ޚަބަރު

މިސްކިތްތަކުގައި ސޯލާ ހަރުކުރުމުގެ މަސައްކަތް އަންނަމަހު ފަށަނީ


  • 155 މިސްކިތެއްގައި ސޯލަރ ޕީވީ ނިޒާމު ޤާއިމުކުރާނެ

  • މި މަސައްކަތް ކުރާނީ ފެނަކަ ކޯރޕަރޭޝަނާއި ޙަވާލުކޮށްގެން

  • ޖުމްލަ 10 މިލިއަން ރުފިޔާ ޚަރަދުވާނެ

  • ސޯލަރ ޕީވީ ނިޒާމުތައް ބަލަހައްޓާނީ ކައުންސިލްތަކުން

  • އަހަރަކު 8 މިލިއަން ރުފިޔާ ބަޖެޓުން ސަލާމަތްކުރެވޭނެ

ރާއްޖޭގެ މިސްކިތްތަކުގައި އަވިން ހަކަތަ އުފައްދާ ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތް މިފެށޭ އޯގަސްޓްމަހު ފެށުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ވިދާޅުވެއްޖެއެވެ. ސަރުކާރުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ 155 ރަށެއްގެ 155 މިސްކިތެއްގައި އަވިން ކަރަންޓު އުފެއްދުމުގެ ބޮޑު މަޝްރޫޢެއް އިޢުލާންކުރައްވާފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ 155 ރަށެއްގެ 155 މިސްކިތެއްގައި ސޯލަރ ޕީވީ ނިޒާމުތަށް ޤާއިމުކުރުމަށްޓަކައި ބޭނުންވާ ސޯލަރ ޕީވީ ސިސްޓަމްތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބީލަން ހުށަހެޅުމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިހާރު ވަނީ ހުޅުވާލާފައެވެ. މި 155 މިސްކިތުގައި އަވިން ކަރަންޓު އުފައްދާ ނިޒާމުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ފެނަކަ ކޯރޕަރޭޝަނާއި ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢަށް ޖުމްލަ 10 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ، މި ނިޒާމުތައް ބަލަހައްޓާނީ ރަށު ކައުންސިލްތަކުން ކަމަށާއި، މިއީ ސަރުކާރުން ކައުންސިލްތަކަށް ހިލޭ ފޯރުކޮށްދޭ އެހީތެރިކަމެއްކަމަށެވެ. މި މަސައްކަތް ކުރުމަށްޓަކައި ބޭނުންވާ ސޯލަރ ޕީވީ ނިޒާމުތަށް ސަޕްލައިކޮށްދޭނެ ފަރާތެއްގެ ހޯދުމަށް ބިޑް ހުށަހަޅަންޖެހޭ އެއްމެ ފަހު ތާރީޚަކީ 17 އޯގަސްޓް 2023 އެވެ. ނަމެވެސް މި ވަގުތު އެންވަޔަރަމަންޓް މިނިސްޓްރީގައި ހުރި ސާމާނު ބޭނުންކޮށްގެން އޮގަސްޓް މަހުގެ ތެރޭގައި ބައެއް މިސްކިތްތަކުގައި މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މި މަޝްރޫއާއި ގުޅޭގޮތުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ މާޖިދް ވިދާޅުވީ، ސަރުކާރުގެ ނެޓް-ޒީރޯ 2030 ޓާގެޓް ޙާޞިލުކުރުމަށާއި، ކައުންސިލުތަކުން މިސްކިތްތަކުގެ ކަރަންޓު ބިލަށް ކުރާ ޚަރަދުގެ ބޮޑު ބައެއް އެހެނިހެން މަސައްކަތްތަކަށް ބޭނުންކުރުމަށް އެހީތެރިވެދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެއް ކަމަށެވެ.

"ކުރިއަށް އޮތްތާނގައިވެސް ކައުންސިލުތަކަށް އަމާޒުކޮށްގެން މިފަދަ އިތުރު މަޝްރޫޢުތައް ހިންގުމަށްވެސް ސަރުކާރުވަނީ ނިންމާފައި" މާޖިދު ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ، 155 މިސްކިތެއްގައި ސޯލަރ ޕީވީ ނިޒާމު ޤާއިމުކުރުމަށް ހިންގާ މި ބިޔަ މަޝްރޫޢުގެ ސަބަބުން ދައުލަތުގެ ބަޖެޓުން އަހަރަކު 8 މިލިއަން ދިވެހި ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އަންދާޒާކުރެވޭކަމަށެވެ.

ރާއްޖޭގެ ހަކަތައިގެ ސިނާޢަތް ތިމާވެއްޓާއި ރަށްޓެހިކޮށް، ކަރަންޓް އުފެއްދުމަށް ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން އިއާދަކުރަނިވި ހަކަތައިގެ ގިނަ މަޝްރޫޢުތަކެއް މިވަގުތުވެސް މާލޭ ސަރަޙައްދާއި އަތޮޅުތަކުގައި ދަނީ ހިންގަވަމުންނެވެ.