ޚަބަރު

"ޓެކްސްއަށް ގެންނަ ބަދަލާއެކު ވިޔަފާރިވެރިންނަށް ހަމަހަމަކަން ޤާއިމުވާނެ"


  • ޓެކްސްގެ މިންވަރު %10އިން %5އަށް ބަދަލުކުރީ 2021ގައި

  • މިބަދަލާއެކު ދައުލަތުގެ އާމްދަނީއަށް 251 މިލިޔަން ރުފިޔާ އިތުރުވާނެ

ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ވިތްހޯލްޑިންގ ޓެކްސް، %10ގެ ރޭޓަށް އަލުން ގެނައުމަކީ ގެއްލިފައި އޮތް ހަމަހަމަކަން އިއާދަކޮށް، ދިވެހި ކޮންޓްރެކްޓަރުންނަށް އާމްދަނީގެ ހަމަހަމަ ފުރުޞަތު ހޯދައިދިނުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ވިތުހޯލްޑިންގ ޓެކްސް %5 އިން %10 އަށް ކުޑަކުރުމަށް ބިލަށް ގެނައި އިސްލާހާއި ގުޅޭގޮތުން ޚިޔާލު ފާޅުކުރައްވާ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު މުއްޠަލިބް ވިދާޅުވީ، 2021 އަހަރުގެ ޖުލައި މަހުގެ 20ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭރުގެ ކޮންޓްރެކްޓަރުންނަށް ދައްކަންޖެހޭ ވިތުހޯލްޑިން ޓެކްސް %10 އިން %5 އަށް ކުޑަކުރުމަށް އިސްލާހެއް ތަސްދީގު ކުރައްވާފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖެއިން ބޭރުގެ ކޮންޓްރެކްޓަރުންނަށް، ރާއްޖޭގެ ކޮންޓްރެކްޓަރުންނަށްވުރެ ޓެކްސްގެ ބޮޑު ކުރިއެރުމެއް ލިބުނު ކަމަށެވެ. މީގެސަބަބުން، ބޭރުގެ ކޮންޓްރެކްޓަރުން ޓެކްސްގެ ގޮތުގައި މީރާއަށް ދައްކަންޖެހޭ އަދަދު، ދިވެހި ކޮންޓްރެކްޓަރުންނަށްވުރެ ކުޑަވެގެން ދިޔަ ކަމަށެވެ.

ވަޒީރު ވިދާޅުވީ ވިތްހޯލްޑިންގް ޓެކްސްގެ ގޮތުގައި ބޭރުގެ ކޮންޓްރެކްޓަރުން ދައްކާ އިންސައްތަ %10ގެ ރޭޓަށް އަލުން ގެނައުމަކީ، ގެއްލިފައި އޮތް ހަމަހަމަކަން އަލުން އިއާދަކޮށް، ދިވެހި ކޮންޓްރެކްޓަރުންނަށް މިއަށްވުރެ ހަމަހަމަ ފުރުޞަތެއް ލިބޭނެ މާޙައުލެއް ޤާއިމުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙުގައި ވާގޮތުން ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތަކުން ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ފައިސާއެއް ދައްކާނަމަ، އެ ކޮންޓްރެކްޓަރުގެ ވިތުހޯލްޑިންގެ ޓެކްސްގެ ގޮތުގައި އެ ދޭ ފައިސާގެ %10 ދައްކަން ޖެހޭނެއެވެ. މިހާރު ޤާނޫނުގައިވާ ގޮތުން އެފަދަ ކޮންޓްރެކްޓަރުން ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި ދައްކަންޖެހެނީ، އެ ލިބޭ ޖުމްލަ ފައިސާގެ %5އެވެ.

މި އިސްލާޙާއެކު ދައުލަތަށް ލިބޭނެ އާމްދަނީގެ އަންދާޒާވެސް ސަރުކާރުން ވަނީ، ހުށަހަޅުއްވާފައެވެ. އެގޮތުން މި އިސްލާޙާ ގުޅިގެން އަހަރަކު އެވްރެޖުކޮށް ދައުލަތުގެ އާމްދަނީއަށް 251 މިލިޔަން ރުފިޔާ އިތުރުވާނެ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ލަފާކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.

"އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު"އަށް އިސްލާޙު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލު ހުށަހެޅުއްވީ، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ.