ދެކުނު ލުބުނާނުގައި ދާއިމީ ހަމަޖެހުމެއް ޤާއިމުކުރުމަށްޓަކައި ސިޔާސީ އިސްނެގުމެއް ކޮންމެހެން ބޭނުންވާ ކަމަށާއި، ހަމައެކަނި ސުލްޙަ ބަލަހައްޓާ ފައުޖުތައް ތިބެގެން މި މައްސަލައަށް ދާއިމީ ޙައްލެއް ނުހޯދޭނެ ކަމަށް އދ. އިން ހާމަކޮށްފިއެވެ.
ދެކުނު ލުބުނާނަށް ދާއިމީ ސުލްޙައެއް ގެނައުމަކީ އަދިވެސް ހާސިލުކުރެވިދާނެ ލަނޑުދަނޑިއެއް ކަމުގައި ވިޔަސް، އެކަން ޙަޤީޤަތަކަށް ހެދޭނީ ދެފަރާތުން ވާސިލުވާ ސިޔާސީ އެއްބަސްވުމަކުން ކަމަށް، ލުބުނާނުގައި ހަރަކާތްތެރިވާ އދ. ގެ ސުލްޙަ ބަލަހައްޓާ މިޝަން (ޔުނިފިލް) އިން ބުނެފިއެވެ. ބައިނަލްއަޤްވާމީ ސުލްޙައިގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ނަޤޫރާގައި ހުންނަ އެ މިޝަންގެ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ޔުނިފިލްއިން ފާހަގަކުރި ގޮތުގައި، އެ ފައުޖުގެ މައިގަނޑު ދައުރަކީ މަސްރަޙު ހަމަޔަކަށް އެޅުވުމާއި، މަޝްވަރާތަކަށް ފުރުޞަތު ފަހިކޮށްދިނުމުގެ އިތުރުން ލެބަނާނުގެ އަސްކަރިއްޔާއަށް އެއްބާރުލުން ދިނުމެވެ.
ޔުނިފިލްގެ ކޮމާންޑަރު މޭޖަރ ޖެނެރަލް ދިއޮޑާޓޯ އަބަގްނާރާ ވިދާޅުވީ، ސަރަޙައްދުގެ ދާއިމީ ހަމަޖެހުމަށްޓަކައި އދ ގެ ސަލާމަތީ މަޖިލީހުގެ ޤަރާރު 1701 ފުރިހަމައަށް ތަންފީޒުކުރުމަކީ ކޮންމެހެން ލާޒިމު ކަމެއް ކަމަށެވެ. 2006 ވަނަ އަހަރު ޔަހޫދީ އިސްތިޢުމާރީ ބާރުތަކުން ދިން ޢުދުވާނަށްފަހު ފާސްކުރި މި ޤަރާރު ބަޔާންކުރާ ގޮތުގައި، "ބްލޫ ލައިން" އާއި ލިޓާނީ ކޯރާ ދެމެދު އޮންނަ ސަރަޙައްދުގައި، ލެބަނާނުގެ ރަސްމީ ސިފައިންނާއި ޔުނިފިލްގެ ފައުޖުތައް ފިޔަވައި އެހެން އެއްވެސް ހަތިޔާރުއެޅި ޖަމާޢަތެއް އަދި ހަތިޔާރެއް ނުބެހެއްޓޭނެއެވެ.
2026 ވަނަ އަހަރުގެ ނިޔަލަށް ޔުނިފިލްގެ މިޝަން ނިންމާލައި ސިފައިން ބޭލުމަށް ތައްޔާރުވަމުންދާއިރު، ސަލާމަތީ ކަންކަން ބެލެހެއްޓުމާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާތައް ޙަވާލުކުރުމާ ގުޅޭގޮތުން ޔޫރަޕާއި ޢަރަބި ޤައުމުތަކުގެ މެދުގައި މިހާރު ދަނީ މަޝްވަރާތައް ހިނގަމުންނެވެ.
މާރިޗު މަހުގެ 2 ވަނަ ދުވަހު ޔަހޫދީ ފައުޖުތަކުން ހިޒްބުއްލާގެ އަމާޒުތަކަށް ކަމަށް ބުނެ ދޭންފެށި ވަރުގަދަ ޙަމަލާތަކާއެކު، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ދަމަހައްޓަމުން އައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ވަނީ މުޅިން ރޫޅިފައެވެ. މި ޙަމަލާތަކުގެ ސަބަބުން އެތައް ހާސް ރައްޔިތުންނެއްގެ ގެދޮރު ގެއްލި، ޢާންމުންގެ އެތައް ބަޔަކު ޝަހީދުވެ، ޢުމްރާނީ ވަސީލަތްތަކަށް ވަނީ ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ޙާލަތާ ގުޅިގެން ޔުނިފިލްއިން ވަނީ ލުބުނާނުގެ ދަޢުލަތުގެ ބާރު ސަރަޙައްދުގައި ވަރުގަދަކުރުމަށްޓަކައި އެ ޤައުމުގެ ސިފައިންނަށް ފޯރުކޮށްދޭ ތަމްރީނުތަކާއި އެހީތެރިކަން އިތުރަށް ފުޅާކޮށްފައެވެ.