ރަސްމާލޭގައި ހިންުގުމަށްހަމަޖެހިފައިވާ 20 ބިލިޔަން ޑޮލަރުގެ މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ކުރިއެރުންތަކެއް ލިބުމުގެ އިތުރުން، އެ މަޝްރޫއު ފެށިގެންދާނީ 5000 ހައުސިން ޔުނިޓާއެކު ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މާލީ ވަޒީރު މިހެން ވިދާޅުވީ ރަސްމާލޭގައި 20 ބިލިޔަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓެއް ތަރައްޤީކުރުމަށް އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ "އީގަލް ހިލްސް" އާއި ދިވެހި ސަރުކާރާ ދެމެދު ގާއިމްކުރި އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
މާލީ ވަޒީރު ވިދާޅުވީ ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓެއް ތަރައްޤީކުރުމަށް އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ "އީގަލް ހިލްސް" އާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރި އެއްބަސްވުމަކީ ތާރީހީ އެއްބަސްވުމެއްކަމަށެވެ. އެގޮތުން މިއީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގާ އެންމެ ބިޔަ އަދި އެންމެ އަގުބޮޑު މަޝްރޫޢުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ 20 ބިލިޔަން ޑޮލަރުގެ މަޝްރޫޢުގެ ދަށުން ތަރައްގީ ކުރާނީ ހަމައެކަނި ވޯޓަރފްރަންޓް އަދި މެރީނާ ނޫންކަމަށާއި ދިވެހި ރައްޔިތުންނަށް އެތައް ފައިދާތަކެއް ލިބޭނެ މަޝްރޫއުތައް ކުރިއަށްދާނެކަަމަށެވެ. އެގޮތުން މި މަޝްރޫއު ހަވާލުކުރި އަބޫދާބީ އީގަލް ހިލްސްއިން 500 މިލިޔަން ޑޮލަރު ހަރަދުކޮށްގެން ދިވެހި ރައްޔިތުންނަށް އެކި ފެންވަރުގެ 5000 ހައުސިން ޔުނިޓް ތަރައްގީ ކޮށްދެއްވާނެކަމަަށެވެ.
ވަޒީރު ވިދާޅުވީ 5000 ހައުސިން ޔުނިޓް ތަރައްގީކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށާނެކަމަށެވެ. އަދި މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ސަރުކާރުން ބޮޑަށް ބޭނުންވަނީ ހުޅުމާލޭގައިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އަބޫދާބީ ކުންފުންޏާއެކު ގާއިމްކުރި 20 ބިލިޔަން ޑޮލަރުގެ އެއްބަސްވުމަކީ ރާއްޖޭގެ ތާރީހުގައި ހިންގާ އެންމެ ބިޔަ މަޝްރޫއުކަމަށާއި، ރާއްޖޭގެ ޖިޑީޕީޢަކީ 7.7 ބިލިޔަން ޑޮލަރުކަމަށާއި، މި މަޝްރޫއުއަކީ ރާއްޖޭގެ ޖީޑީޕީއަށްވުރެ 3 ގުނަ ބޮޑު އިންވެސްޓްމެންޓަކަށްވުމުން، މި މަޝްރޫއުގެ ސަބަބުން އިގްތިސާދަށް އިންގިލާބީ ކުރިއެރުންތަކެއް ލިބި، މުޅި އިގްތިސާދު ބަދަލުވެގެންދާނެކަމަށް ވަޒީރު ވިދާޅުވިޢެވެ.