ޚަބަރު

ފްލެޓާގުޅޭ ކަންކަން މަޑުޖައްސާލަން އެންގި އެންގުމާމެދު މި ހަފްތާގައި ގޮތެއް ނިންމަނީ


  • ގޮތެއް ނިންމާތާ 3 ދުވަސް ތެރޭ އެއްބަސްވުމުގައި ސޮއިކުރަން ފެށޭނެ

  • ފްލެޓް ކަންކަން މަޑުޖައްސާލުމަށް މީގެކުރިންވެސް އޭސީސީން އެންގި

  • ދާއިމީ ލިސްޓާގުޅޭ އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް

ފްލެޓާގުޅޭ ކަންކަން މަޑުޖައްސާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭ.ސީ.ސީއިން އެންގި އެންގުމާމެދު މި ހަފްތާގެ ތެރޭގައި ގޮތެއް ނިންމާނެކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުގެ "ގެދޮރުވެރިޔާ ސްކީމު"ގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ ފްލެޓްތައް ޙަވާލުކުރުމާއި ގުޅޭ އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭ.ސީ.ސީއިން ޕްލޭނިންގ މިނިސްޓްރީއަށް އަނެއްކާވެސް އަންގާފައިވަނީ މިދިޔަ ނޮވެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ 4000 ފްލެޓް ދޫކުރުމުގެ އެންމެހައި ކަމެއް ހުއްޓާލުމަށް އޭ.ސީ.ސީއިން އަންގާފައި ވަނީ ދާއިމީ ލިސްޓަށް ހުށަހެޅުނު ޝަކުވާތަކަށް ރިޔާއަތްކުރުމަށްފަހު، އޭރުގެ ޕްލޭނިންގ މިނިސްޓްރީން އަލުން ދާއިމީ ލިސްޓުވެސް އާއްމުކުރައްވާފައި ވަނިކޮށެވެ.

ފްލެޓްތަކުގެ ދާއިމީ ލިސްޓާއި ގުޅިގެން އާއްމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން އޭ.ސީ.ސީއިން މި މައްސަލަ މިހާރު އަންނަނީ ތަޙުޤީޤުކުރަމުންނެވެ. މިކަމާގުޅިގެން ފްލެޓާއި ގުޅުންހުރި ކަންކަން މަޑުޖައްސާލުމަށް އޭ.ސީ.ސީއިން މީގެކުރިންވެސް ވަނީ އަންގަވާފައެވެ.

އޭ.ސީ.ސީގެ ތަޙުޤީޤުގެ ތެރެއިން "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓަށް ޝަރުތު ހަމަނުވާ ފަރާތްތަކެއް ޝަރުތުހަމަވާކަމަށް ކަނޑައަޅައި އެފަރާތްތަކަށް ޕޮއިންޓް ދީފައިވާކަމާއި، ފޯމްތައް އިވެލުއޭޓް ކުރުމުގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ބައެއް ފަރާތްތަކަށް ޕޮއިންޓްދީފައިވާކަން ފާހަގަކުރެވިފައިވާކަމަށް އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އަދި ބައެއް ފަރާތްތަކުން ހުށަހަޅާފައިވާ މަޢުލޫމާތުގެ ޞައްޙަކަން ޔަޤީންކުރެވެން ހުރި ޙާލަތްތަކުގައި އެކަން ކޮށްފައިނުވާކަން ކޮމިޝަނުގެ ތަޙުޤީޤަށް ފާހަގަކުރެވިފައިވާކަމަށްވެސް އޭރު ވިދާޅުވިއެވެ.

4000 ފުލެޓާ ގުޅިގެން ކޮމިޝަނަށް ހުށަހެޅުނު މައްސަލައިގައި، ފްލެޓާ ގުޅޭ ކަންކަން މަޑުޖައްސައިލުމަށް ކޮމިޝަނުން އެންގި އެންގުމާ މެދު ކޮމިޝަނުން މި ހަފްތާ ތެރޭގައި ގޮތެއް ނިންމާނެކަމަށްވެސް އޭ.ސީ.ސީއިން ވަނީ ވިދާޅުވެފައެވެ.

މި ފްލެޓްތައް ލިބޭ މީހުންގެ ލިސްޓާ ގުޅޭ ކަންކަން ނިމޭތާ، 3 ދުވަހުގެ ތެރޭގައި އެގްރިމަންޓުގައި ސޮއިކުރަން ފަށާނެކަމަށް ފަހި ދިރިއުޅުން ކޯރޕަރޭޝަނުން ވަނީ ބުނެފައެވެ.

4000 ފްލެޓަށް ސަރުކާރުން ހުޅުވާލި ފުރުޞަތުގައި ފޯމު ހުށަހެޅި 20،697 މީހުންގެ ތެރެއިން 13000 އަށްވުރެ ގިނަ މީހުން ފްލެޓަށް ޝަރުތު ހަމަވާކަމަށް ކުރީގެ ސަރުކާރުން ނިންމެވިއެވެ.