ދުނިޔޭގެ ވިޔަފާރި

ހޫޘީން ދިން ޙަމަލާ އާއި ގުޅިގެން ތެލުގެ ވިޔަފާރިއަށް ގެއްލުމެއް ނުވޭ: އަރަމްކޯ


ހޫޘީން ދިން ހަމަލާގައި ތެލުގެ ވިޔަފާރިއަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ސައުދީގެ އަރަމްކޯ ކުންފުނިން ބުނެފިއެވެ.

ޔަމަންގައި ހަރަކާތްތެރިވާ ހަނގުރާމެވެރި އިދިކޮޅު ޖަމާޢަތް ހޫޘީއިން މިދިޔަ ހޯމަ ދުވަހު ވަނީ ޖިއްދާގެ ރެޑްސީ ސިޓީގައި ހުންނަ އަރަމްކޯގެ ޕެޓްރޯލިއަމް ޑިސްޓްރިބިއުޝަން ސެންޓަރަކަށް ޑްރޯން ހަމަލާއެއް ދީފައެވެ. ހަމަލާ ދިންތާ 40 ވަރަކަށް މިނެޓްގެ ތެރޭގައި އަލިފާންގަނޑު އެއްކޮށް ނިއްވާލާފައި ވެއެވެ. މި ހަމަލާގައި ޕެޓްރޯލިއަމް ސައިޓުގައި ހަރަކާތްތެތެރިވި އެއްވެސް މުއައްޒަފަކަށްވެސް އަދި އާންމު ރައްޔިތަކަށްވެސް ގެއްލުމެއް ވެފައެއް ނުވެއެވެ.

މި ހަމަލާ އާއި ގުޅޭގޮތުން އަރަމްކޯއިން ނެރުނު ބަޔާނެއްގައި ވަނީ ހޫޘީންގެ ހަމަލާއިން ގެއްލުންވެފައި ވަނީ އަރަމްކޯގެ ޕެޓްރޯލިއަމް ޑިސްޓްރިބިއުޝަން ތޭރަ ސެންޓަރުގެ ތެރެއިން އެއް ސެންޓަރުގެ ޕްލާންޓަކަށް ކަމަށެވެ. މި ހަމަލާގައި އެ ޕްލާންޓް ބޭނުންނުކުރެވޭވަރަށް ހަލާކުވެފައި ވާއިރު، މި ޕްލާންޓް ނެތުމުން އެ ފެސިލިޓީގައި ތެޔޮ އުފައްދާ މިންވަރު 10 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް އަރަމްކޯއިން ބުނެއެވެ. މި ޕްލާންޓަކީ ދުވާލެއްގެ މައްޗަށް ސަތޭކަ ވިހި ހާސް ބެރެލްގެ ތެޔޮ އުފައްދާ ޕްލާންޓެއްކަމުގައި ވިޔަސް، މިހަމަލާގެ ގެއްލުން ކުޑަކުރުމަށް އެހެން ޕްލާންޓްތަކުގެ ޕްރޮޑަކްޝަން ރޭޓް އިތުރުކުރުމުން އަރަމްކޯގެ ވިޔަފާރިއަށް އެހަމަލާގެ އެއްވެސް އަސަރެއް ނުކުރާކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ހޫޘީން މިދިޔަ ހޯމަ ދުވަހު ހަމަލާ ދީފައި ވަނީ ޖިއްދާގެ ރެޑްސީ ސިޓީގައި ހުރި ޕްލާންޓަކަށް ކަމުގައި ވާއިރު، މި ޕްލާންޓަކީ ޖިއްދާގެ ކިންގ އަބްދުލް އަޒީޒް އިންޓަނޭޝަނަލް އެއަރޕޯޓް ބޭރުގައިވާ ޕްލާންޓެކެވެ. މި އެއަރޕޯޓަކީ މުސްލިމު އުމްރާވެރިން މި ދުވަސްވަރު އެންމެ ގިނައިން ބޭނުންކުރަމުންދާ އެއަރޕޯޓްކަމުގައިވާއިރު، މި ހަމަލާގެ ސަބަބުން އެއަރޕޯޓްގެ ސަލާމަތީ ފިޔަވަޅުތައް ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ.