އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޮޑުއަގުގައި ތަކެތި ގަތުމުގެ މައްސަލަތަކެއް އެ ހޮސްޕިޓަލުގެ 2022، 2023 އަދި 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހަދާފައިވާ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި 14 ކަމެއް ވަނީ ފާހަގަކުރައްވާފައެވެ. މީގެ ތެރެއިން ގިނައީ ނުއަގުގައި ތަކެތި ގަތުމާއި މަސައްކަތްތައް ނުއަގުގައި ހަވާލުކުރުމުގެ މައްސަލަތަކެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮޑިޓުން ދައްކާގޮތުގައި މާކެޓުގައި ތަކެތި ލިބެން ހުރި އަގަށްވުރެ ބޮޑު އަގުގައި ހޮސްޕިޓަލަށް ބޭނުންވާ އާންމު ކޮންސިއުމަބަލްސް ވަނީ މި މުއްދަތުގެ ތެރޭގައި ހޯދާފައެވެ. އެގޮތުން، އޮޑިޓުގައި ސާމްޕަލްގެ ގޮތުގައި ބަލާފައިވާ 3،083،388 ރުފިޔާގެ ތަކެތި ގެނެފައިވަނީ ދައުލަތުގެ އެހެން އިދާރާތަކަށް ގަނެފައިވާ އަގާއި މާކެޓުގައި ތަކެތި ލިބެން ހުރި އަގަށްވުރެ 2،083،966 ރުފިޔާ އަގުބޮޑުކޮށް ކަމަށް ވަނީ ފާހަގަކޮށްފައެވެ.
އާންމު ކޮންސިއުމަބަލްސްގެ އިތުރުން ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސް ހޯދުމުގެ ހަރުދަނާ އުސޫލެއް ނެތުމުގެ ސަބަބުން އަގުބޮޑުކޮށް ތަކެތި ގަނެފައިވާ ކަމަށާއި ބައެއް ތަކެތި ބޭނުންވާ މުއްދަތައް ނުލިބޭކަންވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. މި މައްސަލައިގައި ސާމްޕަލުގެ ގޮތުގައި ނަގާފައިވާ ތަކެތީގެ ތެރެއިން 23 އައިޓަމަކަށް 1،964،971 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިތު މާކެޓުގައި އެތަކެތި 948،511 ރުފިޔާ އަގުހެޔޮކޮށް ލިބެންހުރިކަން ވަނީ ފާހަގަކޮށްފައެވެ.
އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިމާރާތުގެ ބޭރުގައި ޖަހާފައިވާ ތަށިމުށި ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް އެންމެ ކުޑަ އަގު ހުށަހެޅި ކުންފުނީގެ ބީލަން ކެންސަލްކޮށް އެ މަސައްކަތަށް ލަފާކުރި އަގަށްވުރެ 1 މިލިޔަނަށްވުރެ ގިނަ ރުފިޔާ އަގުބޮޑުކޮށް އެހެން ކުންފުންޏަކާ ހަވާލުކުރިކަންވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ހޮސްޕިޓަލުގެ ސެޕްޓިކް އޯ.ޓީ ރޫމާއި އޭސީ ޑަކްޓް މަރާމާތުކުރުމަށް އަންދާޒާ ކުރި ބަޖެޓަށްވުރެ 173،189 ރުފިޔާއަށްއަށްވުރެ ބޮޑު އަގުގައި ހަވާލުކޮށްފައިވެއެވެ.
މީގެ އިތުރުން ހޮސްޕިޓަލަށް އައު ވޭނެއް ގަތުމަށް ހަވާލުކުރި ފަރާތާމެދު ވެފައިވާ އެއްބަސްވުން އުވާލައި އިއުލާންކުރުމަކާ ނުލައި އެހެން ފަރާތެއް މެދުވެރިކޮށް 583،000 ރުފިޔާ އަގުބޮޑުކޮށް ވޭނެއް ގަނެފައިވާކަމަށްވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ހޮސްޕިޓަލުން ބޭނުންކޮށްފައިނުވާ 3 ކޮޓަރިއަކަށް ކުލީގެ ގޮތުގައި 165،000 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި ލެބޯޓްރީ ކޮންސިއުމަބަލްސް ފޯރުކޮށްދިނުމުގައި 34،000 ރުފިޔާއަށް ގަނެވެން އޮތް އައިޓަމެއް 1.7 މިލިޔަން ރުފިޔާއަށް ގަނެފައިވާކަންވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
މި އޮޑިޓް ރިޕޯޓުގައި ވަކި ފަރާތަކަށް މަންފާވާ ގޮތަށް އަމަލުކޮށްފައިވާ ކަންކަމާއި ހޮސްޕިޓަލާއި ދައުލަތަށް ގެއްލުންވާގޮތަށް އަމަލުކޮށްފައިވާ އިތުރު ބައެއްކަންކަންވެސް ވަނީ ހިމަނާފައެވެ. މި މައްސަލަތަކާ ގުޅިގެން ކުރިއަށް އޮތްތަނުގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށާއި އެފަދަ ކަންކަން ތަކުރާރުނުވާނެހެން ހޮސްޕިޓަލުގެ މާލީ ނިޒާމު ހަރުދަނާކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.