިން އިބާދުﷲ ޓީމާ ގުޅުނީ ޖެމެއިކާ ކޮޅުން ޖަޕާނަށް ގޮހެވެ.
މީގެ ކުރިން ޕީއެސްއެމްގެ ކުޅިވަރު ފައިލް ޕްރޮގްރާމްގައި ވާހަކަ ދައްކަމުން އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އަހުމަދު މުންތަގިމް ވިދާޅުވީ އެތުލެޓިކްސް އިން މި ފަހަރުގެ ގޭމްސްއަށް ދާއިރު، އަމާޒަކީ މި ގޭމްސްގެ ސަބަބުން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު ދެ ގޭމްސް ކަމަށްވާ ސައުތު އޭޝިއަން ގޭމްސް އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުން ކަމަށެވެ.