ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ ޚާއްސަ އެކްސްޕޯ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މަހުގެ 12 އިން 14 އަށް ކުރިއަށްދިޔަ މި އެކްސްޕޯއަކީ ޒުވާނުންގެ ހުނަރުތައް ކުރިއަރުވައި، ވިޔަފާރީގެ ދާއިރާއިން ޒުވާނުންނަށް އައު ފުރުޞަތުތަކެއް ހޯދައިދިނުމަށް ބޭއްވި މުހިންމު ހަރަކާތެކެވެ.
މިއެކްސްޕޯގެ ތެރެއިން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ދިވެހި ޒުވާނުންނަށް އެއްވެސް ފީއަކާއި ނުލާ ސްޓޯލްތައް ބެހެއްޓުމުގެ ފުރުސަތުވަނީ ފަހިކޮށްދީފައެވެ. މި ފުރުޞަތަކީ މައިގަނޑު ގޮތެއްގައި ކުރެހުމާއި، އަތްތެރި މަސައްކަތާއި، ފެޝަން، ޕްރިންޓިންގ އަދި ތަފާތު ޚިދުމަތްތައް ފޯރުކޮށްދޭ ޒުވާން ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ހުޅުވާލި ފުރުޞަތެކެވެ.
ތިން ދުވަހުގެ މުއްދަތަށް، ކޮންމެ ދުވަހަކު ހަވީރު 16:00 އިން ރޭގަނޑު 23:00 އަށް ކުރިއަށްދިޔަ މިހަރަކާތުގައި، ޒުވާނުން އިސްނަގައިގެން ހިންގާ 50 އަށްވުރެ ގިނަ ވިޔަފާރި ސްޓޯލްތަކާއި ކާބޯތަކެތީގެ ސްޓޯލްތައް ބައިވެރިވިކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވައެވެ. މިސްޓޯލްތަކުގެ ތެރޭގައި އެކިކަހަލަ އަތްތެރި މަސައްކަތްތަކާއި، ފެޝަން، ޕްރިންޓިންގ އަދި ތަފާތު ޚިދުމަތްތައް ފޯރުކޮށްދޭ ވިޔަފާރިތައްވެސް ވަނީ ފެނިގެންގޮސްފައެވެ. އަދި މުނިފޫލުފިލުވުމުގެ ހަރަކާތްތަކުގެ ތެރެއިންވެސް ޒުވާން ފަންނާނުންނަށް ވަނީ އެތައް ފުރުސަތުތަކެއް ފަހިވެގެން ގޮސްފައެވެ. މި އެކްސްޕޯއަށް ވަނީ ގިނަ ބަޔަކު ޒިޔާރަތްކޮށް، ބޮޑު ތަރުހީބެއް ލިބިފައެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވެސް ވަނީ އެކްސްޕޯއަށް ވަޑައިގެން ޒުވާނުންގެ އުފެއްދުންތެރި މަސައްކަތްތައް ބައްލަވާލައްވާފައެވެ. އަދި އެ ވުޒާރާގެ ޚާއްސަ ސްޓޯލެއް ބަހައްޓައި، ޒުވާނުން ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ޤައުމީ ޕްރޮގްރާމްތަކާއި، ގްރާންޓްތަކާއި، އަދި ފިޓްނަސް ޕްރޮގްރާމްތަކާ ބެހޭ މަޢުލޫމާތު ވެސް ޒުވާނުންނަށް ވަނީ ފޯރުކޮށްދީފައެވެ.
މިހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމަށް އެޑްވެންޗަރއަޕް، އެޗްޑީސީ، ބޭންކް އޮފް މޯލްޑިވްސް، އެސްއެސްޑީއެފްސީ، އޫރިދޫ، ދިރާގު، ގޭމަރސް ގިލްޑް، ސްޓެލްކޯ، ވެމްކޯ، ހުޅުމާލެ ހޮސްޕިޓަލް، އިކޯ އިވެންޓްސް، އަދި ބީބީސީ ފަދަ ގިނަ މުއައްސަސާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާއި އެއްބާރުލުން ލިބިފައިވާކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއްވައެވެ.
ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހާ ގުޅުވައިގެން، މި އަހަރުވެސް ރާއްޖޭގައި ވަނީ ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ހުޅުމާލޭގައި ބޭއްވި އެކްސްޕޯގެ އިތުރުން، ދިރާގު ގޭމަރސް ގިލްޑުން އިސްނަގައިގެން އީ-ގޭމް މުބާރާތްތަކެއް ވެސް ވަނީ ބާއްވާފައެވެ. އަދި މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގެ ކައުންސިލްތަކުން އިސްނަގައިގެން، އެ ރަށްރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު ކުޅިވަރު މުބާރާތްތައް ވެސް ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތަކުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި، އެކި ދާއިރާތަކުން ޒުވާނުންގެ ހުރި ހުނަރުތައް ދައްކާލުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.