ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފުން އިލްތިމާސްކުރައްވައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މި ދުވަސްވަރު ރާއްޖޭގެ ސަރަޙައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން ޖެހޭ ކަމަށެވެ. އެގޮތުން، ދަތުރުކުރައްވާ ނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށްފަހު ނޫނީ ދަތުރު ނުކުރުމަށް އިލްތިމާސްކުރެއްވިއެވެ.
ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށްވެސް އެމްއެންޑީއެފުން އިލްތިމާސްކުރެއްވިއެވެ. އަދި މުދާ އުފުލާ އުޅަނދުފަހަރުން، މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރުމަށާއި ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް އިލްތިމާސްކުރެއްވިއެވެ.
ދަތުރުކުރާ ފަރާތްތަކުން ލައިފްޖެކްޓްއަޅައި، އިތުރަށް ސަމާލުވެލެއްވުމަށްވެސް އެމްއެންޑީއެފުން އިލްތިމާސްކުރެއްވިއެވެ. އަދި ޑައިވިންގ އާއި ވޯޓަރ ސްޕޯޓްސް އިންތިޒާމުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއްދިނުމަށާއި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށްވެސް އިލްތިމާސްކުރެއްވިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ކުރިއަށްއޮތް 3 ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ، ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކުރައްވާފައެވެ. އެ އިދާރާއިން ވިދާޅުވީ ހުޅަނގުމޫސުމުގެ ވިއްސާރައާއި ގުޅިގެން ރާއްޖެ ސަރަޙައްދުގައި ގިނަ އަދަދަކަށް ވިއްސާރަވިލާ އުފެދެމުން ދިއުމުގެ ފުރުސަތު ބޮޑުކަމަށެވެ.
އެގޮތުން މިމަހުގެ 11 ،12 އަދި 13ވަނަ ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ވަނީ ލަފާކުރައްވާފައެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށްވެސް ލަފާކުރައްވައެވެ.
އެ އިދާރާއިން ވިދާޅުވެފައިވާގޮތުގައި، އާންމުކޮށް ވައިޖެހޭނެކަމަށް ލަފާކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އެހެން ހިސާބުތަކަށް ހުޅަނގާއި، ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 22 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ވިދާޅުވިއެވެ.
ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރައްވައެވެ.