ޚަބަރު

"މޫޑީސްގެ ރޭޓިން މަތިކުރުމުން ދައްކުވައިދެނީ މާލީ ސިޔާސަތުގެ ހަރުދަނާކަން"


  • އިޤްތިޞާދު ކުރިއެރުވުމުގެ މަސައްކަތުގައި ސަރުކާރު ދެމިއޮންނާނެކަމަށް ވިދާޅުވި

ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިން އެޖެންސީ، މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމުން ސަރުކާރުގެ މާލީ ސިޔާސަތުތަކުގެ ހަރުދަނާކަން ހާމަވެގެންދާކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ 2 އިން ސީއޭއޭ 1 އަށް މަތިކުރުމާއި ގުޅިގެނެވެ.

މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވީ މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފައިވާއިރު، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ކާމިޔާބު ނަތީޖާކަމަށެވެ.


ވަޒީރު ވިދާޅުވީ ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމުގެ މި ދަނޑިވަޅުގައިވެސް، ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ދެމިއޮންނާނެކަމަށެވެ.

މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ބަދަލުކޮށްފައިވަނީ ސަރުކާރުގެ ސިޔާސަތުތަކުގެ ނަތީޖާ އެދެވޭ ގޮތެއްގައި ފެންނަމުންދާތީއާއި، ދަރަނި އަދާކުރުމުގައި ހޯދާފައިވާ ކުރިއެރުންތަކުގެ އިތުރުން، މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން، ކުރިއަށް އޮތް ކުރު މުއްދަތުގެ ތެރޭގައި ދަރަނި ނުދެއްކިދާނެކަމަށް އޮތް ނުރައްކާ ބޮޑުތަނުން ކުޑަވެފައިވާތީއެވެ.

މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2025 ވަނަ އަހަރުގެ ނިޔަލަށް އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީޑީޕީ) 129.2 އިންސައްތައިގައި ހުރި ދައުލަތުގެ ދަރަނި، 2026 ޖުލައި މަހުގެ ނިޔަލަށް ވަނީ 122.6 އިންސައްތައަށް ދަށްވެފައެވެ. މިއީ ދަރަނި ދެއްކުމަށް ކުރެވުނު މަސައްކަތްތަކާއި، ގެންގުޅުނު ހަރުދަނާ ފިސްކަލް ސިޔާސަތުތަކުގެ ނަތީޖާކަމަށް ވުޒާރާއިން ހާމަކުރެއެވެ.