އާޖެންޓީނާގެ ޓޯނިއޯ ކްލައުސޫރާގައި ރިވަރ ޕްލޭޓާއި އާޖެންޓީނޯސް ޖޫނިއަރސް ބައްދަލުކުރި މެޗު ރިވަރ ޕްލޭޓް ކާމިޔާބު ކޮށް މިސީޒަންގައި ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވެއްޖެއެވެ.
ވެރިރަށް ބޮއިނަސް އައިރިސްގައި ކުޅުނު މިމެޗު ރިވަރ ޕްލޭޓުން ކާމިޔާބު ކޮށްފައިވަނީ 2 ލަނޑު ސުން ލަނޑުންނެވެ. މިމެޗު ވެގެންދިޔައީ ނިމިގެންދިޔަ ވޯލްޑް ކަޕްގައި އާޖެންޓީނާ ޓީމުގައި ރަނގަޅު ކުޅުމެއް ދެއްކި ތިއާގޯ އަލްމާޑާ ރިވަރގެ ޖަރޒީގައި ކުޅުނު ފުރަތަމަ މެޗަށެވެ. ސްޕެނިޝް ލަލީގާގެ އެޓްލެޓިކޯ މެޑްރިޑަށް ކުޅެމުންދިޔަ އަލްމާޑާ ރިވަރއަށް ބަދަލުވެފައިވަނީ ވަރަށް ފަހުންނެވެ.
މިމެޗުގައި ރިވަރގެ ފުރަތަމަ ލަނޑު މެޗުގެ 37 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެންޖެލް ކޯރެއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ގޮންޒާލޯ މޮންޓިއެލްއެވެ. މިމުބާރާތުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށްފައިވާ އާޖެންޓީނޯސްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރާނެ ރަނގަޅު ފުރުސަތެއް ދެވަނަ ހާފުގެ ކުރީކޮޅު ލިބިގެންދިޔައެވެ. ނަމަވެސް އެޓީމުގެ ހަރނަން ލޯޕޭޒް ފޮނުވާލި ހަމަލާ އަމާޒުވީ ރިވަރ ޕްލޭޓްގެ ގޯލްގެ ހުރަސް ދަނޑިއަށެވެ. އަދި މެޗުގެ 76 ވަނަ މިނެޓުގައި ރިވަރގެ ކެޕްޓަން ނިކޮލަސް އޮޓަމެންޑީ ފޮނުވާލި ހަމަލާއެއްވަނީ އާޖެންޓީނޯސްގެ ގޯލްގެ ދަނޑިއަށްވެސް އަމާޒުވެފައެވެ.
މިމެޗުގައި ރިވަރއިން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 89 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްފައިވަނީ ކޯރެއާއެވެ. މިކާމިޔާބީ އާއެކު ރިވަރ ޕްލޭޓް މިހާރުވަނީ މިމުބާރާތުގެ ގްރޫޕް ބީގެ ފުލުން އަރާފައެވެ. މިމެޗުގެ ކުރިން އެޓީމުން ކުޅުނު 4 މެޗުންވެސް ވަނީ ބަލިވެފައެވެ.