ޚަބަރު

ނިލަންދޫ މަސް ބަންދުކުރާ ކާރުޚާނާގެ ބިން ހިއްކުން ނިމުމަކާ ގާތަށް


  • ބިން ހިއްކުމުގެ ގާތްގަނޑަކަށް %80 މަސައްކަތް ވަނީ ނިމިފައި

  • ރިވެޓްމެންޓް ޖެހުމާއި، ބަނދަރު ހެދުމުގެ މަސައްކަތް ދަނީ ކުރަމުން

ފ. ނިލަންދޫ މަސް ބަންދުކުރާ ކާރުޚާނާއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާރިޗުމަހުގެ ތެރޭގައެވެ.

ނިލަންދޫގައި ޤާއިމްކުރާ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫޢަކީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓްކިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފެށީ މިއަހަރުގެ މާރިޗުމަހުގެ ތެރޭގައެވެ.

ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވިދާޅުވީ، މި މަޝްރުޢޫގެ ތެރެއިން ބިން ހިއްކުމުގެ ގާތްގަނޑަކަށް %80 މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި ރިވެޓްމެންޓް ޖެހުމާއި، ބަނދަރު ހެދުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާކަަމަށް ވިދާޅުވިއެވެ.

"ރައްޔިތުންވެސް ނުވެސް ވިސްނާ ތިއްބާ އިނގޭތޯ މި ސަރަހައްދުގައި އިޤްތިސާދީ ވަރަށް ބޮޑު މަޝްރޫޢެއް ފެއްޓެވީ. މަސް ފެކްޓްރީގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ބިން ހިއްކުމާއި، ރިވެޓްމެންޓް ޖެހުމާއި، ބަނދަރު ހެދުމުގެ މަސައްކަތް. އެ މަސައްކަތް ނިމުމަކާ ގާތަށް ދާންވާއިރަށް ދެންހުރި މަސައްކަތްތައް ފައްޓަވައިދެއްވާނެކަމުގެ އުފާވެރި ޚަބަރު ވަނީ ދެއްވާފައެވެ." ޢަލީ އަޙްމަދު ވިދާޅުވިއެވެ.

ނިލަންދޫގައި ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާ ގާއިމުކުރަން ހިއްކަނީ، އެރަށުގެ އުތުރު މަލަމަތިން 7 ހެކްޓަރުގެ ބިމެކެވެ. މި މަޝްރޫއުގެ ދަށުން ޤާއިމްކުރާ ކާރުޚާނާގައި ދުވާލަކު 50 ޓަނުގެ މަސް ދަޅު ބަންދުކުރެވޭނެ ކަމަށް މަސްވެރި ކަމާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫޢުގެ ދަށުން އެ ރަށުގައި 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއްވެސް ޤާއިމުކުރެވޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ، ރާއްޖޭގައި މަސް ބަންދު ކުރާ ކެޕޭސިޓީ އިތުރު ކުރުމެވެ. މީގެ އިތުރުންވެސް މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ތަފާތު އެކި މަޝްރޫޢުތައް ކުރިއަށްގެންދާކަން ފާހަގަކޮށްލެވެއެވެ.