ޚަބަރު

އެމެރިކާގެ ރައްޔިތުންގެ މާލީ ހާލަތު ގޯހުން ގޯހަށް


ކުރިއަށް އޮތް ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ މިޑްޓަރމް އިންތިޚާބަށް ތިން މަހެއްހާ ދުވަހަށް ވެފައިވަނިކޮށް، އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ޑޮނަލްޑް ޓްރަމްޕްގެ ވަޑައިގެންނެވިފަހުން، އާންމު ރައްޔިތުންގެ މާލީ ޙާލަތު ކުރިއަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އެމެރިކާގެ ގިނަ މީހުން ޤަބޫލުކުރާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ފައިނޭންޝަލް ޓައިމްސް ނޫހުން ހެދި މި ދިރާސާއާ ޙަވާލާދީ އަނަދޫލޫ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ލަންޑަނުގެ ދިރާސާކުރާ މިނިވަން ޖަމްޢިއްޔާއެއް ކަމަށްވާ "ފޯކަލްޑޭޓާ" އިން މި ދިރާސާ ކުރިއަށްގެންގޮސްފައިވަނީ މި ހިނގާ އޯގަސްޓް މަހުގެ 7 އިން 10 އަށެވެ.

މި ސަރވޭގައި އޮންލައިންކޮށް ވޯޓުލާން ރަޖިސްޓްރީވެފައިވާ 1,913 މީހުން ބައިވެރިވެފައިވެއެވެ.

ސަރވޭގެ ނަތީޖާއިން ދައްކާ ގޮތުގައި، ރަޖިސްޓްރީވެފައިވާ ވޯޓުލާ މީހުންގެ 53 އިންސައްތަ މީހުން ވަނީ ޓްރަމްޕްގެ ވެރިކަމުގައި އެ މީހުންގެ އަމިއްލަ މާލީ ޙާލަތު ގޯސްވެފައިވާ ކަމަށް ބުނެފައެވެ. މީގެ ތެރޭގައި ވަކި ސިޔާސީ ޕާޓީއަކަށް ތާޢީދުނުކުރާ ވޯޓުލާ މީހުންގެ 57 އިންސައްތައާއި، ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ގާތްގަނޑަކަށް ހަތަރުބައިކުޅައެއްބައި މީހުން ހިމެނެއެވެ.

މީގެއިތުރުން، އެމެރިކާގެ އިޤްތިޞާދު ދަތުރުކުރަމުންދަނީ ނުބައި މިސްރާބަކަށް ކަމަށް ސަރވޭގައި ބައިވެރިވި މީހުންގެ ތިންބައިކުޅަދެބައި މީހުން ފާހަގަކޮށްފައިވާއިރު، އިޤްތިޞާދީ މިސްރާބު ރަނގަޅު ކަމަށް ޤަބޫލުކުރަނީ އެންމެ 25 އިންސައްތަ މީހުންނެވެ.

ތަކެތީ އަގު މައްޗަށް ދިއުމާއި، ދިރިއުޅުމުގެ ޚަރަދުތަކުގެ އިތުރުން ވަޒީފާގެ ފުރުޞަތުތަކާއި އިޤްތިޞާދީ މައްސަލަތައް ޙައްލުކުރުމުގައި، ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށްވުރެ އިދިކޮޅު ޑިމޮކްރެޓުންނަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުކަމަށް މި ސަރވޭއިން ދައްކައެވެ.

އެގޮތުން އިންފްލޭޝަނާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކާމެދު 64 އިންސައްތަ މީހުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. މީގެ ތެރޭގައި މިނިވަން ފިކުރުގައި ތިބި ކޮންމެ 10 މީހަކުން 7 މީހުންނާއި، ރިޕަބްލިކަން ޕާޓީގެ ގާތްގަނޑަކަށް ތިންބައިކުޅައެއްބައި މީހުން ހިމެނެއެވެ. ޖުމްލަ ގޮތެއްގައި 55 އިންސައްތަ މީހުން ޓްރަމްޕްގެ ވެރިކަމުގެ މަސައްކަތްތަކާމެދު ނުރުހުން ފާޅުކޮށްފައިވާއިރު، ޚުދު އޭނާގެ އަމިއްލަ ޕާޓީގެ މެންބަރުންގެ މެދުގައިވެސް އޭނާއަށް އޮތް ތާއީދު ވަނީ 8 އިންސައްތަ ދަށަށް ގޮސްފައެވެ.

ނޮވެމްބަރު މަހުގެ އިންތިޚާބުގައި ވޯޓުދޭނެ ޕާޓީއަކާމެދު ކުރި ސުވާލަށް ޖަވާބުދިން މީހުންގެ 44 އިންސައްތަ މީހުން ޑިމޮކްރެޓުންނަށް ތާއީދުކުރިއިރު، ރިޕަބްލިކަން ޕާޓީއަށް ލިބިފައިވަނީ 39 އިންސައްތައެވެ. މި ނަތީޖާއިން ދައްކުވައިދެނީ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު އަލުން ހޯދުމުގެ ފުރުޞަތު ޑިމޮކްރެޓުންނަށް ބޮޑު ނަމަވެސް، ސެނެޓުގެ އަޣުލަބިއްޔަތު ހޯދުމަކީ އަދިވެސް އެ ޕާޓީއަށް ގޮންޖެހުމެއްގެ ގޮތުގައި އޮތް ކަމެވެ.

މި ސަރވޭގެ ނަތީޖާ ހާމަވެފައި މިވަނީ، އެމެރިކާގެ ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލި، ސިޔާސަތުތަކާމެދު އާންމުންގެ އިތުބާރު ކުޑަވެ، ޢާންމު ދިރިއުޅުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ ޖުލައި މަހު އެމެރިކާގެ އިންފްލޭޝަން 3.4 އިންސައްތައިގައި ހުރިއިރު، ޙަޤީޤީ މުސާރައިގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

ނަމަވެސް މި ސަރވޭގެ ނަތީޖާތަކާ ގުޅިގެން ވައިޓް ހައުސްގެ ތަރުޖަމާނު ކުޝް ދެސާއީ ވަނީ ޓްރަމްޕްގެ ސަރުކާރުގެ ކާމިޔާބީތައް ދިފާޢުކުރައްވައި ވާހަކަދައްކަވާފައެވެ.

ދެސާއީ ވިދާޅުވީ، ރައީސް ޓްރަމްޕްގެ ސަރުކާރުން ދަނީ ބޭހުގެ އަގުހެޔޮކޮށް، ގެއްލިފައިވާ ވަޒީފާތައް އަލުން އަނބުރާ ޤައުމަށް ގެނެސްދީ، އަދި ޓެކްސް ކުޑަކުރުމުގެ ސިޔާސަތުތައް ފުރިހަމައަށް ތަންފީޒުކުރަމުން ކަމަށެވެ. މީގެއިތުރުން، މުޅި ޤައުމުގައި ބޮޑެތި ކުށްތަކަށް އަރައިގަތުން ތާރީޚީ މިންވަރަކަށް ދަށަށް ގޮސްފައިވާ ކަމަށާއި، އެމެރިކާގެ ތާރީޚުގައިވެސް ބޯޑަރުތައް އެންމެ ބޮޑަށް ރައްކާތެރި ކުރެވިފައިވަނީ މި ސަރުކާރުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.