ޚަބަރު

ޕްލާސްޓިކް ކޮތަޅުބޮނޑިން ފީ ނެގުން ހުއްޓާލާ ބިލު ފާސްކޮށްފި


  • 50 ކޮތަޅަށްވުރެ ގިނަ ކޮތަޅުބޮނޑިން ދެ ރުފިޔާ ނެގުން ހުއްޓާލަން ހިމަނާފައިވޭ

  • ކުނި މެނޭޖުކުރުމުގެ ވަސީލަތްތައް ހުންނަން ޖެހޭ މިންގަނޑު ހިމަނާފައިވޭ

ކުނި މެނޭޖުކުރުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށްފިއެވެ. އެ އިސްލާހު މަޖިލީހުން ފާސްކުރީ، ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާގުންނެވެ.

ކުނި މެނޭޖުކުރުމުގެ ޤާނޫނަށް އިޞްލާޙު ހުށަހެޅުއްވީ، އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒްއެވެ. އެ ބިލު ދިރާސާކުރީ، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީންނެވެ. އެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ، 65 މެމްބަރުންގެ ވޯޓާއެކު އޮގަސްޓް 12ވަނަ ދުވަހުއެވެ.

އެ ބިލުގައި ވަނީ، 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން ދެ ރުފިޔާ ނެގުން ހުއްޓާލުމަށް ހިމަނާފައެވެ. ކުރިން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި 2 ރުފިޔާ ނެގުން އިސްތިސްނާ ވަނީ ވަކި ހާލަތްތަކެއްގައި އެކަންޏެވެ. އެހެންކަމުން މިހާރު ގެނައި އިސްލާޙުގެ ސަބަބުން ޕްލާސްޓިކް ކޮތަޅުން ނަގާފީން ދައުލަތަށް ލިބޭ އާމްދަނީ ދަށްވާނެއެވެ.

ބިލުގައި ހިމަނާފައިވާ އިތުރު ކަންކަމަށް ބަލާއިރު، އިޤްތިޞާދީ އަދި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނުގައި ކުނި މެނޭޖުކުރުމުގެ ސިޔާސަތު އެކުލަވާލުން ހިމެނެއެވެ. އަދި ކުނި މެނޭޖްކުރާއިރު ޤައުމީ މާސްޓަރ ޕްލޭނާއި ސިޓީގެ ކުނި މެނޭޖްކުރުމުގެ ޕްލޭނާއި އެއްގޮތް ކުރަންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ކުނި މެނޭޖްކުރުމުގެ ނިޒާމް ފަރުމާކޮށް، ޤާއިމްކުރުމާއި، ކުނި މެނޭޖްކުރުމުގެ މިންގަނޑުތައް ކަނޑައެޅުން ހިމެނެއެވެ. ހަމައެހެންމެ ކުނި މެނޭޖްކުރާ މަރުކަޒުތަކާއި ގުޅުންހުރި ބައެއް އިސްލާޙުތައް ބިލުގައި ހިމަނާފައިވެއެވެ. ކުނި މެނޭޖްކުރުމުގައި ބޭނުންކުރާ ވަސީލަތްތައް ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.

އެހެންކަމުން ބިލުގެ މަސައްކަތް ނިމޭއިރު، ކުނި މެނޭޖްކުރުމުގެ ދާއިރާއަށް ޖުމްލަ ވަށާޖެހޭ ހައްލެއް ހޯދަން މަގުފަހިވެގެންދާނެއެވެ.