ޚަބަރު

ގދ.ފަރެސްމާތޮޑާ އެއަރޕޯޓްގެ މަސައްކަތް އަންނަ އަހަރު ނިމޭނެ : މިނިސްޓަރ އަސްލަމް


ގދ.ފަރެސްމާތޮޑާ އެއަރޕޯޓްގެ މަސައްކަތް އަންނަ އަހަރުގެ ފަހުކޮޅު ނިންމާލެވާނެ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަރ ސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީޙުގެ މިއަދުގެ ޖަލްސާގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުޙައްމަދު ލަޠީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓަރ މުޙައްމަދު އަޞްލަމް ވިދާޅުވީ ފަރެސްމާތޮޑާ އެއަރޕޯޓް އެޅުމަށްޓަކައި ބިން ހިއްކުމުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެއަރޕޯޓްގެ މަސައްކަތް ކުރުމަށް މިދިޔަ މަހުގެ 10 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކޮށްފައިވާކަމަށާއި މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން އެއަރޕޯޓް އެޅުމަށްޓަކައި މޮބިލައިޒް ކުރަން ފަށާނެކަމަށެވެ. އަންނަ އަހަރުގެ ފަހުކޮޅު އެއަރޕޯޓްގެ މަސައްކަތް ނިންމާލެވޭނެކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެއަރޕޯޓް އެޅުމަށް ނިންމާފައިވަނީ ފަރެސްމާތޮޑާއާ ގާތްގަޑަކަށް 100 މީޓަރު ދުރުގައި އޮންނަ ރަށެއްގައި ކަމުން ދެ ރަށް ކޯސްވޭއަކުން ގުޅާލާނެކަމަށެވެ.

ފަރެސްމާތޮޑާގައި ތަރައްޤީކުރާ އެއަރޕޯޓަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ އެއަރޕޯޓެކެވެ. ފަރެސްމާތޮޑާގެ އެއަރޕޯޓް ހެދުމުގެ މަސައްކަތުގެ ތެރޭގައި އެރަށުގައި 1200 މީޓަރުގެ ރަންވޭއެއް ހެދުމާއި، ޓަރމިނަލް ބިލްޑިންގ ހެދުމާއި، އެއަރޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ޤާއިމުކުރުމަށް އެމްޓީސީސީއާވަނީ ހަވާލުކޮށްފައެވެ. މިއީ 144.8މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަސައްކަތް އެމްޓީސީ އާއި ހަވާލުކޮށްފައިވަނީ 1 އަހަރާއި 8 މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ފަރެސްމާތޮޑާގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް އެރަށުން 19 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. 2018ވަނަ އަހަރު ފެށި ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓުމަހުއެވެ. ގދ.ފަރެސްމާތޮޑާއަކީ އާބާދީގައި 1800އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.

ރާއްޖޭގެ ކޮންމެ ތަނަކުން 30 މިނެޓުން އެއަރޕޯޓަށް ދެވޭ ހިސާބުގައި އެއަރޕޯޓް ތަރައްޤީކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ.