ޚަބަރު

ސަޢުދީގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިލައިންގެ މަސައްކަތްތައް އަލުން ފަށައިފި


ސަޢުދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ހޮޅިލައިންގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށާއި، ރަތް ކަނޑުގައި ހުންނަ ޔަންބުޢު ބަނދަރު މެދުވެރިކޮށް އެކްސްޕޯޓުތައް ފެށުން އެކަށީގެންވާ ކަމަށް ބައެއް މަސްދަރުތަކުން ބުނެފިއެވެ.

އީސްޓް-ވެސްޓް ހޮޅިލައިން ބޭނުންކޮށްގެންް ސަޢުދީ ޢަރަބިއްޔާގެ އިރުމަތީ އައްސޭރިފަށުން ހުޅަނގުގެ އައްސޭރިފަށް ކަމަށްވާ ރަތް ކަނޑަށް ތެޔޮ ފޯރުކޮށްދެއެވެ. މި މަގަކީ ގަލްފުގެ ސަރަޙައްދުގައި ހުރަސްތައް ކުރިމަތިވުމުން ދުނިޔެއަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމަށް ކޮންމެހެން މުހިންމު ހޮޅިލައިންއެކެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ތެޔޮ އުފުލުމަށް ހުރަސްއެޅުމުން ސަޢުދީ ޢަރަބިއްޔާއިން ވަނީ ދުނިޔެއަށް ބޭނުންވާ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް 4 އިންސައްތަ، ނުވަތަ ދުވާލަކު 4 މިލިޔަން ފީފާގެ ތެޔޮ އީސްޓް ވެސްޓް ހޮޅިލައިން މެދުވެރިކޮށް ޔަންބުޢުއަށް ފޯރުކޮށްދެމުންނެވެ.

ސަޢުދީ ޢަރަބިއްޔާއަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާއަކާ ގުޅިގެން އީސްޓް-ވެސްޓް ހޮޅިލައިން ބަންދުކޮށް، ޔަންބުޢު ބަނދަރުގައި ތެޔޮ ބަރުކުރުން މެދުކަނޑާލާފައި ވަނީ ސެޕްޓެމްބަރު މަހުގެ 13ވަނަ ދުވަހުއެވެ. ސެޕްޓެމްބަރު 22ވަނަ ދުވަހު އަލުން އެ ހޮޅިލައިން ހުޅުވައިލުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެޔޮ ވިއްކުމަށް ކުރިއެރުން ލިބިފައިވެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ބްރެންޓް ތެޔޮ ގަތުމަށް ހަދާފައިވާ އެއްބަސްވުންތަކުގެ އަގު ވަނީ ފީފާއަކުން ދެ އެމެރިކާ ޑޮލަރަށް ވުރެ ބޮޑަށް ވެއްޓިފައެވެ. މިއީ ސެޕްޓެމްބަރު މަހުގެ 8ވަނަ ދުވަހުން ފެށިގެން އެ އަގު އެންމެ ދަށަށް ގޮސްފައިވާ މިންވަރެވެ.

ބައެއް މަސްދަރުތަކުން ބުނީ ސަޢުދީ ޢަރަބިއްޔާގެ ޤައުމީ ތެޔޮ ކުންފުނި، އަރާމްކޯއިން ތެޔޮ ޕަމްޕު ކުރާ މިންވަރު އަދި ހުރީ ކުރިއާ އަޅާ ބަލައި އިރު ދަށް ރޭޓެއްގައި ކަމަަށެވެ. އަދި އެ ރޭޓު ދުވާލަކު 4 މިލިޔަން ފީފާއަށް އަލުން އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ކުރިން މަސައްކަތް ކުރަމުން ދިޔަ މިންވަރަށް ޚިދުމަތް ދިނުމަށް އަދި ގިނަ ހަފްތާތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.