ކުޅިވަރު

ރޮނާލްޑޯ ކުޅުން ހުއްޓާލަނީ، އަންނަ އަހަރަކީ ކުޅޭނެ ފަހު އަހަރު؟


ކުރިއަށް އޮތް އަހަރަކީ ޕްރޮފެޝަނަލްކޮށް އޭނާ ފުޓްބޯޅަ ކުޅޭނެ އެންމެ ފަހު އަހަރު ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

އޭނާގެ މުސްތަގްބަލާ ބެހޭ ގޮތުން މަޖައްލާ އަކަށް ދިން ހާއްސަ އިންޓަވިއުގައި 41 އަހަރުގެ ފޯވަޑް ބުނީ ސައޫދީ އަރަބިއާގެ އައް ނަސްރާއެކު އޭނާ ފެށި ސީޒަނަކީ ފަހު ސީޒަން ކަމަށެވެ. އަދި ފުޓްބޯޅަ އަށް ފަހު މުސްތަގްބަލުގައި ކުރާނެ ކަންކަން ޕްލޭން ކޮށްފައިވާ ކަމަށެވެ.

"އަހަރެން ވާނީ އަހަރެންގެ ކުރިމަގު ކުރަހާފައި. ފުޓްބޯޅައިގެ ސަބަބުން ވަރަށް ބޮޑު ހުސް ކަމެއް އަންނާނެ. އެކަންކަން ޖެހޭނީ ރޭވުންތެރިކަމާއެކު ފޫބައްދަން. ގިނައިން ދަތުރު ކުރުން، ގިނަ ކަންކަމުގައި މަޝްއޫލުވެ އުޅުން. ޕެޑަލް ކުޅުން. އެއީ އަހަރެން ވަރަށް ކުޅޭހިތްވާ ކުޅިވަރެއް،" ރޮނާލްޑޯ ބުންޏެވެ.

ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ރޮނާލްޑޯ އަށް އޭނާގެ ފުޓްބޯޅަ ހަޔާތުގައި ނުލިބުނު ހަމައެކަނި ބޮޑު ކާމިޔާބީ އަކީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމެވެ. ނަމަވެސް އޭނާ ވަނީ މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑް އަދި ޔުވެންޓަސް އާއި އައް ނަސްރުގައި ގިނަގުނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.

"އަހަރެން ބޭނުންވަނީ ވަރަށް ވަރުގަދަ ލެގަސީއެއް ދޫކޮށްލަން. ކެރިއަރަށް ފަހު އަހަރެން ހާސިލް ކޮށްފައިވާ ކާމިޔާބީތަކާ މެދު ފަހުރުވެރިވާން ޖެހޭނެ. އެއީ ޖުމުލަ 25 އަހަރުން އަހަރެން މިވަނީ ވަރަށް ގިނަ ކާމިޔާބީތައް ހާސިލް ކޮށްފައި. އެހެންވީމާ މީގެ ހިތްހަމަ ޖެހުން ފާޅު ކުރަންވާނެ،" ރޮނާލްޑޯ ބުންޏެވެ.

ދުނިޔޭގެ އެންމެ ގިނަ މީހުން ތާއީދު ކުރާ އެއް ކުޅުންތެރިޔަކީ ރޮނާލްޑޯ އެވެ. އޭނާގެ އުމުރު މަތިވެ، ކުޅޭ ލީގު ބަދަލުވި ނަމަވެސް ރޮނާލްޑޯ އަށް މީހުން ކުރާ ތާއީދަށް އެއްވެސް ބަދަލެއް ނާދެ އެވެ.