ޚަބަރު

އޮޑި ބަލިކޮށް ފުރަތަމަ 3 ޕޮއިންޓް ޗެމްޕިއަން މާޒިޔާއަށް


  • މާޒިޔާއިން އޮޑި ބަލިކުރީ 1-0 ގެ ނަތީޖާއަކުން

  • އޮޑިން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު

އޮޑި ސްޕޯޓްސް ކުލަބްގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރިހޯދާ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މިދިޔަ ފަސް އަހަރުގެ ލީގު ޗެމްޕިއަނުންނަކީ މާޒިޔާއެވެ. އެ ޓީމުން މި ފަހަރުގެ ލީގަށް ނުކުތީ ސްކޮޑަށް ބޮޑު ބަދަލެއް ގެނަސްގެންނެވެ. އެގޮތުން އެ ޓީމުން ވަނީ ތަޖުރިބާކާރު ސްކޮޑް ޒުވާންކޮށްފައެވެ.

ޤައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން މާޒިޔާއަށް ދިމާވި މައްސަލައަކީ އެ ޓީމުގެ ޒުވާން ފޯވާޑް މުހައްމަދު އިލާން އިމްރާންއަށް އަނިޔާވެގެން ބަދަލުކުރަން ޖެހުމެވެ.

ގިނަ ފައުލުތަކެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގެ 13 ވަނަ މިނިޓްގައި މާޒިޔާއިން ވަނީ ގޯލު ޖަހައި ލީޑު ނަގައިފައެވެ. މިއީ މާޒިޔާގެ އަބްދުﷲ ލޫތު އިބްރާހީމްއަށް އޮޑީގެ އޭރިއާ ތެރެއިން އެ ޓީމުގެ ކެޕްޓަން މުހައްމަދު ރަޝީދު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ބަދަލަކަށް ކުޅެން އެރި ތޯމަސް ކުކޫ ކާމިޔާބުކޮށްދިން ގޯލެކެވެ.

މާޒިޔާއިން ލީޑު ނެގިތާ މިނިޓެއް ފަހުން އޮޑީގެ އަޔާޒް އަހުމަދަށް ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭގެ ފަހުން މެޗުގެ 29 ވަނަ މިނިޓްގައި އޮޑީގެ އަހުމަދު އައިހަމް ވަނީ މާޒިޔާގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން މާޒިޔާގެ ގޯލަށް ނުރައްކާކޮށްފައެވެ. އައިހަމް ފޮނުވާލި ހިލޭ ޖެހުން ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

މެޗުގެ 30 ވަނަ މިނިޓްގައި ދަނޑުގެ ލައިޓަށް ދިމާވި މައްސަލައަކާ ގުޅިގެން ކުޅުން 20 މިނިޓަށް މެދުކަނޑާލިއެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި މާޒިޔާގެ އަހުމަދު އައިހަމް އޮޑީގެ ކީޕަރު ކައިރިން ނައްޓާލުމާއެކު ވެއްޓުމާ ގުޅިގެން މާޒިޔާ ކުޅުންތެރިން ވަނީ ޕެނަލްޓީއަކަށް އެޕީލްކޮށްފައެވެ. އެކަމަކު ރެފްރީ ވަނީ އެއީ ޕެނަލްޓީއެއް ނޫން ކަމަށް ނިންމާފައެވެ.

ގިނަ ފައުލުތަކެއް ފެނުނު މި މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި އޮޑީގެ އަބަދުﷲ ޖުނައިދު ބޯޅަ ނެތި މާޒިޔާގެ ޗަބެލް ގޮމޭޒްއަށް ކުރި ފައުލަކާ ގުޅިގެން ޖުނައިދުއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ.

ދިވެހި ޕްރިމިއާ ލީގަށް ލީގު ރީބްރޭންޑް ކޮށް މުބާރާތް ކުޅޭ މިއީ 10 ވަނަ ފަހަރެވެ. މި ފަހަރުގެ މުބާރާތް ހާއްސަވާ ސަބަބަކީ މި ފަހަރުގެ މުބާރާތް ކުޅެވިގެންދާނީ ހޯމް އެންޑް އަވޭ އުސޫލަށެވެ.