ޚަބަރު

ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް ކަށިމާ އަޙްމަދު ޝާކިރަށް


  • ކަށިމާ ޝާކިރުވަނީ ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައި

  • ކަށިމާ ޝާކިރު ދިވެހި ދައުލަތުގެ ޚިދުމަތް ފެށްޓެވީ، 1969ވަނަ އަހަރު

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށާއި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ އަލްއުސްތާޛް އަޙްމަދު ޝާކިރު ކަށިމާއަށް ދިވެހި ދައުލަތުން އަރުވާ ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް އަރުވައިފިއެވެ.

ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް އަޙްމަދު ޝާކިރަށް އެރުއްވީ ހއ. އުތީމުގައި ބޭއްވި މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި ޝަރަފު ކަށިމާ ޝާކިރަށް އެރުވީ ދިވެހި ޤައުމީ ބަހާތަކަށް އަދި ރާއްޖޭގެ ތާރީޚަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައި، އިޚުލާޞްތެރިކަމާއެކުގައި ކޮށްދެއްވާފައިވާ ޚިދުމަތްތައް އަގުވަޒަންކުރުމުގެ ގޮތުންނެވެ.

ކަށިމާ އަޙްމަދު ޝާކިރު، ދިވެހި ދައުލަތުގެ ޚިދުމަތް ފެށްޓެވީ، މީލާދީ ސަނަތުން 1969ވަނަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ. މެދުނުކެނޑި 41 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތުގެ ޚިދުމަތުގައި އުޅުއްވުމަށްފަހު، 2010 ވަނަ އަހަރުގެ ތެރޭގައި ވަކިވެވަޑައިގެންނެވިއިރު، ދައުލަތުގެ އެކި އިދާރާތަކުގައި އިސް މަގާމުތަކެއް ފުރުއްވާފައިވެއެވެ. އެމަގާމުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގގެ ވަކީލު ކަމުގެ މަގާމާއި، ޝިޕިންގ މާސްޓަރ ކަމުގެ މަގާމާއި، ޑިރެކްޓަރ އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމު ހިމެނެއެވެ. އޭގެފަހުން، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމާއި، އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމު ފުރުއްވިއެވެ. ދައުލަތުގެ ޚިދުމަތުން ވަކިވެވަޑައިގަތުމަށްފަހު، 12 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން ވިލާކޮލެޖުގައި ކިޔަވައި ދެއްވައި، ސީނިއަރ ކަރިކިއުލަމް ޑިވެލޮޕަރއެއްގެ މަގާމުގައި މަސައްކަތް ކުރައްވާފައިވެއެވެ.

ކަށިމާ އަޙްމަދު ޝާކިރު، ސަރުކާރުގެ ޗާޕުޚާނާއިން ފެށްޓެވި ފުރަތަމަ ވަޒީފާ ހިމެނުނީ، ދިވެހިބަހާއި އަދަބިއްޔާތުގެ ތެރެއަށް ވެދެވަޑައިގަތުމަށް ހުޅުވިގެންދިޔަ ތަނަވަސް ދޮރެއްކަމުގައެވެ. އެދުވަސްވަރު ޗާޕުޚާނާގައި މަސައްކަތް ކުރައްވަން ތިއްބެވީ، މިއަދު ދިވެހި އަދީބުންނާއި ހުނަރުވެރިންނާއި، މޮޅު ލިޔުންތެރީންގެ ނަންފުޅުތައް އެ ލިސްޓަކުން ފެންނަ ލިސްޓުގައި ހިމެނިވަޑައިގަންނަވާ ބޭބޭފުޅުންނެވެ. އެބޭފުޅުންގެ ތެރޭގައި، ދިވެހި އަދަބިއްޔާތުގެ އުސްތާޛު ޢަބްދުﷲ ޞާދިޤު (ނ.ޢ.ޢ.ވ) އާއި، ޢަލީ ފަހުމީ (މަޝްހޫރު ތަބައް އަލިފުޅު) އާއި، އަލިބެދޮހޮއްކޮ ދޮންޢަލިފުޅާއި، މުޙައްމަދު ޞާދިޤް ފަދަ މުހިންމު ކިތަންމެ ބޭފުޅުންނެއް ހިމެނިވަޑައިގަތެވެ. ނަތީޖާއަކަށްވީ، ދިވެހިބަހުގެ މުއްސަނދި ބަސްކޮށާރުގެ ފުން ކަނޑުގެ ތެރެއިން އަދަބީ ރަންމުތްތަކެއް ހޯއްދެވުމުގެ ފުރުސަތު ލިބިވަޑައިގަތުމެވެ. އަދި ދިވެހި އަދަބިއްޔާތުގެ ފަށުވި ޢިބާރާތްތަކަށް ލޯފުޅު ހުޅުވިގެން ދިޔުމެވެ.

1970ގެ އަހަރުތައް ފެށުނުތަނާހެން ރާއްޖެއިން ރޯމަސް ގަންނަން އައި ޖަޕާނުގެ މަރުބޭނީ ކޯޕަރޭޝަންގެ ހޯކޯމާރޫ 56 އަށް ސަރުކާރުން ފޮނުއްވި ދިވެހި 5 އޮފިޝަލުންގެ ތެރޭގައިވެސް ހިމެނިވަޑައިގަތުމުގެ ފުރުސަތު ކަށިމާ އަޙްމަދު ޝާކިރަށް ލިބިވަޑައިގެންނެވިއެވެ. މި ފުރުސަތު ހިމެނިގެން ދިޔައީ، ދިވެހިބަހުގެ އަދަބިއްޔާތުގެ ލިޔުންތެރިކަމާއި، ތަރުޖަމާކުރުމާއި، ޅެން ހެއްދެވުމުގެ ރޮނގުން ކުރިއަށް ވަޑައިގަތުމަށް ލިބިވަޑައިގެންނެވި އިތުރު ފުރުސަތެއް ކަމުގައެވެ. ހޯކޯމާރޫ ބޯޓުގައި ކަނޑުމަތީގައި އުޅުއްވި ދުވަސްވަރު ލިބިވަޑައިގެން ހުސްވަގުތުތަކުގެ ތެރޭގައި ލޯބީގެ ވާހަކައެއްކަމުގައިވާ "ގިވްމީ ބެކް މައިހާޓް" ދިވެހި ބަހަށް ތަރުޖަމާ ކުރައްވައި "އަހަރެންގެ ހިތް އަނބުރާ އަހަންނަށް ދޭށެވެ" އެ ތަރުޖަމާ، އެދުވަސްވަރު ނެރުނު ދުވަހު ނޫސް "ވިޔަފާރި މިއަދު" ގައި ޝާއިޢު ކުރެއްވިއެވެ.

ޝާކިރަށް ލިބިވަޑައިގެންނެވި މި ފުރުސަތުގެ ބޭނުންފުޅު ހިއްޕެވީ ހަމައެކަނި ޅެން ހެއްދެވުމާއި ވާހަކަ ތަރުޖަމާ ކުރެއްވުމަކަށް ނޫނެވެ. އިތުރު ބަހެއް ދަސްކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތެއް ކަމުގައި ދެކެވަޑައިގެން، ޖަޕާނު ބަސް ދަސްކުރެއްވުމުގެ މަސައްކަތްޕުޅުވެސް ކުރިއަށް ގެންދެވިއެވެ. ނަމަވެސް ބޯޓަށް ދިމާވި މައްސަލައަކާ ގުޅިގެން އަހަރެއްހައި ދުވަހުގެ މަސައްކަތަށްފަހު، އެނބުރި މާލެ ވަޑައިގަންނަވަން ޖެހިވަޑައިގަތެވެ.

އަޙްމަދު ޝާކިރުގެ ޚިދުމަތް ދެން ފެންނަން ފެށީ، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނުގެ ބެއްލެވުމުގެ ދަށުން ހިންގަވަމުން ގެންދެވި އޭ.ޓީ.އޭ (އަތިރީ މާފަންނުގޭ ޓްރޭޑިންގ އެކައުންޓް)ގެ ތެރެއިންނެވެ. އެތާނގެ ސެކްރެޓަރީއެއްގެ ގޮތުގައި ހުންނަވަނިކޮށް، އެމްޖީބީއެސްގެ އެކައުންޓްސް ޑިވިޜަން އުފައްދަވައި، އެތާނގެ ސެކްރެޓަރީއަކަށް ބަދަލު ކުރެއްވިއެވެ.

1977ވަނަ އަހަރުގެ އެޕްރީލުމަހު މަޖީދިއްޔާގެ ރަން ޔޫބީލް ފާހަގަކުރުމަށް މަޖީދިއްޔާގެ ހޯލުގައި ބާއްވަމުން ގެންދިޔަ ތަމްސީލު ޝޯތަކުގައި އެންމެ މުހިންމު ބައިތަކެއް އަދާކުރެއްވި އެއް މުމައްސިލަކަށް ހުންނެވީވެސް ކަށިމާ އަޙްމަދު ޝާކިރެވެ. "ތިން އުނދަގޫ" ތަމްސީލުގެ މުހިންމު ރޯލާއި، ޕޯޗުގީޒު އިސް އޮފިސަރުގެ ރޯލާއި، މަޖާ އެކުވެރިއެއްގެ ރޯލާއި، މިނޫންވެސް ތަފާތު މަންޒަރުތަކުން އެ ސްޓޭޖުން ފާހަގަކުރެވުނު އެންމެ މުހިންމު 5 މުމައްސިލުންގެ ތެރޭގައި ހިމެނިވަޑައިގެން އޭރުގެ ރައީސް އިބްރާހީމް ނާޞިރުގެ އެދިވަޑައިގަތުމަކަށް، އެ މަނިކުފާނުގެ ބެއްލެވުމުގެ ދަށުން ހިންގަވަމުން ގެންދެވި އޮލިމްޕިއަންސްގެ ޝޯތަކުގައިވެސް ތަމްސީލުތައް ކުޅުއްވަމުން ގެންދެވިއެވެ. މަޝްހޫރު ޗިޅިޔާ މޫސާ މަނިކާއި، ކޮޕީ މުޙައްމަދު ރަޝީދާއި، މުޙައްމަދު ޝާހިދު ޙަލީމާއި، އަނޯނާ އިބްރާހީމް މޫސާއާއި، ކަށިމާ ޝާކިރު، ތަމްސީލު ކުޅުއްވުމުގެ ރޮނގުން ރާއްޖެއަށް މަޝްހޫރުވެގެން އައީ، މިހައި ހިސާބުންނެވެ.

އޮލިމްޕިއަންސްގެ ދައުރުނިމިގެން ދިޔުމާއެކު ޝާކިރާއި، ޝާކިރުގެ އެކުވެރި އަނެއް 4 ބޭފުޅުން ގުޅިވަޑައިގެން، ކަލްޗަރަލް އެންޑް ޑްރެމެޓިކް ސޮސައިޓީ (ސީ.ޑީ.އެސް.) ގެ ނަމުގައި ތަމްސީލު ކުޅޭނެ ޖަމާޢަތެއް އުފައްދަވައި، 10 އަހަރު ދުވަސްވަންދެން ކޮންމެ އަހަރަކު އޮލިމްޕަސް ސްޓޭޖުގައި ޝޯތައް ބާއްވަމުން ގެންދިޔައެވެ.

އެ ދުވަސްވަރަކީ، ޓެލެވިޜަން މޯލްޑިވްސްވެސް ވުޖޫދަށް އައި ދުވަސްވަރެވެ. ގިނަދުވަސްތަކެއްނުވެ ޝާކިރުގެ ވަޒީފާ، ޓީ.ވީ މޯލްޑިވްސްގެ ޕުރޮގުރާމު ޕްރޮޑިއުސަރަކަށް ބަދަލު ކުރެއްވިއެވެ. އެހައި ހިސާބުން ޝާކިރުގެ އަދަބީ މަސައްކަތް އަނެއްކާވެސް އިތުރަށް ފުޅާވެ، ޢާންމުންނަށްވެސް ފެންނަން ފެށިއެވެ. ޓީވީއަށް ޕުރޮގުރާމުތައް ހެއްދެވުމާއި، ޑޮކިއުމެންޓްރީތަކަށް އަޑުއެޅުއްވުމާއި، ޓެލެޑްރާމާތަކަށް ސްކްރިޕްޓް ލިޔުއްވުމާއި، ވާހަކައާއި، ސްކްރީންޕްލޭ ލިޔުއްވުމުގެ މަސައްކަތް ފެށްޓެވިއެވެ.

މީގެއިތުރުން، 1980 ގެ އަހަރުތައް ފެށުނުތަނާހެން، ޓީވީ މޯލްޑިވްސް އިން ތައްޔާރުކުރި "ޣާޒީ ބަންޑާރައިން"ގެ ފިލްމުގެ ޙަސަން ތަކުރުފާނުގެ ބައި އަދާކުރެއްވުމުގެ އިތުރުން، އެ ފިލްމުގެ ދެވަނަ އެޕިސޯޑުގެ ސްކްރީންޕްލޭ ލިޔުއްވުމާއެކު، އެ ފިލްމުގައި ބައިވެރިވި ތަރިން ތަމްރީނު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. "ދޮންހިޔަލައާއި އަލިފުޅު"، "ހިތިޑޮލަރު"، "ބަރާބަރު އެޖެންޓް"، "މާމުއި ހަނދު"، "މުށުންދޫވި ގުމްރީ"، "ތަރާގަނޑުގެ ކަށިގަނޑު" ފަދަ ފިލްމުތަކާއި، ޑްރާމާތަކަކީވެސް، ޝާކިރުގެ ސްކްރިޕްޓާއި، ސްކްރީންޕްލޭއާއެކު ތައްޔާރު ކުރެވިގެންދިޔަ ފިލްމުތަކާއި ޑްރާމާ ތަކެކެވެ.

ކަށިމާ އަޙްމަދު ޝާކިރުގެ ޚިދުމަތް، ތަފާތު ދާއިރާތަކުން ފެންނަމުންގޮސް، ދިވެހި އަދަބިއްޔާތުގެ އެންމެ ކުލަގަދަ އެއް ދާއިރާކަމުގައި ހިމެނޭ ހުނަރުވެރިކަމާއެކު ވާހަކަ ދެއްކުމުގެ ފަންނުގައިވެސް ޝާކިރު ވަނީ، ކުރިބޯށްޓާހަމައަށް ވާސިލުވެ ވަޑައިގެންފައެވެ. އަދި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ބާއްވަވަމުން ގެންދެވި ވާހަކަދެއްކުމުގެ މުބާރާތާއި، ޅެން ހެދުމުގެ މުބާރާތާއި، ޅެން ހުށަހެޅުމުގެ މުބާރާތާއި، ފޮތް ލިޔުމުގެ މުބާރާތް ފަދަ މުބާރާތްތަކުން ރަންވަނަތަކެއް ހާސިލު ކުރައްވައިގެން، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ދެއްވި އެންމެ ގިނަ އިނާމު ހާސިލު ކުރެއްވި އެއްބޭފުޅަކަށް ވީވެސް ކަށިމާ އަޙްމަދު ޝާކިރެވެ.

ދިވެހި އަދަބީ ފަންނުގެ ހުރިހައި ދިމާއަކުން ޝާކިރުގެ ނަންފުޅުގެ އަޑު އިވެމުން ދިޔައިރު، މަދަރުސާތަކުގައި ކިޔަވައި ދެއްވުމުގެ މަސައްކަތް ހުއްޓަވައި ނުލައްވައި ކުރިއަށް ގެންދެވިއެވެ. އަދިވެސް ހުންނެވީ، ހަމަ އެގޮތުގައެވެ. މާލޭގައި އަމިއްލަ ފަރާތްތަކުން ހިންގަމުން ގެންދިޔަ ކުލާސްތަކާއި، މަދަރުސާތަކުގައި ދިވެހިބަހުގެ ޢިލްމު އުނގަންނަވައި ދެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުން، ދިވެހިރާއްޖޭގެ ތާރީޚާ ދިމާއަށް ޝާކިރުގެ ވިސްނުންފުޅުގެ ސަމުގާ އަނބުރުއްވައި ލެއްވިއެވެ. އެއީ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ރިޔާސީ ދައުރުގައި ދެއްވި ފުރުސަތެއްގައި، ވިހިވަނަ ޤަރުނުގެ 100 އަހަރު ދުވަހުގެ ތާރީޚުފޮތް ލިޔުއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ހިސާބުންނެވެ

ދިވެހިރާއްޖޭގެ ތާރީޚު ދިރާސާ ކުރެއްވުމާއި، ތާރީޚީ ފޮތް ލިޔުއްވުމުގެ ރޮނގުން ވެސް ކަށިމާ އަޙްމަދު ޝާކިރު ގެންދަވަނީ، ގިނަ ޚިދުމަތްތަކެއް ކުރައްވަމުންނެވެ. ރައީސް މައުމޫނުގެ ޚިދުމަތުގެ ފުރަތަމަ 15 އަހަރުގެ ތާރީޚު ފޮތްތައް ލިޔުއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި "ވިހިވަނަ ޤަރުނުގެ ތެރޭގައި ދިވެހިރާއްޖެ" މި ނަމުގައި 640 ސަފުހާ ހިމެނޭ އެއްޤަރުނުގެ ތާރީޚު ފޮތާއި، މި ސީރީޒްގެ އިތުރު 5 ވޮލިއުމްވެސް ލިޔުއްވައިފައި ވަނީ ކަށިމާ އަޙްމަދު ޝާކިރެވެ.

މީގެ އިތުރުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެދިވަޑައިގަތުމަކަށް ލިޔުއްވި "އިސްލާމްދީނުގެ އަލިކަން ދިވެހިރާއްޖެއަށް ފެތުރެމުން އައިގޮތް" މި ފޮތާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލިޔުއްވައިދެއްވި "ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު" ފޮތާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ.)އަށް ލިޔުއްވައިދެއްވި "ދިވެހިރާއްޖޭގެ ފައިސާގެ ތާރީޚު" ފޮތް ހިމެނެއެވެ. އަދި ދިވެހިރާއްޖޭގައި ރޭޑިޔޯގެ ޚިދުމަތް ފެށިގެން އައިގޮތުގެ ތާރީޚުފޮތާއި، ދިވެހިރާއްޖޭގެ އެއަރޕޯޓުގެ ތާރީޚު ފޮތާއި، ދިވެހިރާއްޖޭގައި އޮޑިޓްގެ ޚިދުމަތް ފެށިގެން އައިގޮތާއި، މާލީ ވުޒާރާ އުފެދިގެން އައިގޮތް ދައްކައިދޭ "ބަނޑޭރި" ތާރީޚު ފޮތާއި، ސްޓެލްކޯއަށް 75 އަހަރު ފުރުމާ ގުޅިގެން ލިޔުއްވައިދެއްވި "ދިހުން އަރައިފައިވާ ދުނިޔެއަކުން ވިލުނު އަލިކަމުގެ ތެރެއިން ސްޓެލްކޯ އަލިމަސް ޔޫބީލާ ދިމާއަށް ކުރި ދަތުރު" މި ފޮތާއި، "މަޖީދިއްޔާ ސްކޫލްގެ 75 އަހަރުގެ ތާރީޚުފޮތް" ފަދަ ފޮތްތަކުގެ އިތުރުން، ބައެއް އަތޮޅުތަކުގެ ރަށްރަށުގެ ތާރީޚު ފޮތްތައްވެސް ޝާކިރު ވަނީ ލިޔުއްވައި ދެއްވައިފައެވެ.

ކަށިމާ އަޙްމަދު ޝާކިރު ލިޔުއްވި އެހެނިހެން ފޮތްފޮތުގެ ތެރޭގައި، އެކިއެކި ބޭބޭފުޅުންގެ ބައޮގްރަފީވެސް ހިމެނެއެވެ. އޭގެ ތެރޭގައި، ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު، ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު (ނ.ޣ.ޢ.ވ) ، އޮނަރަބްލް އަލްމަރުޙޫމް ޢުމަރު ޒާހިރު (ނ.ޢ.ޢ.ވ)، ޢަބްދުﷲ ޞާދިޤް (ނ.ޢ.ޢ.ވ)، އަލްމަރުޙޫމް ސައިކުރާ އިބްރާހީމް ނަޢީމް ފަދަ ބޭބޭފުޅުންގެ މައުލޫމާތު ހިމެނޭ ފޮތްފޮތްވެސް ހިމެނެއެވެ. ކަށިމާ އަޙްމަދު ޝާކިރު ލިޔުއްވި ފޮތްފޮތުގެ ދިގުލިސްޓަށް ދެން އިތުރުކުރައްވައިފައިވާ ފޮތްތަކުގެ ތެރޭގައި "ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚު"، މި ފޮތާއި، "އުސްތާޛުނާއި ޢާލިމުން އުދަބާއުނާއި ޝާޢިރުން"، މި ފޮތާއި، "ހުނަރުވެރިކަމާއެކު ވާހަކަދެއްކުން"، ފަދަ ފޮތްފޮތްވެސް ހިމެނެއެވެ.

އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރުގެ ތަޖުރިބާއާއި އެހީތެރިކަން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށްވެސް ވަނީ ދެއްވާފައެވެ. ޙައްޖު ކޯޕަރޭޝަން އުފެއްދެވުމަށްފަހު، އެންމެ ފުރަތަމަ އެ ކޯޕަރޭޝަނުން މީހުން ޙައްޖަށް ގެންދެވި ދެ އަހަރު ކަމަށްވާ 2014 ވަނަ އަހަރާއި، 2015 ވަނަ އަހަރު، މާލޭގައްޔާއި، މައްކާގައްޔާއި، މަދީނާގައި ހުރިހާ ކަމެއް ރާއްވަވައިދެއްވައި، އިދާރީ ހުރިހައި ކަމެއްވެސް އިންތިޒާމު ކުރާނޭ ގޮތުގެ މައުލޫމާތު ދެއްވައި، ޙައްޖުވެރިންނާއެކުގައި އެ ދެ ދަތުރުގައިވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.

ކަށިމާ އަޙްމަދު ޝާކިރުގެ ތަޢުލީމީ ޙަޔާތްޕުޅަށް ބަލާއިރު، އަޙްމަދު ޝާކިރު ވަނީ، ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯގެ (އޮނަރސް) ޑިގްރީ ޕުރޮގްރާމު ފުރިހަމަ ކުރައްވައި، ޝަރުޢީ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ސުޕްރީމް ކޯޓުން ދެއްވައިފައިވާ ބޭބޭފުޅުންގެ ލިސްޓުގައި ހިމެނިވަޑައިގެންފައެވެ. އަދި މިވަރުންވެސް ތަޢުލީމީ ދައުރު ނިންމަވައި ލެއްވީއެއް ނޫނެވެ. މިހާރު އަޙްމަދު ޝާކިރަކީ، މާސްޓަރ އޮފް ޝަރީޢާގެ ޑިގްރީވެސް ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ. ޝާކިރު ވިދާޅުވާގޮތުގައި، ބެޗްލަރ އޮފް ލޯ ޕުރޮގުރާމާއި، މާސްޓަރ އޮފް ޝަރީޢާ ޕުރޮގުރާމު ފުރިހަމަ ކުރެއްވީ ވިލާ ކޮލެޖުންނެވެ. ޑިގްރީ ކުލާސްތަކަށާއި، މާސްޓަރސް ކުލާސްތަކަށް ކިޔަވައި ދެއްވަމުންވެސް މެއެވެ. މާސްޓަރސް ޑިގްރީ ހާސިލުކުރެއްވީ ޝާކިރުގެ އުމުރުފުޅުން 69 އަހަރު ފުރުނު އަހަރުއެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި އަލްއުސްތާޛު އަޙްމަދު ޝާކިރު، ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް އިޚުލާޞްތެރިކަމާއެކުގައި ކޮށްދެއްވި ޚިދުމަތްތަކުގެ އަގު، ދައުލަތުން ވަނީ އެކިފަހަރުމަތިން ވަޒަން ކުރައްވައި، އެކަމުގެ ޝަރަފު އަރުވައިފައެވެ. މިގޮތުން، ތަމްސީލު ކުޅުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 1985 ވަނަ އަހަރު، ދިވެހިރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުމާ ގުޅިގެން 1993 ވަނަ އަހަރު ސަރުކާރުން ބޭއްވެވި އިޙުތިފާލުގައި، ނޫސްވެރިކަމަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުން ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިހިގަލަން، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 2002 ވަނަ އަހަރު ލިބިވަޑައިގެންފައި ވެއެވެ. އަދި ދިވެހި ތާރީޚުގެ ދާއިރާއިން ތާރީޚާ ބެހޭ ފޮތް އެކުލަވައިލައި ލިޔެ ޝާއިޢު ކުރުމުގެ ރޮނގުން 2016 ވަނަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަދި ދިވެހި ތާރީޚަށް ޚިދުމަތް ކުރުމުގެ ރޮނގުން ދިވެހިބަހުގެ އެކެޑަމީއިން ދެއްވި "ޙަސަން ތާޖުއްދީންގެ އެވޯޑް" 2017 ވަނަ އަހަރު ލިބިވަޑައިގެންފައި ވެއެވެ.

މީގެއިތުރުން، 2025ވަނަ އަހަރު، ޔޫ.އޭ.އީ.ގެ ޝާރުޖާގެ އިންސްޓިޓިއުޓް ފޮރ ހެރިޓޭޖުން އިންތިޒާމް ކުރައްވައިގެން ބޭއްވެވި، ޝާރުޖާ އިންޓަރނޭޝަނަލް ނެރޭޓަރސް ފޯރަމްގެ ޝަރަފުވެރި ރާވީގެ މަގާމު ހާސިލު ކުރައްވައި، ޝާރުޖާގެ އަމީރު ޞާޙިބުއްސުމުއްވު އައްޝައިޚް އައްދުކްތޫރު މުޙައްމަދު ބިން ސުލްޠާން އަލްޤާސިމީގެ އަތްޕުޅުން ފަޚުރުވެރި އެވޯޑްވެސް ވަނީ، ޝާކިރު ހާސިލު ކުރައްވައިފައެވެ. ކުޑަކުދީން ކިޔާހިތްވާ ކަހަލަ ފޮތް ސަރުކާރުން ގަބޫލު ކުރައްވާ ފެންވަރަށް ލިޔުއްވައިގެން ރައީސުލްޖުމްހޫރިއްޔާގެ އިނާމުވެސް 1999 ވަނަ އަހަރު ހާސިލު ކުރައްވައިފައި ވެއެވެ.

އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަކީ، ރައްޔިތުންގެ މަޖިލީހުގެ މާލެއަތޮޅު މެންބަރުކަމާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މާލެއަތޮޅު މެންބަރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ.މިއަދުވެސް އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރު ހުންނެވީ، ޤައުމީ ޚިދުމަތުގައެވެ. އެ މަނިކުފާނަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފައްދަވައިފައިވާ ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ދިވެހި ތާރީޚުގެ އިސްވާރެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ޤައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއަރޕަރސަންވެސް މެއެވެ.

މި އަހަރުގެ ޤައުމީ ދުވަހު ތިލަދުންމަތީ އުތުރުބުރީ އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި، ދިވެހި ޤައުމީ ބަހާތަކަށް އަދި ރާއްޖޭގެ ތާރީޚަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައި، އިޚުލާޞްތެރިކަމާއެކުގައި ޚިދުމަތްތަކެއް ކޮށްދެއްވި އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަށް ދިވެހި ދައުލަތުން ޢިއްޒަތެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރުވުމަކީ އަޙްމަދު ޝާކިރު ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް ކޮށްދެއްވި ޚިދުމަތްތަކާއި، މިއަދުގެ މި ޤައުމީ މުނާސަބަތާ ވަރަށް ބޮޑަށް ގުޅި ލާމެހިގެންދާ ކަމެކެވެ. އަދި މިއީ، އަޙްމަދު ޝާކިރުގެ ޚިދުމަތުގެ ދިގު ތާރީޚުގައި ރަންއަކުރުން ފަވާލެވިގެންދާނެ އަދި އެ ޚިދުމަތަށް ފަނޑުކަމެއް ނެތް، ވަރަށް އަލިގަދަ ސަފުހާއެއްވެސް މެއެވެ.