 
										
			ފެނަކަ ކޯޕަރޭޝަނުން ހިންގަވާ ސޯލާ ހަރުކުރުމުގެ މަޝްރޫޢުގެ ދަށުން މިއަހަރު ނިމުމުގެ ކުރިން 20 މެގަވޮޓްގެ ސޯލަރ ހަރުކުރެވޭނެކަމަށް އެ ކޯރޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.  
ހަކަތަ އުފެއްދުމަށް ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރައްވައި ރާއްޖެއަކީ ތިމާވެއްޓާ ރަށްޓެހި ގޮތްތަކަށް ކަރަންޓު އުފައްދާ ޤައުމުކަށް ހެއްދެވުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށްޓަވައިފައެވެ. ރަށްރަށުގައި ކަރަންޓު ބޭނުންކުރާ އެންމެ މަތީ ޢަދަދުގެ %70 އަކީ އިއާދަކުރަނިވި ހަކަތައަށް ހެއްދެވުމަކީ  މިކަމުގެ އަމާޒެވެ. މީގެ ސަބަބުން ސަރުކާރުން ތެލަށް ކުރާ ހޭދައިން އެތައް ގުނައެއް ކުޑަވެއެވެ.
ސަރުކާރުން ވަނީ ގޭބިސީތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށް، ތިމާވެށްޓާ ރަށްޓެހިގޮތަށް ކަރަންޓު އުފައްދައި، ބޭނުންކުރެވޭނެ ޕްރޮގްރާމެއް ވެސް ތަޢާރަފްކުރައްވައިފައެވެ. "ހޯމް ސޯލަރ" ޕްރޮގްރާމް ހިންގަން ފެނަކަ ކޯރޕަރޭޝަނާ ޙަވާލުކުރައްވައިފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ. މި ޕްރޮގްރާމްގެ މަޤްޞަދަކީ އާއްމު ރައްޔިތުން ތިމާވެށްޓާ ރައްޓެހި ގޮތްތަކަށް ކަރަންޓު ބޭނުންކުރުމަށް ހޭލުންތެރިކުރައްވައި، ބޮޑެތި ޢަދަދުތަކުން ކަރަންޓަށް ދައްކާ ފައިސާ ސާލާމަތްކުރުމެވެ.
		
 
										 
										
			ޕީ.އެސް.އެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފެނަކަ ކޯރޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވީ، ހޯމް ސޯލަރ ޕްރޮގްރާމަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަމަށެވެ. 
މިހާރުވެސް 2 މެގަވޮޓަށްވުރެ ގިނައިން ސޯލަރ ހަރުކުރުމަށް ރައްޔިތުން އެދިފައިވާ ކަމަށާއި، 1 މެގަވޮޓްއަށްވުރެ ގިނަ ސޯލަރ ހަރުކުރުމަށް މަގުފަހިވެފައިވާކަމަށް ސަޢީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ، ހޯމް ސޯލަރގެ އިތުރަށްވެސް މިހާރު 14 މެގަވޮޓްގެ ސޯލަރ ބޭނުންކުރަމުން އަންނަކަމަށެވެ. އަދި އަހަރު ނިމުމުގެ ކުރިން އިތުރު 20 މެގަވޮޓް އިންސްޓޯލްކޮށް ޚިދުމަތް ދެވޭނެކަމަށް ސަޢީދު ވިދާޅުވިއެވެ. 
"ކާބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެދުމަށްޓަކައި ފެނަކައިގެ ބޮޑު ދައުރެއް އެބައޮވޭ. މިގޮތުން ހިންގާ ހޯމް ސޯލާ ޕްރޮގްރާމަށްވެސް ބޮޑު ތަރުޚީބެއް އެބަލިބޭ" ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސަޢީދު މުޙައްމަދު ވިދާޅުވިއެވެ. 
ހޯމް ސޯލަރ ހަކަތަ ޤާއިމުކުރުމާއެކު، ގޭބިސީތަކުގެ ކަރަންޓު ބިލުން %90 ކުޑަކުރެވޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. 2000 ރުފިޔާގެ ކަރަންޓު ބިލެއް ދައްކާ ގެއަކުން، މި ނިޒާމާއެކު މަހަކު ދައްކާ އަގު 60 ރުފިޔާއަށް ކުޑަކޮށްލެވޭނެއެވެ. ހޯމް ސޯލަރ ނިޒާމަކީ ދިރިއުޅޭ ގޭގެ ފުރާޅުގައި ހަރުކުރާ ފެހި ހަކަތަ އުފައްދާ ނިޒާމެކެވެ. ހޯމް ސޯަރ ނިޒާމެއް 20-25 އަހަރާ ދެމެދުގެ މުއްދަތަކަށް ބޭނުންކުރެވޭނެއެވެ.
ސަރުކާރުގެ ޢަމާޒަކީ 2023 ނިމޭއިރު ރާއްޖޭގައި އުފައްދާ ކަރަންޓުގެ %26 އަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމެވެ.