ދިވެހި ރެޑް ކްރެސެންޓުން ހުޅުމާލޭގައި ތަރައްޤީކުރާ 14ފަންގިފިލާގެ "ދަ ކްރެސެންޓް ޓަވަރ" މަޝްރޫޢުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
މި އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ، ހުޅުމާލެ ފޭސް 1، މިރިހި މަގުގައި ހުންނަ ދިވެހި ރެޑް ކްރެސެންޓްގެ އަމިއްލަ ބިމުގައެވެ.
ފޮލޯ އޭރިއާގެ ބޮޑުމިނުގައި ޖުމްލަ 70،000 އަކަފޫޓު ހުންނަ މި ޢިމާރާތުގައި ދިވެހި ރެޑް ކްރެސެންޓުގެ މައި އޮފީހާއި ކޮމިއުނިޓީ ހޯލުގެ އިތުރުން، ކެފޭ، ބިޒްނަސް ލައުންޖް، ޖިމް، ކިޑްސް ކްލަބް އަދި އޮފީސް ޖާގަ ފަދަ އެހެނިހެން ވަސީލަތްތައްވެސް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
""މި އިމާރާތުގެ އަގު މިނަންޖެހޭނީ، އިމާރާތުގެ އުސްމިނަކުން ނޫން. މި މަޝްރޫޢުގެ ހަޤީޤީ މަންފާއަކީ، މެދުކެނޑުމެއްނެތި، އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރެވޭނެ މަގު ތަނަވަސްކޮށްދެވޭނެ ދާއިމީ ތަރިކައެއް ބިނާކުރުން. ނަތީޖާއެއްގެ ގޮތުން، އަންނަން ހުރި ޖީލުތަކަށް، ދިވެހި ރެޑް ކްރެސެންޓުގެ ޚިދުމަތް ދެމިގެން ދިޔުން"ދިވެހި ރެޑް ކްރެސެންޓުގެ ރައީސް ޢަލީ ނަޝީދު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ފައިނޭންޝަލް އެޑްވައިޒަރ އަދި ޕްރޮޖެކްޓް މެނޭޖަރުގެ ދައުރު އަދާކުރުމަށް ހަމަޖައްސާފައިވަނީ ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަނެވެ.
ފަސްޓް ނެޝަނަލްގެ ސީއީއޯ ހަސަން ޒިޔަތު ވިދާޅުވި ފައިނޭންސްގެ ދައުރު ބެލެންސް ޝީޓަަށްވުރެ ވުރެ ފުޅާވާންޖެހޭނެކަމަށާއި އެހެންކަމުން، ސަރުކާރު، އަމިއްލަ ފަރާތްތައް އަދި ޚައިރާތީ ފަރާތްތަކަށް ބައިވެރިވެވޭނެ ގޮތަކަށް މި މަޝްރޫޢުއަށް ފައިނޭންސް ހޯދަން ޚިޔާރުކޮށްފައިވާނެ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން، މުސްތަޤުބަލުގައި އިޖުތިމާއީ ކަންކަން ދެމެހެއްޓެނިިވި ގޮތެއްގައި ކުރުމަށް މަގުފަހުވެގެންދާނެ ކަމަށްވެސް ޒިޔަތު ވިދާޅުވިއެވެ.
ދިވެހި ރެޑް ކެރެސެންޓުން ވަނީ މި މަޝްރޫޢުގައި ބައިވެރިވުމަށް ޤަޞްދުކުރާ ފަރާތްތަކަށް ޖުމުލަ 4 ގޮތަކުން ބައިވެރިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އެއީ ޑޯނަރއެއްގެ ގޮތުން، ނުވަތަ ވަކިވަކި ފްލޯތައް ލީސްކުރުމުގެ ގޮތުން، ފައިނޭންސްކުރުމުގެ ގޮތުން ނުވަތަ މަޝްރޫޢުގެ ވަކިވަކި ބައިތައް ސްޕޮންސަރކުރުމުގެ ގޮތުންނެވެ.
މީގެ އިތުރުން، 1،000 ރުފިޔާގެ ޑޮނޭޝަނަކާއެކު ހަމަ ކޮންމެ ފަރާތަކަށްވެސް މި މަޝްރޫޢޫގައި ބައިވެރިވެވިދާނެ ކަމަށް ރެޑް ކެރެސެންޓުން މައުލޫމާތުދެއްވައެވެ. އަދި ކޯޕަރޭޓް ސްޕޮންސަރޝިޕްގެ ގޮތުގައި 500،000 ރުފިޔާގެ ޑޮނޭޝަނެއް ދެވިދާނެ ކަމަށާއި، މިފަދަ ޑޯނަރޒްގެ އަގު ވަޒަންކޮށް ރިކޮގްނިޝަން ވޯލްގައި އެ ފަރާތްތަކުގެ ނަން ހިމެނިގެންދާނެކަމަށް ވެސް ވިދާޅުވެއެވެ.
ދަ ކްރެސެންޓް ޓަވަރގައި ޕާޓްނަރވުމަށް ހުޅުވާލުމަށް މިއަދު ރަސްމީކޮށް ބޭއްވި ހަފްލާގެ ތެރެއިން، އެންމެ ފުރަތަމަ ޕާޓްނަރެއްގެ ގޮތުގައި، މޯލްޑިވްސް އިސްލާމިކް ބޭންކުން ވަނީ ބައިވެރިވެފައެވެ.
މީގެ އިތުރުން، މި މަޝްރޫޢާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް www.thecrescenttower.mv މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުުރުމަށް ވެސް މިއަދު ވަނީ ހުޅުވާލާފައި. މި ވެބްސައިޓުން، މަޝްރޫޢުއާބެހޭ އިތުރު މަޢުލޫމާތާއި، ޑިޒައިން ކޮންސެޕްޓާއި، މަޝްރޫޢުގައި ބައިވެރިވުމަށް ހުރި ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ލިބެން ހުންނާނެކަމަށް ރެޑް ކްރެސެންޓުން ވިދާޅުވެއެވެ.
ދިވެހި ރެޑް ކްރެސެންޓަކީ، ރާއްޖޭގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އެހީތެރިވެދޭ މުސްތަޤިއްލު، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. 16 އޯގަސްޓް 2009 ގައި ރަސްމީކޮށް އުފެދިގެންއައި މި ޖަމިއްޔާއިން ވަނީ ވޭތުވެދިޔަ 17 އަހަރު ގައުމީ ފެންވަރުގެ ބޮޑެތި ހަރަކާތްތައް ހިންގާ، އާންމު ޞިއްޙަތާއި ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައިވެސް މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ.