ޔަހޫދީން ޣައްޒާ ޙިޞާރުކޮށް، މަރާމާތަށް ބޭނުންވާ ތަކެތި އެތެރެކުރުން ހުއްޓުވާފައިވުމުގެ ސަބަބުން ޣައްޒާގެ 34 އޮކްސިޖަން ސްޓޭޝަނުގެ ތެރެއިން 22 ސްޓޭޝަނެއްގެ ޚިދުމަތް ހުއްޓި، ބާކީ ހުރި 12 ސްޓޭޝަންވެސް ހުއްޓިދާނެކަމުގެ އިންޒާރު ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ދީފިއެވެ.
ޔަހޫދީން ޣައްޒާ ޙިޞާރުކޮށް، މަރާމާތަށް ބޭނުންވާ ބައިތައް އެތެރެކުރުން ހުއްޓުވާފައިވުމުގެ ސަބަބުން ޣައްޒާގެ 34 އޮކްސިޖަން ސްޓޭޝަނުގެ ތެރެއިން 22 ސްޓޭޝަނެއްގެ ޚިދުމަތް ހުއްޓިފައިވާ ކަމަށް ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހޮނިހިރު ދުވަހު ވަނީ އިންޒާރުދީފައެވެ.
އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާރު ހިންގަމުންދާ 12 ސްޓޭޝަންވެސް މަސައްކަތް ކުރަމުންދަނީ ނުހަނު ނުރައްކާތެރި އަދި ފަންނީ ގޮތުން ދަތި ޙާލަތެއްގައި ކަމަށެވެ. މީގެ ސަބަބުން ސިއްޙީ މަރުކަޒުތަކަށް ބޭނުންވާ އޮކްސިޖަން ފޯރުކޮށްދިނުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ.
އެ ވުޒާރާއިން އިތުރަށް ބުނީ، އޮކްސިޖަން ފުޅިތައް ފުރަން ބޭނުންކުރާ 30 މެޝިނުގެ ތެރެއިން މިހާރު މަސައްކަތް ކުރަނީ އެންމެ 4 މެޝިން ކަމަށެވެ. އަދި ކުއްލި މަރާމާތުތައް ކުރުމަށް ފަންނީ މުވައްޒަފުންނަށް ފުރުޞަތު ނުލިބޭތީ، އެ މެޝިންތައްވެސް ކޮންމެ ވަގުތެއްގައިވެސް ހުއްޓިދާނެ ކަމަށް ވަނީ ބުނެފައެވެ.
"އޮކްސިޖަން ލިބުމަކީ ޞިއްޙީ އިމްތިޔާޒެއް ނޫން، އެއީ އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރުމަށް އޮތް ހަމައެކަނި މަގު،" ކަމަށް ބުނެ އެ ވުޒާރާއިން ވަނީ ސްޓޭޝަންތައް މަރާމާތުކުރުމަށް ބޭނުންވާ ސާމާނާއި އިތުރު ބައިތައް ހޯދުމަށް، މަގުފަހިކޮށްދިނުމަށް ބައިނަލްއަޤްވާމީ ފަރާތްތަކަށް ގޮވާލާފައެވެ.
މި އިންޒާރު އައިސްފައިވަނީ، އެމްބިއުލަންސްތަކާއި ހޮސްޕިޓަލްތަކުގެ ޖެނެރޭޓަރުތަކަށް ބޭނުންވާ އިންޖީނު ތެލާއި އިތުރު ބައިތައް، އެތެރެކުރުން ޔަހޫދީން ހުއްޓުވާފައިވާ ކަމަށް އޮގަސްޓު 12 ގައި "ޑޮކްޓާސް ވިތައުޓް ބޯޑާސް" ނުވަތަ މެޑިސިންސް ސަންސް ފްރޮންޓިއާސް (އެމްއެސްއެފް) އިން ބުނެފައިވާ ދަނޑިވަޅެއްގައެވެ.
އދ. ގެ އޯޗާ (އޯ.ސީ.އެޗް.އޭ) އިން އޮގަސްޓު 14 ގައި ނެރުނު ރިޕޯޓުގައިވާ ގޮތުން، ޣައްޒާއަށް ތަކެތި އެތެރެކުރެވޭ ހަމައެކަނި މަގަކީ ކަރަމް އަބޫ ސާލިމް (ކެރެމް ޝަލޯމް) މަގެވެ. ނަމަވެސް، ޒަރޫރީ އަދި އަސާސީ ގާތްގަނޑަކަށް ހުރިހާ ސާމާނެއް އެތެރެކުރުމަށްވެސް ނިރުބަވެރި ޔަހޫދީން ދަނީ ހުރަސްއަޅަމުންނެވެ.
ޣައްޒާގެ ސިއްހީ ނިޒާމާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ޔަހޫދީންގެ އުދުވާނަށްފަހު، 10 އޮކްޓޯބަރު 2025 އިން ފެށިގެން ހަމަލާ ބަދަލުކުރުން ހުއްޓާލާފައި އޮތް ނަމަވެސް، ހުރަސްތަކުގެ ސަބަބުން ސިއްހީ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.