ޚަބަރު

މިދިޔަ ހަފުތާގައި ހިމަބިހި ޖެހިގެން ރިޕޯޓުކުރި މިންވަރު އިތުރު


  • މާލެ ސަރަހައްދުން ހިމަބިހީގެ 13 ކޭސް ފެނިފައިވޭ

  • ހިމަބިހި ޖެހުނު މީހުންގެ ޢަދަދުވަނީ 282އަށް އަރާފައި

ވޭތުވެދިޔަ ހަފުތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްތައް ރިޕޯޓްކުރި މިންވަރު އިތުރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 13 ކޭސް ފެނިފައިވެއެވެ. އަދި މި އަހަރުގެ މިހާތަނަށް ޖުމްލަ 282 ކޭސް ރިޕޯޓްކޮށްފައިވެއެވެ. އެޗްޕީއޭގެ ހިސާބުތަކުން އެނގޭގޮތުން މިހާތަނަށް 16،423 ފަރާތަކަށް ވެކްސިން ދީފައިވެއެވެ.

ރާއްޖެއިން ހިމަބިހި ނައްތާލިފަހުން އެކި ދުވަސްވަރު ހިމަބިހީގެ ކޭސްތައް ފެންނަކަން ފާހަގަކޮށްލެވެއެވެ. ރާއްޖެއިން ހިމަބިހީގެ ފުރަތަމަ ކޭސް ފެނުމާއެކުވެސް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް އެޗްޕީއޭއިންވަނީ ފިޔަވަޅުތައް އަޅަން ފަށާފައެވެ.

އެގޮތުން ބަލި ޖެހިފައިވާ މީހުން ދެނެގަތުމާއި، ބަލި ޖެހިފައިވާ މީހުންނާއި ބައްދަލުވީ މީހުން ދެނެގަނެ ވެކްސިން ދިނުމާއި، އާންމުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިފިޔަވަޅުތަކާއިއެކު ކުރިއާ އަޅާ ބަލާއިރު، ބަލި ޖެހިގެން ރިޕޯޓް ކުރާ މީހުންގެ އަދަދު ދަށްވާން ފަށާފައެވެ.

އެޗްޕީއޭއިން ވަނީ، ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ، ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ފަރުވާ ހޯދުމަށް ޞިއްޙީ ފަރުވާދޭ ތަނަކަށް ދާއިރު މާސްކު ބޭނުން ކުރުމަށާއި، ހުމާއި ރޯގާގެ އަލާމާތެއް ހުރިނަމަ އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރާއިރު މާސްކު ބޭނުން ކުރުމަށް ވަނީ އިރުޝާދު ދެއްވާފައެވެ. އަދި ހިމަބިއްސަށް ޝައްކު ކުރެވޭނަމަ ޓެސްޓު ކުރުމަށްފަހު ނަތީޖާ ލިބެންދެން އެކަހެރިވެ ހުރުމަށްވެސް ވަނީ، އިލްތިމާސް ކުރައްވާފައެވެ.