ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ޒައިތޫނި ދަނޑުތަކުގައި ޒައިތޫނި ކަނޑަން އުޅުނު ފަލަސްޠީނުގެ ރައްޔިތުންތަކަކަށް ޔަހޫދީ ވަޒަންވެރިން ހަމަލާ ދީފިއެވެ.
ޤަވާއިދާ ޚިލާފަށް ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ އެ ބިންތަކުގައި ދިރިއުޅެމުންދާ ޔަހޫދީ ވަޒަންވެރިން ދަނޑުވެރިންނަށް ހަމަލާ ދީފައި ވަނީ ނަބްލުސްގެ ހުޅަނގުއުތުރުގައި އޮންނަ ބާބް އަލް-ޖަމާޢް ސަރަޙައްދުގައެވެ. ޔަހޫދީ ވަޒަންވެރިން ވަނީ ދަނޑުވެރިންނަށް ހުރަސްއަޅައި، މަސައްކަތް ކުރިއަށް ގެންދިޔަ ނުދިނުމަށް އެކި ގޮތްގޮތުން ދުއްތުރާކޮށްފައެވެ. އަދި ބަޒާރިޔާ އަވަށުގެ ދަނޑުވެރިއެއްގެ ޓްރެކްޓަރު ވެސް އެ މީހުން އަތުލާފައިވެއެވެ.
ޒައިތޫނި މޫސުމުގައި ޔަހޫދީ ވަޒަންވެރިންގެ ދުއްތުރާތައް ދަނީ ފަލަސްޠީނުގެ ދަނޑުވެރިންނަށް ތަކުރާރުކޮށް އަމާޒުވަމުންނެވެ. އެގޮތުން ދަނޑުވެރިންނަށް ހަމަލާދީ އަނިޔާކޮށް، އިހާނެތިކޮށް ހިތައި، ބަންދުކޮށް، އެ މީހުންގެ ދަނޑުބިންތަކުން ޔަހޫދީން ވައްކަންކުރުން ވަނީ އާންމުވެފައެވެ. ޔަހޫދީ ސަލާމަތީ ބާރުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަަބަބުން ދަނޑުވެރިންނަށް ދިޔުމަށް ހުރަސްއެޅިފައިވާ ދަނޑުތައް ވެސް ޔަހޫދީ ވަޒަންވެރިން ދަނީ ފޭރިގަންނަމުންނެވެ.
ވޯލް އެންޑް ރެސިސްޓަންސް ކޮމިޝަނުން އެންމެ ފަހުން އާންމުކޮށްފައިވާ ރިޕޯޓުތަކުގައި ޣައްޒާގެ ރައްޔިތުން ނަސްލުހޭދުކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުަވަހު ޔަހޫދީން ޢުދުވާނީ ހަމަލާތައް ދޭން ފެށި ފަހުން ޔަހޫދީ ވަޒަންވެރިން ވަނީ ހުޅަނގު އައްސޭރީގައި 14،742 ހަމަލާ ދީފައެވެ. އެ ހަމަލާތަކުގައި ފަލަސްޠީނުގެ 66 ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ.
އެ ކޮމިޝަނުން އިތުރަށް ބުނީ ޔަހޫދީ ވަޒަންވެރިންގެ ހަމަލާތަކުގައި ހުޅަނގު އައްސޭރީގައި 147،111 ގަހަކަށް އަސަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި 100،485 ޒައިތޫނި ގަސް ވެސް ހިމެނެއެވެ. އެ ގޮތުން ގަސްތައް ކަނޑައިލުމާއި މުލުން ލުހެލުމާއި އަންދައިލުމާއި ގަސްގަހަށް ޒަހަރުއެޅުމަކީ ޔަހޫދީން އާންމުކޮށް އުޅޭ ކަންކަމެވެ.