"އެސްއެމްއީ ޑިޖިޓަލް އޮޑިން ރަށަށް" ގެ ފުރަތަމަ އިވެންޓް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ ސްވިމް މޯލްޑިވްސް އިން ރާވައި، އެސްއެމްއީ ޑިޖިޓަލްގެ ޓައިޓަލް ސްޕޮންސަރޝިޕްގެ ދަށުން ވިލިމާލޭގައި ބޭއްވި ހަރަކާތެކެވެ.
އެސްއެމްއީ ޑިޖިޓަލް އޮޑިން ރަށަށް ވިލިމާލޭގެ ހަރަކާތުގައި 25 ޓީމެއްގެ އިތުރުން އަމިއްލަ ގޮތުން 50 ފެތުންތެރިން ބައިވެރިވެފައިވެއެވެ. ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިތާ އެންމެ 24 ގަޑިއިރުގެ ތެރޭގައި ހުރިހާ ޖާގައެއް ފުރުމަކީ މި ހަރަކާތަށް ފެތުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމަކާއި ޝައުގުވެރިކަމެއް އޮތްކަން ހާމަވެގެންދިޔަ ކަމެއްކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވިއެވެ.
މިއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް މި ހަރަކާތް ފުޅާކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް އިންތިޒާމުކޮށްގެން ބޭއްވި ފުރަތަމަ އޯޕަން ވޯޓަރ ފެތުމުގެ ސީރީޒްކަން ވަނީ ފާހަގަކޮށްފައެވެ.
"އޮޑިން ރަށަށް" މި ހަރަކާތަކީ ދިވެހިންނާއި ކަނޑުފަޅާ ދެމެދު އޮންނަ ޒަމާންވީ ގުޅުމުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ އައު ބާވަތެއްގެ ފެތުމުގެ މުބާރާތެކެވެ.
މި ހަރަކާތުގައި ބައިވެރިން ފަތަން ފަށަނީ ރަށުގެ ފަޅުން ބޭރުގައި ނުވަތަ ދުރުގައި ބާއްވާފައި އޮންނަ އޮޑިއަކުން ފުންމާލައިގެންނެވެ. އަދި އެ ދިމާއިން ފެށިގެން ރަށުގެ ގޮނޑުދޮށާ ހަމައަށް ގާތްގަނޑަކަށް 500 މީޓަރުގެ ރާސްތާއެއް ފަތަންޖެހެއެވެ. މިއީ މާޒީގައި ދިވެހިންގެ ދިރިއުޅުމުގެ އާދަކާދައިގެ ތެރޭގައި ހިމެނުނު ކަމެއް އަލުން އާލާކޮށްދޭ ފަދަ ތަޖުރިބާއެކެވެ.
ރާއްޖޭގެ ރަށްރަށުގައި ބަނދަރާއި ފާލަން ތަރައްގީ ކުރުމުގެ ކުރިން، އޮޑިދޯނިތައް އާންމުކޮށް ލަފަނީ ރަށާ ދުރުގައެވެ. އެހެންކަމުން ރަށަށް އަރަން މީހުންނަށް ފަހު ބައި ފަތައިގެން ދާން ޖެހުނެވެ. ކަނޑަކީ ރަށްރަށުގެ މުޖުތަމައުތައް ގުޅުވައިދިން މަގެވެ. އަދި ފެތުމަކީ ދިވެހިންގެ ޖީލުތަކެއްގެ ދިރިއުޅުމުގައި މުހިއްމު ބައެއް ކަމުގައި ވިއެވެ.
ސްވިމް މޯލްޑިވްސްގެ މަޤްޞަދަކީ "އެސްއެމްއީ ޑިޖިޓަލް އޮޑިން ރަށަށް" ހަރަކާތުގެ ޒަރީއާއިން، ދިވެހިންގެ މާޒީއާއި ރަށްފުށުގެ ދިރިއުޅުމުގެ މި ސަގާފަތާ މިހާރުގެ ޖީލު އަލުން ގުޅުވައިދިނުމެވެ. އޮޑިދޯނިފަހަރުން ކަނޑަށް ފުންމާލައިގެން ރަށާ ދިމާއަށް ފަތާފައި ދިއުމުގެ ތެރެއިން، ކުރީގެ މީހުން ކަނޑުފަޅާއެކު އުޅުނުގޮތާއި، ކަނޑު ހުރަސްކޮށް ދަތުރުފަތުރުކުރި ގޮތުގެ އިހުސާސްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު މި ހަރަކާތުގެ ބައިވެރިންނަށް ފަހިވެގެންދެއެވެ.
ވިލިމާލޭގައި ކުރިއަށްދިޔަ ހަރަކާތަކީ މި ދަތުރުގެ ފެށުމެވެ. ރާއްޖޭގެ އުތުރުން ދެކުނަށް އެކި ރަށްރަށުގައި މި ތަޖުރިބާ ހިއްސާކުރުމަކީ "އޮޑިން ރަށަށް" ހަރަކާތުގެ މައިގަނޑު އަމާޒުކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވަނީ ފާހަގަކޮށްފައެވެ.
އެސްއެމްއީ ޑިޖިޓަލް އިން "އޮޑިން ރަށަށް" ހަރަކާތުގައި ބައިވެރިވުމުގެ މައިގަނޑު ބޭނުމަކީ، މުޅި ރާއްޖޭގެ އެކި މުޖުތަމައުތަކާ ދެމެދު ބަދަހި ގުޅުމެއް އުފެއްދުމަށް އެ ކުންފުނިން ދޭ އިސްކަން ހާމަކޮށްދިނުންކަމަށް ވަނީ ބުނެފައެވެ.
މި ސިރީޒްގެ ހަރަކާތްތައް އެކި ރަށްރަށަށް ފުޅާވެގެންދާއިރު، އެ ރަށްރަށުގެ މުޖުތަމައުތަކަށް އައު ފުރުސަތުތަކެއް ފަހިވެގެންދިއުމުގެ ފުރުސަތު ބޮޑެވެ. މިގޮތުން ބައިވެރިންނާއި ޒިޔާރަތްކުރާ ފަރާތްތައް އެއްވެގެން ދިއުމަކީ ރަށުގެ ވިޔަފާރިތަކަށް އެހީތެރިކަން ލިބި، ކޮންމެ ހަރަކާތަކާ ގުޅިގެން ރަށުގެ އިގްތިސާދީ ދިރުން އިތުރަށް ވަރުގަދަވެގެންދާނެކަމަށް އެސްްއެމްއީ ޑިޖިޓަލްއިން ވަނީ ފާހަގަކޮށްފައެވެ.