ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ދިމާވާ އެއް ގޮންޖެހުމަކީ ހިމާޔަތް ކުރުމަށް ބޭނުންވާ ޖާގަ ނެތުންކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވަޒީރު ވަނީ ރާއްޖޭގެ ތަރިކަ ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ. 
ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތަކަކީ ވަރަށް މުހިއްމު ތަންތަންކަމަށެވެ. އެހެންކަމުން އެތަންތަން ހިމާޔަތްކޮށް ރައްކާކުރުމަކީ މުހިންމުކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. 
ވަޒީރު ވިދާޅުވީ ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް އިސްލާމިކް ވޯލްޑް އޮފް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯރގަނައިޒޭޝަނާއި ޔުނެސްކޯއާ ގުޅިގެން މަސައްކަތް ކުރަމުންއަންކަމަށެވެ. އަދި އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓްގައި ހިރިގަލު މިސްކިތްތައް ހިމެނުމުގެ ފެހި ސިގްނަލް ލިބިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. 
ވަޒީރު ވިދާޅުވީ ދުނިޔޭގެ ތަރިކައިގެ ލިސްޓްގައި ހިމެނުމަށް ދިމާވާ އެއް ގޮންޖެހުމަކީ ތަރިކަ ރައްކާތެރިކުރުމުގެ މިންގަނޑުތަކުގެތެރޭގައި ވަކި ވަރަކަށް ތަނުގެ ޖާގަ ބޭނުންވުމުގެ މައްސަލަކަމަށެވެ. އެގޮތުން ހިމާޔަތް ކުރާ މިސްކިތެއްގެ ވަށައިގެން ވަކިވަރަކަށް ބިން ބޭނުންވާކަމަށާއި، އެ މިންގަނޑަށް ލިޔެއް ހޯދުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 
"އަޅުގަނޑުމެންނަކީ ބިމުގެ ކަންކަމުގައި ވަރަށް ނަސީބު ދެރަބައެއް. ޖާގަ ވަރަށް ކުޑަކޮށް މި އޮންނަނީ. އެ މައްސަލަ މި އުޅެނީ. އަޅުގަނޑު ހިތުން އެންމެ ފުރަތަމަވެސް ދިމާވި އެއްކަމަކީ މިއީ." ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވިއެވެ. 
		
										
			ތަރިކަ ހިމާޔަތް ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް އަލި އަޅުވާލައްވަމުން ވަޒީރު ވިދާޅުވީ މި ތަކެތި ހިމަޔާތްކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަކީ މުހިންމު ކަމެއްކަމަށާއި، މިދާއިރާއިން މީހުން ތަމްރީންކުރުމުގެ މަސައްކަތްތައްވެސް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ބޭރުގެ އެކި ފަރާތްތަކުން ލިބޭ ފުރުޞަތުތަކުގައިވެސް މީހުން ތަމްރީން ކުުރމަކީ އަމާޒެއްކަމަށް ވަޒީރު ވިދާޅުވިއެވެ. 
ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތް 2008ވަނަ އަހަރުން ފަށައިގެން އަންނަނީ ކުރަމުންނެވެ. އެގޮތުން 2008ވަނަ އަހަރު މާލެ ހުކުރު މިސްކިތް ވަނީ ޔުނެސްކޯގެ ދުނިޔޭގެ ވަގުތީ ތަރިކައިގެ ލިސްޓްގައި ހިމަނާފައެވެ.
މާލޭ ހުކުރު މިސްކިތުގެ އިތުރުންވެސް ވަރަށް ގިނަ ހިރިގަލު މިސްކިތްތައް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަން ހުރުމުން އެ މަސައްކަތް 2011 ވަނަ އަހަރު ފެށިއެވެ. ނަތީޖާއެއްގެ ގޮތުން  7 މިސްކިތެއް މިހާރު ވަނީ ޔުނެސްކޯގެ ދުނިޔޭގެ ވަގުތީ ތަރިކައިގެ ލިސްޓްގައި ހިމަނާފައެވެ.