ދުނިޔޭގެ ވިޔަފާރި

އެޕަލްގެ އަމިއްލަ ޗިޕްތައް ބޭނުންކުރާ ފުރަތަމަ މެކްބުކް ސީރީޒް ލޯންޗްކޮށްފި


އެޕަލްގެ އަމިއްލަ ޗިޕްތައް ބޭނުންކުރާ ފުރަތަމަ މެކްބުކް ސީރީޒް ލޯންޗްކޮށްފިއެވެ.

މިހާތަނަށް އެޕަލްގެ މެކް ކޮމްޕިއުޓަރތަކުގައި ބޭނުންކުރަމުން އައީ އިންޓެލް ކުންފުނީގެ ޗިޕްތަކެކެވެ. އެޕަލްގެ އަމިއްލަ ޗިޕްތައް އުފައްދާނެކަން މިއަހަރު ކުރީކޮޅުވެސް އެޕަލްއިން ވަނީ ހާމަކޮށްފައެވެ.

އެޕަލްގެ މެކްބުކް ސީރީޒް ލޯންޗްކޮށްފައި ވަނީ ނޮވެމްބަރުމަހުގެ 10 ވަނަ ދުވަހު ބޭއްވި ޚާއްސަ އޮންލައިން ޙަޕްލާއެއްގައެވެ. މިއީ މިފަހުން އެޕަލްއިން ބޭއްވި މިފަދަ 3 ވަނަ ރަސްމިއްޔާތެވެ. އެޕަލްއިން މީގެ ކުރިން ބޭއްވި 2 އިވެންޓްގައި އައިފޯނު ޓްވެލް ސީރީޒްގެ ފޯނުތައް ދައްކާލާފައިވާއިރު، އޭގެ ކުރިން ބޭއްވި އިވެންޓްގައި ވަނީ އައު އެޕަލްގެ ވޮޗް ސީރީޒް އަދި އައިޕެޑްގެ އައު އުފެއްދުންތަކެއް ތަޢާރަފްކޮށްފައެވެ.

އެޕަލްގެ އެންމެ ފަހު އިވެންޓްގައި މިއަހަރު އެ ކުންފުނިން އެންމެ ފަހުން ތަޢާރަފްކުރާނެ ގެޖެޓް ތަޢާރަފްކުރާނެކަން އެ ކުންފުނިން އާންމުކުރި ޓީޒަރގައި ވަނީ ހާމަކޮށްފައެވެ. އެގޮތުން މި ޙަފްލާގައި އެޕަލްގެ އަމިއްލަ ޗިޕްތައް ބޭނުންކުރާ ފުރަތަމަ މެކްބުކް ސީރީޒް ވަނީ ލޯންޗްކޮށްފައެވެ. މިއަހަރުގެ ޖޫންމަހު ބޭއްވި ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސްގައި އެޕަލްއިން އެންމެ ފުރަތަމަ ދައްކާލި އެ ކުންފުނީގެ ސިލިކޮން ޗިޕް، "އެމް ވަން"އަކީ އެ ކުންފުނިން އަހަރުތަކެއް ވަންދެން އައިފޯންއާއި އައިޕެޑްތަކުގައި ބޭނުންކުރާ އޭ ސީރީޒްގެ ޗިޕްއެކެވެ. އެގޮތުން "އެން ވަން" ޗިޕް ބޭނުންކުރާ މެކް ބުކް އެއަރ، މެކްބުކް ޕްރޯ އަދި މެކް މިނީ ވަނީ ތަޢާރަފްކޮށްފައެވެ.

މެކްބުކް އެއަރ

13 އިންޗީގެ ސްކްރީނެއް ހުންނަ މެކްބުން އެއަރވެގެންގޮސްފައި ވަނީ އެޕަލްގެ އަމިއްލަ ޗިޕްކަމުގައިވާ "އެމް ވަން" ޗިޕް ހަރުކުރި އުފެއްދުންތަކުގެ ތެރެއިން ކުންފުނިން އެންމެ ފުރަތަމަ ދައްކާލި އުފެއްދުމަށެވެ.

އެޕަލްއިން ވަނީ މި ޗިޕްގެ ސަބަބުން ވިންޑޯސްގެ ލެޕްޓޮޕްތަކަށްވުރެ މި މެކްބުކް 3 ގުނަ އަވަސްވާނެކަމަށް ބުނެފައެވެ. އައު ޗިޕްގެ ސައިޒުގެ ކުޑަކަމާއި އެޕިޝެންސީ ރަނގަޅުވުމުގެ ސަބަބުން މެކްބުކްގައި އިންނަ ކޫލިނގް ފޭންވެސް މިފަހަރު ވަނީ ނަގާފައެވެ. މި ސަބަބަށްޓަކައި މެކްބުކް އެއަރވެގެން ދާނީ އެންމެ އަޑުމަޑު މެކްބުކްއަށެވެ. މެކްބުން އެއަރ ވިއްކަން ފަށާނީ 999 ޑޮލަރަށްކަމަށް އެޕަލްއިން ވަނީ ހާމަކޮށްފައެވެ.

މެކްބުކް ޕްރޯ

އެޕަލްއިން އެ ކުންފުނީގެ އައު ޗިޕް އެންމެ ފަހުގެ މެކްބުކް ޕްރޯގައިވެސް ވަނީ ހަރުކޮށްފައެވެ. މެކްބުކް ޕްރޯގައިވެސް 13 އިންޗީގެ ސްކްރީނެއް ހުންނައިރު އައު ޗިޕްގެ ސަބަބުން އެއިޓް ކޭގެ ވީޑިއޯތަކާއި ޕްލޭބެކްތައް ވަރަށް އަވަސްކަމާއެކު ލޯޑްކޮށްލައެވެ. އަދި މި ޗިޕްއަކީ މެޝިން ލާނިން ފީޗަރ ހުންނަ ޗިޕްއެއްކަމުން ޙާލަތާއި ގުޅޭގޮތުން ސިސްޓަމްގެ އޮޕަރޭޝަންތައް ބަދަލުކޮށްލައެވެ.

އައު ޗިޕްގެ ސަބަބުން މެކްބުކްގެ ބެޓެރި ލައިފްވެސް ވަނީ އިތުރުކޮށްދީފައެވެ. އެގޮތުން މިހާރު މި ޗިޕްއާއެކު މެދުކެނޑުމެއްނެތި 17 ގަޑިއިރު ވެބް ބްރައުޒް ކޮށްލެވޭއިރު 20 ގަޑިއިރު ވީޑިއޯ ބަލާލެވޭނެއެވެ. އަލަށް ތަޢާރަފްކުރި މެކްބުކް ޕްރޯގެ އަގަކީ 1199 ޑޮލަރެވެ.

މެކް މިނީ

މެކް މިނީއަކީ މި އިވެންޓްގައި އެޕަލްއިން ތަޢާރަފްކުރި އެންމެ ކުޑަ އަދި އެންމެ އަގުހެޔޮ އުފެއްދުމެވެ. 699 ޑޮލަރަށް ވިއްކާ މި އުފެއްދުމުގައިވެސް "އެމް ވަން" ޗިޕް ހަރުކުރުމުން ސްޕީޑް ވަރަށް އަވަސްވާނެއެވެ. އަދި މެކް މިނީގައި ޔޫއެސްބީގެ ސީ ޕޯޓްއެއް ހުރުމުން އެހެން އުފެއްދުންތަކާއި ފަސޭހައިން ގުޅާލެވޭނެއެވެ.

އެޕަލްއިން ވަނީ އެ ކުންފުނީގެ އަމިއްލަ ޗިޕްތައް ބޭނުންކުރާ ފުރަތަމަ މެކްބުކް ސީރީޒްގެ ޕްރީ އޯޑަރ އަންނަ އަންގާރަ ދުވަހު ހުޅުވާލާނެކަން ހާމަކޮށްފައެވެ.