ދުނިޔޭގެ ވިޔަފާރި

ބްރެކްސިޓް ޑީލް : ޑިސެމްބަރު 31ގެ ފަހުންވެސް މަޝްވަރާކުރަން އީޔޫ އޮތީ ތައްޔާރަށް


ޑިސެމްބަރު 31އަށް ފަހުވެސް އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމަށް އެކުލަވާލާ ވިޔަފާރީގެ އެއްބަސްވުން އެކުލަވާލަން މަޝްވަރާކުރަން ތައްޔާރަށް އޮތްކަމަށް ވިލާތުގެ އިއްތިހާދުން ހާމަކޮށްފިއެވެ.

މިއަހަރުގެ ޖަނަވަރީމަހު އިނގިރޭސިވިލާތް، ވިލާތުގެ އިއްތިހާދުން ވަކިވެފައިވާއިރު އެ ޤައުމުން މިމަހުގެ ނިޔަލަށް ވިލާތުގެ އިއްތިހާދުގައި ދަނީ ޓްރާންސިޝަން ޕީރިއަޑެއް ކަޑަތުކުރަމުންނެވެ.

ވިޔަފާރީގެ އެއްބަސްވުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ވިލާތުގެ އިއްތިހާދުގެ ފަރާތުން އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޗީފް ނެގޯޝިއޭޓަރ މިޝޭލް ބާނިއަރ ވިދާޅުވީ، ދެފަރާތް އެއްބަސްވާ ގޮތަކަށް ވިޔަފާރީގެ އެއްބަސްވުން ޤާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

މި ޑީލްގެ ސަބަބުން ވިލާތުގެ އިއްތިހާދަށްވެސް އަދި އިނގިރޭސިވިލާތަށްވެސް ގެއްލުން ކުޑަވާނެގޮތަށް މި ޑީލް ފައިނަލައިޒްކުރުމުގެ އުންމީދު އަދިވެސް އެބައޮތްކަމަށް ބާނިއަރ ވިދާޅުވިއެވެ. އަދި މިފަދަ އެއްބަސްވުމެއް ޤާއިމުކުރުމަށްޓަކައި އެންމެފަހު ދުވަހާއި ޖެހެންދެންވެސް މަސައްކަތް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް ކުރި މަސައްކަތުން އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމަށްފަހު މަސްވެރިކަން ކުރުމުގައި ގެންގުޅޭނެ އުސޫލަށް އެއްބަސްވެވިފައި ނުވާކަމަށް ބާނިއަރ ވިދާޅުވިއެވެ. އެގޮތުން މި މައްސަލަ ހައްލުކުރުމަށް އިނގިރޭސިވިލާތުން ހުށަހެޅި ހުށަހެޅުމަށް ވިލާތުގެ އިއްތިހާދުން ރުހުންދީފައި ނުވާކަމަށް ބާނިއަރ ވިދާޅުވިއެވެ.

ބާނިއަރ ވަނީ އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށްފަހު އިނގިރޭސި ވެރިކަމުގެ ދަށުގައި އޮންނަ އުތުރު އަޔަލެންޑާއި އީޔޫގެ މެންބަރު ޤައުމެއްކަމަށްވާ ރިޕަބްލިކް އޮފް އަޔަލެންޑާ ދެމެދު އޮންނަ ބޯޑަރުގައި ކަސްޓަމްސްގެ ކަންކަން ހިނގަމުންދާން ޖެހޭނެ ގޮތާއިމެދު އޮތް ޚިޔާލުތަފާތުވުންވެސް ހައްލު ނުވާކަމަށް ވިދާޅުވެފައެވެ. ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހަށް ފަހުވެސް އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމަށް އެކުލަވާލާ ވިޔަފާރީގެ އެއްބަސްވުން އެކުލަވާލަން މަޝްވަރާކުރަން ތައްޔާރަށް އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

ޑިސެމްބަރ 31އަށް ފަހު ވިޔަފާރީގެ އެއްބަސްވުން އެކުލަވާލަން ވިލާތުގެ އިއްތިހާދުން ތައްޔާރަށް އޮތްކަން ހާމަކޮށްފައިވާއިރު، މިކަމުގައި އިނގިރޭސިވިލާތުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމަށް އެފަރާތާއެކު ވެވޭ އެއްބަސްވުމެއް ޤާއިމުނުކުރެވުނަސް ޑިސެމްބަރ 31 ވަނަ ދުވަހު އިނގިރޭސިވިލާތް، ވިލާތުގެ އިއްތިޙާދުން ވަކިވާނެކަމަށް ބޮޑުވަޒީރު ޖޮންސަން ވަނީ ވިދާޅުވެފައެވެ.

ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭގޮތުން ބީބީސީއާއި ވާހަކަދެއްކެވި ސަރުކާރުގެ އޮފިޝަލަކު ވަނީ މިހާރު ކުރިއަށްދާ މަޝްވަރާތަކަކީ ވަރަށް އުންމީދީ މަޝްވަރާތަކެއްކަމަށް ސިފަކުރައްވާފައެވެ. އެހެންނަމަވެސް ވަގުތު ކުޑަތަންވިޔަސް އެއްބަސްވުން ޤާއިމުކުރުމުގައި ޤައުމުގެ އިސްތިޤްލާލަށް ބުރޫއަރާނެފަދަ ފިޔަވަޅެއް ނާޅާނެކަމަށް އިނގިރޭސިވިލާތުގެ އޮފިޝަލް ވިދާޅުވިއެވެ. އަދި ޑީލްއަކާއި ނުލާ އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ނުކުންނަން ޖެހިއްޖެނަމަ ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން، ޑަބްލިއު.ޓީ.އޯގެ ޤަވާއިދުތަކަށް ބޯލަނބާ ވަގުތީ އެއްބަސްވުމެއްގެ ދަށުން އިމްޕޯޓް އަދި އެކްސްޕޯޓްކުރުމަށް އެއްބަސްވުމެއް ޤާއިމުކުރުމަށް ވިސްނަމުންދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. .