ޚަބަރު

ފުލަމްއިން ޔުނައިޓެޑް ހިފަހައްޓައިފި


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

ފުލަމްގެ ކްރެވަން ކޮޓޭޖްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މި މެޗުގައި ޔުނައިޓެޑަށް ވަނީ ރަގަޅު ފުރުސަތުތަކެއް ލިބިގެންގޮސްފަ އެވެ.

މެޗުގެ 38 ވަނަ މިނިޓުގައި ޔުނައިޓެޑަށް ވަނީ ލީޑު ނަގަން ރަގަޅު ފުރުސަތެއް ލިބިފަ އެވެ. މޭސަން މައުންޓް އަށް ކުރި ފައުލަކާއި ގުޅިގެން ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ފޮނުވާލާފައިވަނީ ގޯލުގެ ހުރަސް ދަނޑި މަތިންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 13 ވަނަ މިނިޓުގައި ލެނީ ޔޯރޯ ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅައެއް ފުލަމްގެ ރޮޑްރިގޯ މުނީޒްގެ ގައިގައި ޖެހިފައި ވަނީ ގޯލުގެ ތެރެއަށް ވަދެފަ އެވެ.

ޔުނައިޓެޑް އިން ލަނޑެއް ޖަހާ ލީޑު ނެގިނަމަވެސް ފުލަމް އިން ވަނީ އެ ޓީމަށް ބަދަލުތަކެއް ގެނެސް ކުޅުން ރަގަޅު ކޮށްފަ އެވެ.

ފުލަމް އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 73 ވަނަ މިނިޓުގައި އެލެކްސް އިވޯބީ ނަގައިދިން ހުރަހަކުން ސްމިތް ރޯވް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ ދެވަނަ މިނިޓުގަ އެވެ.

މި ސީޒަނަށް ޓީމު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ޔުނައިޓެޑް އިން ވަނީ 200 މިލިއަން ޕައުންޑް ހަރަދުކޮށް ގިނަ އަދަދެއްގެ އެޓޭކިން ކުޅުންތެރިތަކެއް ގެނެސްފަ އެވެ. ނަމަވެސް މި މެޗުގައި އޭގެ މާބޮޑު ފައިދާއެއް ކުރިތަން ފެނިފައެއް ނުވެއެވެ.

ލީގުގައި މިހާތަނަށް ޔުނައިޓެޑް އިން ދެ މެޗު ކުޅެފައިވާއިރު އެ ޓީމަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.