ޚަބަރު

މާލެ ޓެކްސީލައިންގެ މަޢުލޫމާތު ލީކުކުރި މުވައްޒަފުގެ މައްސަލަ ފުލުހަށް


  • އެމުއްވައްޒަފު ވަނީ ވަޒީފާއިން އެކަހެރިކޮށްފައި

މާލެ ޓެކްސީލައިންގެ ޚިދުމަތުގައި ބޭނުންކުރާ މޮބައިލް އެޕްލިކޭޝަންގެ މައުލޫމާތު ލީކްކުރި މުވައްޒަފުގެ މައްސަލަ ތަހުގީގުކުރަން ފުލުހުންގެ އިދާރާއަށް ހުށަހަޅައިފިއެވެ.

މާލެ ޓެކްސީލައިން ޓެކްސީ އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައި ހުރި މައުލޫމާތުތަކަށް ބަދަލު ގެނެސ،ް ސިސްޓަމްގައި ހުރި މައުލޫމާތުތަކުގެ ސްކްރީން ޝޮޓް ނަގައި ލީކުކޮށްފައިވަނީ، ކުންފުނީގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފަކުކަން އެމްޓީސީސީން އިއްޔެ ވަނީ ހާމަކުރައްވާފައެވެ. އަދި އެ މުވައްޒަފުގެ މައްސަލަ ތަހުގީގުކުރަން ރަސްމީކޮށް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. ކަސްޓަމަރުންނާއި ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކޮށ،ް ރައްކާތެރިކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެކަމެއް ކުރާނެ ކަމުގެ ޔަޤީންކަން އެކުންފުނިން ވަނީ ދީފައެވެ.

އެމްޓީސީސީން އިއްޔެ ވިދާޅުވީ، ޓެކްސީ އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައި ހުރި މަޢުލޫމާތުތަކަށް ބަދަލު ގެނެސް ސިސްޓަމްގައި ހުރި މައުލޫމާތުތަކުގެ ސްކްރީން ޝޮޓް ނަގައި ލީކުކޮށްފައިވަނީ، ކުންފުނީގައި މަސައްކަތް ކުރަމުންދާ މުވައްޒަފަކުކަން އެކުންފުނިން ކުރި އެތެރޭގެ ތަހުގީގުން އެނގިފައިވާ ކަމަށެވެ. އަދި އެ މުވައްޒަފު އެކަން ކޮށްފައިވަނީ، އެއްވެސް ހުއްދައަކާއި ނުލާ އަމިއްލަ ޒާތީ އަދި ސިޔާސީ މަޤުސަދެއް ހާސިލުކުރުމުގެ ނިޔަތުގައި ކަމަށްވެސް އެމްޓީސީސީން ވިދާޅުވިއެވެ.

އެމްޓީސީސީން ވިދާޅުވީ، ބެކްއެންޑް ޑޭޓާބޭސް ސިސްޓަމަށް ބަދަލު ގެނައިކަން އައިސީޓީ ނެޓްވޯކް ސެކިޔުރިޓީ ޓީމަށް ފާހަގަވުމާއެކު ވަގުތުން އެކަން އޮޕަރޭޝަންސްގެ ސަމާލުކަމަށް ގެނެސް، ސިސްޓަމް ޝަޓްޑައުންކޮށް ސެކިޔުރިޓީ ލޮކްޑައުންއަކަށް ގެންދިޔަ ކަމަށެވެ.