އިސްލާމީ ރިވެތި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ މުޖުތަމަޢެއްގެ އެންމެ މުހިންމު އެއް ސިފައަކީ އެކަކު އަނެކަކަށް އިޙުތިރާމްކުރުންކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ސަރުކާރުން ފަށަން ހަމަޖެހިފައިވާ އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ހީނާ ވަލީދު ފާހަގަކުރެއްވި ގޮތުގައި، ދިވެހި ތާރީޚުގެ ފަތްފުށްތަކުން ހެކިދޭ ފަދައިން ދިވެހިންނަކީ ޒަމާނުއްސުރެ މެހެމާންދާރީ އަދާކުރުމާއި، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރިވެތި ނަމޫނާއެއް ދައްކަމުން އައިސްފައިވާ، ހަރުދަނާ ސިފަތަކެއްގެ ވެރި ބައެކެވެ.
ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާފައިވާ އިޙްތިރާމްކުރުމުގެ ޤައުމީ ކެމްޕޭނުގެ ޝިޢާރު ކަމަށްވާ "އިޙްތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" އަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ މިއީ އެހަމަތަކުގެ މައްޗަށް ބިނާވެފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި އެކަކު އަނެކަކަށް ގަދަރާއި އިޙްތިރާމްކޮށް އަޅާލާ މުޖުތަމަޢަކީ އަބަދުވެސް އުފާވެރިކަމާއި ހަމަޖެހުން ލިބިގެންވާ ތަނަކަށް ވާނެކަމަށް ވިދާޅުވިއެވެ.
ދިވެހިބަހާއި، ސަގާފަތާއި، ތާރީޚުގެ އިތުރުން ދިވެހިންގެ އާދަކާދަތައް ބިނާވެފައިވަނީ އިސްލާމީ މަތިވެރި އަސާސްތަކުގެ މައްޗަށްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އެފަދަ މުޖުތަމައެއްގެ އެންމެ މައިގަނޑު އަސާސަކީވެސް އަދި އެންމެ ރިވެތި ސިފައަކީވެސް އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރުން ކަމުގައެވެ.
"އަޅުގަނޑުމެން މި ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި އިހްތިރާމްކުރުމުގެ ރިވެތި އާދަ އަޅުގަނޑުމެންގެ ތެރޭގައި އަލުން އަށަގަންނުވަން އޭރު އަޅުގަނޑުމެންގެ ކާބަފައިން ޒަމާނުގައި އަޅުގަނޑުމެންގެ ތެރޭގައި އިސްލާމީ އަދަބު އަހުލާޤާއި ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެއްބަޔަކު އަނެއްބަޔަކު އަޅާލުމާއި އޯގާތެރިކަމާއި އަލުން އަށަގެންނެވުން މަސައްކަތް ކުރަންޖެހެނީ" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިފަދަ ކޮންމެ ކަމެއްވެސް ގުޅިފައިވަނީ މާތްވެގެންވާ އިސްލާމްދީނާ ކަމަށެވެ. އަދި އިސްލާމްދީނަކީ އެކަކު އަނެކަކަށް އިޙްތިރާމްކުރުމަށް އެންމެ ބޮޑަށް ބާރުއަޅާ ދީންކަން ފާހަގަކުރައްވަމުން މި ޕްރޮގްރާމަކީ އެފަދަ މަތިވެރި މަޤްސަދެއްގައި ހިންގޭ ޕްރޮގްރާމެއް ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ޝާމިލުވާނެ ގޮތަށް ކަމަށާއި، މި ޕްރޮގްރާމް އެކުލަވައިލުމަށްޓަކައި ރާއްޖޭގެ އެކި ޖަމްއިއްޔާ ޖަމާއަތްތަކާ ބައްދަލުކޮށް މަޝްވަރާކުރެވިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި މި ހަރަކާތްތައް ކުރިއަށްދާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭހެން މުޖުތަމައުގެ ހުރިހާ ދާއިރާއެއްގެ ބައިވެރިވުން ލިބޭނެ ގޮތަށް ކަމުގައި ފާހަގަކުރެއްވިއެވެ. ވަޒީރު ހީނާ ވިދާޅުވީ މި ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ ބައިވެރިވުމާއެކު މި މަސައްކަތް ކުރިއަށްގެންދެވިއްޖެނަމަ މުޖުތަމައަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢެގެ ކަންކަން ގެނެސް ހާމާކުރުމަށް ޚާއްސަ ވެބްސައިޓެއް ތައްޔާރުކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. އެ ވެބްސައިޓް މެދުވެރިކޮށް ތަފާތު މެސެޖްތަކާއި އެކި ހަރަކާތްތަކުގެ ފޮޓޯތަކާއި ވީޑިއޯތަކާއި އަދި ލިޔެކިޔުންތައް ފެންނަން ހުންނާނެ ފަދަ ގޮތަކަށް ފަރުމާކުރުމަށް ހުޅުވާލަން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.