ޚަބަރު

"އިންޑިއާއެކު އޮތް ގުޅުން ބަދަހިކުރަން ރާއްޖެއިން ޚާއްޞަ އިސްކަމެއް ދޭނެ"


  • މިއަހަރު ފާހަގަކުރަމުންދަނީ އިންޑިއާގެ 80 ވަނަ މިނިވަން ދުވަސް

  • ރާއްޖެއާއި އިންޑިއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރީ 1965ވަނަ އަހަރު

އިންޑިއާއެކު އޮތް ގުޅުން ބަދަހިކުރުމަށް ރާއްޖެއިން ޚާއްސަ އިސްކަމެއްދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އިންޑިޔާގެ 80 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިންޑިޔާގެ މިނިވަން ދުވަހުގެ މުނާސަބާގައި އެޤައުމުގެ ރައީސް ދްރޫޕަދީ މުރުމޫއަށާއި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އިންޑިޔާގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ވޭތުވެދިޔަ އަށް ދަހަރުގެ މިނިވަންކަމަކީ، އިންޑިއާ ސަރުކާރާއި ރައްޔިތުންގެ އުންމީދުތަކާއި ސާބިތުކަން ރަމްޒުކޮށްދޭ ކަމެއްކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިންޑިޔާއާއި ރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމަކީ އެކުވެރިކަމާއި އިޙްތިރާމުގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެއްކަމަށާއި މިގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހި ސަރުކާރުން ޚާއްސަ އިސްކަމެއްދޭނެކަަމަށެވެ.

އިންޑިޔާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާއިރު، ރާއްޖެއާއި އިންޑިޔާއަކީ ޒަމާންވީ ވަރުގަދަ ގުޅުމެއް އޮތް ދެ ޤައުމެވެ. 1965ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 1ވަނަ ދުވަހު ރާއްޖެއާއި އިންޑިޔާއާ ދެމެދު ރަސްމީ ގޮތުން ސިޔާސީ ގުޅުން ޤާއިމުކުރުމުގެ މާ ކުރިންވެސް، ދިވެހިންނާއި އިންޑިޔާއާއެކު ވިޔަފާރީގެ ވަރުގަދަ ގުޅުންތަކެއް އޮތެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހުވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ދިޔައީ ދަމަހައްޓަމުންނެވެ. މިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގެން މުހިންމު ގިނަ ދާއިރާތަކުން ވަނީ އެއްބަސްވުންތަކެއްވެސް އެކުލަވާލާފައެވެ. މީގެ އިތުރުން ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން ޤާއިމްކުރުމަށް އެކި މަރުހަލާތަކުގައި އަންނަނީ މަޝްވަރާ ކުރަމުންނެވެ.

އިންޑިއާގެ މިނިވަން ދުވަހަކީ ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 15 ވަނަ ދުވަހެވެ. މި ދުވަހަކީ 1947 ވަނަ އަހަރުގެ އޯގަސްޓް މަހު އިނގިރޭސީންގެ އިސްތިއުމާރު ނިމުމަކަށް އައިސް، އިންޑިއާއަށް މިނިވަންކަން ލިބުން ފާހަގަކުރާ ދުވަހެވެ.