އިސްލާމްދީނާ ފުށުއަރާ އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ، ހަރުދަނާ ބަދަހި ނިޒާމެއް ޤާއިމްކުރުމަށް މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރަށް ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައއްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޤައުމީ ދުވަސް ފާހަގަކުރާ ސަބަބާއި އެދުވަހާ ގުޅޭ ހާދިސާގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި ދިވެހިންނާއި އިސްލާމްދީނާ ދެމެދު އޮތް ގުޅުމުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ.
ޤައުމީ ދުވަސް އަޅުގަނޑުމެންނަށް ގެނެސްދޭ މުހިންމު އެއް ޢިބްރަތަކީ މާތްވެންވާ އިސްލާމްދީނަށް ވަފާތެރިވުމުގެ ފޮނި ނަތީޖާކަމަށާއި އިސްލާމްދީނަށް އިހާނެތިކޮށް ހިތުމުގެ ހިތިކަމާއި އޭގައި ހުރި ނިކަމެތިކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދިވެހި ޤައުމާ ގުޅިފައިވާ ރަނގަޅު ހުރިހާ ކަމެއް، އެތުރިފައިވަނީ ދީނުގެ ޖައުހަރުގެ ވަށައިގެންކަމަށާއި އިސްލާމްދީން އެއީ ދިވެހި ޤައުމުގެ ނާރެސްކަމަށެވެ.
ހިތްދަތިކަމުގައި އެތައް އަހަރަކު ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަތް ދަށުގައި އޮންނާން ޖެހުނީ އަޅުގަނޑުމެން ކުރެ އެންމެ މީހަކު މާތްވެގެންވާ އިސްލާމްދީން ދޫކޮށްލުމުގެ ސަބަބުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ހިސާބުން އޭނާއާ ދިވެހި ފަސްގަނޑާ ދެމެދު އޮތް ރޫޙާނީ ގުޅުން ކެނޑުނީކަމަށެވެ.
"ވަޠަނީ ލޯތްބާއި ކުލުނުގެ އަސާސް ރޫޅި ފުނޑުފުނޑުވީ. ދީން ދޫކޮށްލާ ހިސާބުން އެ ޚިޔާނާތްތެރިވެވުނީ ހަމަ އެކަނި ދީނަކަށް ނޫން. އެ ޚިޔާނާތްތެރިވެވުނީ، ދިވެހި ޤައުމަށް. ދިވެހިރާއްޖެއާއި ދިވެހި ދައުލަތަށް. ދިވެހީންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް. ދިވެހީންގެ އަބުރާ ޢިއްޒަތާއި މުޅި ދިވެހި ތާރީޚަށް ވެސް މެ. ނަތީޖާ ކިހާ ނުރައްކާތެރިތޯ؟ ކޮން ފަދަ ހިތާމަވެރިތޯ؟
ދީން އަޅުގަނޑުމެންނަށް ލިބިދެނީ ކޮން ކަމެއްތޯ؟ ޝައްކެތް ނެތް ދެދުނިޔޭގެ ބާއްޖަވެރިކަން. ދީނުގައި އެ ފަދަ މަތިވެރި ބާރެއް، އެ ފަދަ ދިރުންހުރި ރޫޙެއް އެކުލެވިގެންވޭ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އުތީމު މަހާރަދުން ޖިހާދުކުރެއްވީ ދީނަށްޓަކާކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހަނގުރާމައިން ޙާޞިލުކުރައްވަން ބޭނުންފުޅުވާ އަމާޒު އެ ބޭފުޅުން ކަނޑައެޅުއްވި ގޮތް އަޅުގަނޑުމެން ހަނދާނުގައި ހުރިކަމަށެވެ. އެހެންކަމުން ޤައުމީ ދުވަހުގެ ހާދިސާއާ މާތްވެގެންވާ އިސްލާމްދީނާ އޮތް ގުޅުން ފުރިހަމައަށް ފެންނަކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އިސްލާމް ދީނާ ބީރައްޓެހި، ނުވަތަ އިސްލާމްދީނާ ދުރު ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު، ދިވެހި ޤައުމުގެ މިނިވަންކަން ގެއްލިފައިވާކަމަށެވެ.
އެ ސަބަބަށްޓަކާ އިސްލާމްދީން ހިމާޔަތް ކުރެވޭނެ ނިޒާމެއް ޤައުމުގައި ފުރިހަމައަށް ޤާއިމްވެފައި އޮންނަންޖެހޭނެކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ބުނާ ގޮތުން ރާއްޖޭގައި އިސްލާމްދީނާ ޚިލާފު ޤާނޫނެއް ނުހެދޭނެކަމަށާއި ރާއްޖޭގައި ހެދޭ ޤާނޫނުތަކާއި އުސޫލުތަކާއި ގަވާއިދުތައް ހުންނާންވާނީ މާތްވެގެންވާ އިސްލާމްދީނުގެ އިންތަކާއި މިންތަކުގެ ތެރޭގައިކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ދިވެހިރާއްޖޭގައި މާތްވެގެންވާ އިސްލާމްދީނާ ފުށުއަރާ، ނުވަތަ އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ، ހަރުދަނާ ބަދަހި ނިޒާމެއް، އުސޫލީ ގޮތުންނާއި، ނިޒާމީ ގޮތުން ކަށަވަރުކުރައްވާނެކަމަށެވެ.
" އެހެންވީމާ އަޅުގަނޑު މިއަދު ޤަޞްދުކުރަނީ މިކަން މިހެން އޮތްއޮތުމަށް ނިމުމެއް ގެންނަން. ދިވެހިރާއްޖޭގައި މާތްވެގެންވާ އިސްލާމްދީނާ ފުށުއަރާ، ނުވަތަ އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ، ހަރުދަނާ ބަދަހި ނިޒާމެއް، އުސޫލީ ގޮތުންނާއި، ނިޒާމީ ގޮތުން ކަށަވަރުކުރަން. އެހެން ވީމާ، އެ ފަދަ ނިޒާމެއް ޤާއިމު ކުރުމަށް ރައްޔިތުންގެ މަޖލީހުގެ މިއަހަރުގެ 3 ވަނަ ދައުރަށް އިރާދަކުރެއްވިއްޔާ ހުށަހަޅާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް މިއަދު އަޅުގަނޑު އަރުވަން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ޤައުމީ ދުވަހުގެ ބަޠަލްގެ ކާމިޔާބު ޙަޔާތްޕުޅުން ވެސް، މާތްވެންވާ އިސްލާމްދީނުގެ އަސާސްތަކުން ވެސް އަޅުގަނޑުމެންނަށް ފެންނަ އިންސާނީ މާނަވީ ބިނާކުރުމުގެ އެންމެ ހަރުދަނާ ބިންގަލަކީ އަޚްލާޤްކަން ރައީސް ފާހަގަކުރެއްވިއެވެ. މުޖުތަމަޢެއްގެ ނިސްބަތުގައި އަޚްލާޤަކީ އެ ބައެއްގެ ތެރޭގައި ހުންނަ އިޖުތިމާޢީ އަގުތަކަށް ފަރުވާތެރިވުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޤާނޫނާއި ޤަވާއިދާއި އުސޫލުތައް ތަންފީޒުކުރުމާއި ޤާނޫނާއި ޤަވާޢިދާއި އުސޫލުތަކަށް ބޯލެނބުން މުހިއްމުކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ޤައުމީ ދުވަހުގައި އަޅުގަނޑުމެން ޢަޒުމު ކަނޑައަޅަންވީ އެންމެ މުހިއްމު އެއް ޢަޒުމަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ތަހުޒީބު ސިފަތައް އަށަގެންނެވުމުގެ ޢަޒުމުކަމަށެވެ. އަޅުގަނޑުމެންނަކީ އެކަކު އަނެކަކަށް ޤަދަރުކުރާ، އެކަކު އަނެއްކަކަށް ކަމޭ ހިތާ، އެކަކު އަނެނަކަކަށް ހުރިހާ މާނައެއްގައި އިޙްތިރާމް އަދާކުރާ، އެއްބައެއްކަމުގެ އިޙްސާސް ދިވެހި އުންމަތުގައި ދިރުވުމުގެ ޢަޒުމުކަންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.