ޖަޕާނުގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގައި ރާއްޖޭގެ ބީޗް ވޮލީބޯޅަ ޕެއާއިން ވަރުގަދަ ޖަޕާން އަތުން ބަލިވެއްޖެއެވެ.
ޖަޕާނަކީ އޭޝިއާގެ ގަދަ ބާރެކެވެ. ރާއްޖޭގެ އެއްވަނަ ޕެއާ އާދަމް ނަސީމް (އެޑަމް)އާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)ގެ ޕެއާއިން ނުކުތީ ޖަޕާނުގެ ކުރޮސަވާ ކޮޓާއާ މިޒްމަޗީ ޓައިޓޯގެ ޕެއާއާ ދެކޮޅަށެވެ.
މި މެޗު ޖަޕާނުގެ ޕެއާއިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖޭގެ ޕެއާއިން ވަނީ ރަނގަޅު ފައިޓެއް ދީފައެވެ. މި ސެޓު ޖަޕާނުގެ ޕެއާއިިން ކާމިޔާބުކުރީ 21-15 އިންނެވެ.
ދެވަނަ ސެޓުގައި ރާއްޖޭގެ ޕެއާގެ ފަރާތުން ޖުމްލަކޮށް ދަށް ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު ޖަޕާނުގެ ޕެއާއިން ކާމިޔާބުކުރީ 21-11 އިންނެވެ.
މި މުބާރާތުގައި ފުރަތަމަ މެޗުގައި ރާއްޖެއިން ނުކުތީ އީރާނާ ދެކޮޅަށެވެ. އެ މެޗު އީރާނުން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ.
މީގެ ކުރިން ރާއްޖޭގެ ޕެއާއިން ބްރެޒިލް ކޯޗެއްގެ އިރުޝާދުގެ ދަށުން ރަނގަޅު ތަމްރީނުތަކެއް ހެދުމަށްފަހު ކޮމަންވެލްތު ގޭމްސްގައި ވާދަކުރިއިރު، އެ ފަހަރުގެ ގޭމްސްގައި ރާއްޖޭގެ ޕެއާއިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފައެވެ.
މީގެ ކުރިން ސާޖިދާއި އާދަމްގެ ޕެއާއިން ވަނީ ވޮލީބޯޅައިން ރާއްޖެއިން ހޯދި ފުރަތަމަ ރަން މެޑަލް ރާއްޖެއަށް ހޯދައިދީފައެވެ. އެ ފަހަރު ސާޖިދާއި އާދަމްގެ ޕެއާއިން ރަން މެޑަލް ހޯދީ ބީޗް ވޮލީބޯލް ޗެލެންޖު ކަޕުގައި ވާދަކޮށެވެ.