ޤައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އުތީމަށް ވަޑައިގެންފިއެވެ. ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ، މާދަމާ ހެނދުނު އުތީމުގައެވެ.
ރަށުގެ ކުދި ބޮޑު ރައްޔިތުން ބަނދަރު ސަރަޙައްދަށް ނިކުމެ، ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއަށް އުތީމުން ވަނީ ވަރަށް ހޫނު މަރުޚަބާއެއް ކިޔާފައެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި އުތީމުގައި ބާއްވާ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މާދަމާ އެ ރަށަށް ވަޑައިގަންވާނެއެވެ. ރައީސްގެ ދެކަނބަލުންނަށް ރަސްމީކޮށް މަރުހަބާ ކިޔުން އޮންނާނީ، މާދަމާ ހެނދުނު 08:30 ގައެވެ. ޤައުމީ ދުވަހުގެ ޖަލްސާ އޮންނާނީ، ހެނދުނު 10:00ގައެވެ.
އަދި ބޮޑުތަކުރުފާނު ހަނދާނީ ދޮރުއަށި ހުޅުވުމާއި ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދު ކިޔައިދޭ "ވާހަކަ ވައު" ހުޅުވައިދެއްވުންވެސް އޮންނާނެއެވެ.
ޤައުމީ ދުވަހުގެ ހަރަކާތްތައް އުތީމުގައި ފަށާފައިވަނީ، މިއަދު ހެނދުނުއެވެ. އެގޮތުން މިއަދު ވަނީ، ދިދަ ނެގުމުގެ ރަސްމިއްޔާތުވެސް ބާއްވާފައެވެ. އަދި މިރޭ އުތީމުގައި ހަވާ އެރުވުމުގެ ހަރަކާތް 21:00ގައި އޮންނާނެއެވެ.
އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (ބޮޑުތަކުރުފާނު) ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ޒިކުރާ އައު ކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1ވަނަ ދުވަސް ފާހަގަކުރަނީ، ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ގޮތުގައެވެ.