ޚަބަރު

ޣައްޒާ ޢުދުވާނަށް 3 އަހަރު: މައި ބިިނާރުތައް ސުންނާފަތިވެފައި


ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން ފެންފޮދެއް ހޯދުމަށްޓަަކައި ކޮންމެ ދުވަހަކުވެސް އެތައް އުނދަގުލަކާ ކުރިމަތިލާން ޖެހެއެވެ. ފެން ފޯރުކޮށްދޭ ލޮރީތައް ދޮށުގައި ބާލިދީތައް ހިފައިގެން ޢާއިލާތަކުން ކިޔު ހަދައެވެ. އަދި ބުއިމަށާއި ކެއްކުމަށާއި ގައިންތާހިރުވުމަށް ލިބޭ މަދު ފެންފޮދުން ފުއްދާލާނެ ގޮތްތައް ވިސްނައެވެ. މަދަރުސާއަށް ދިޔުމުގެ ބަދަލުގައި ޣައްޒާގެ ކުޑަކުދިން މުޅި ދުވަސް ހޭދުކުރަނީ މި ކިޔުތަކުގައެވެ.

ޣައްޒާ ސިޓީގައި އޭނާގެ ފަސް ދަރިންނާއެކު ދިރިއުޅޭ ހަނާދީ އަލްޢަފް ބުނީ ޔަހޫދީންގެ ޢުދުވާން ފެށުމުގެ ކުރިން ފެން ހޯދުމަށް ޙާލުގައި އުޅެން ނުޖެހޭ ކަމަށެވެ. މިހާރު ލިބޭ މަދު ފެންފޮދު އެންމެ މުހިންމު ބޭނުންތައް ކަމަށްވާ ބުއިމަށާއި ކެއްކުމަށާއި ދަރިން ފެންވެރުވުމަށް ބޭނުންކުރުމަށް ރައްކާކޮށްފައި ބަހައްޓާ ކަމަށް އޭނާ ބުންޏެވެ.

ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް އެ ސަހަރަށް ޢުދުވާނީ ހަމަލާތައް ދޭން ފެށިތާ ތިން އަހަރު ފުރިފައިވާއިރު، އެ ސަހަރުގެ ފެނާއި ނަރުދަމާ އަދި ކަރަންޓު ނިޒާމުތަކަށް ވަނީ ހަނގުރާމައިގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައެވެ. އޭގެ ސަބަބުން އެތައް މިލިޔަން މީހުންނަށް ވަނީ ކުއްލި ޙާލަތުގައި ފޯރުކޮށްދޭ އެހީއަށް ބަރޯސާވުމަށް މަޖުބޫރުވެފައެވެ. އަދި ގެއްލުން ލިބިފައިވާ ނިޒާމުތަކުން ދެވޭ މަދު ޚިދުމަތްތުން ފުއްދައިލުމަށް ވެސް މަޖުބޫރުވެފައެވެ.

އދގެ އިންސާނީ އެހީތެރިކަން ވިލަރެސްކުރާ އިދާރާއިން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބުނީ ޣައްޒާގެ ގޭބިސީތަކުގެ ތެރެއިން 91 އިންސައްތައަށް ފެން ލިބުމަށް ދަތިވެ، ފެން ލިބޭނެކަން ކަށަވަރު ނުވާ ކަމަށެވެ. ގޭބިސީތަކުގެ ތިންބައިކުޅަ އެއްބަޔަަށް ފެން ލިބެނީ އިންސާނީ މިންގަނޑުތަކަށްވުރެ މަދުން ކަމަށާއި، 88 އިންސައްތަ މީހުންނަށް ސާފުތާހިރުވުމުގެ ރައްކާތެރި ވަސީލަތްތައް ލިބެން ނެތް ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

ޔަހޫދީންގެ ހަމަލާތަކުގެ ސަބަބުން ޣައްޒާއަށް ލިބިފައިވާ ގެއްލުންތައް ވަރަށް ބޮޑެވެ. އދން ބުނީ ބިމުގެ މަތީގައި ޤާއިމްކޮށްފައިވާ ފެނާއި ނަރުދަމާއާ ގުޅުންހުރި ވަސީލަތްތަކުގެ 88 އިންސައްތައާއި، ބިމުގެ އަޑީގައި އަޅާފައިވާ އެ ފަދަ ވިއުގަތަކުގެ 76 އިންސައްތައަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އޭގެ އިތުރުން ފެން އުފެއްދޭ މިިންވަރު ވެސް ހަނގުރާމައިގެ ކުރިއާ އަޅައިބަލާ ނަމަ 40 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

ކަރަންޓު ނުލިބުމުގެ ސަބަބުން އިތުރު ދަތިތައް

ކަރަންޓު ކެނޑުމުގެ ސަބަބުން ޣައްޒާގައި ފެން އުފެއްދުމަށް ވެސް ބޮޑެތި ދަތިތައް ކުރިމަތިވެއެވެ. ޔަހޫދީންގެ ފެން ލައިނުތައް މެދުވެރިކޮށް ފޯރުކޮށްދެމުންދާ ފެނުގެ މިންވަރު އެއްބަސްވެފައިވާ މިންވަރަށް ވުރެ ގާތްގަނޑަކަށް 40 އިންސައްތަ މަދެވެ.

ދީރުލް ބަލާޙުގައި ހުންނަ ޑީސެލިނޭޝަން ޕްލާންޓު ވެސް ހިންގެނީ އާންމުކޮށް ހިންގާ މިންވަރަށް ވުރެ ދަށް ކެޕޭސިޓީއެއްގައެވެ. އެއީ ލޮނުފެން ޕަންޕުކުރުމުގައި ހުރި ދަތިތަކުގެ ސަބަބުންނާއި އެ މަސައްކަތް ކުރުމަށް ޖަނަރޭޓަރުގެ މައްޗަށް ބަރޯސާވާން ޖެހޭ މިންވަރު ބޮޑުތަނުން އިތުރުވެފައިވާތީއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އދން ބުނީ ޣައްޒާގެ ހަކަތައާ ބެހޭ ބިނާރުގެ 90 އިންސައްތަ އެއްކޮށް ސުންނާފަތިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައާއި އެ ކަމާ ގުޅުންހުރި އެހެން ވަސީލަތްތައް ހިމެނެއެވެ. މިހާރު ވެސް ބޭނުން ކުރެވެން ހުރި ވަސީލަތްތައް ބޭނުން ކުރުމަށް ޖަނަރޭޓަރުގެ މުހިންމުކަން ވަނީ އިތުރުވެފައެވެ. ނަމަވެސް ޖަނަރޭޓަރުތައް ހިންގުމަށް ވެސް ތެޔޮ ބޭނުންވެއެވެ. ޔަހޫދީން ދަނީ ޣައްޒާއަށް ތެލާއި ކާބޯތަކެތި އެތެރެކުރުމަށް ހުރަސްއަޅަމުންނެވެ.

ޣައްޒާގައި ފަސޭހައިން ފެން ނުލިބޭއިރު، ލިބޭ މަދު ފެންފޮދުގެ ކޮލިޓީއާ މެދު ވެސް ވަނީ ކަންބޮޑުވުންތައް އުފެދިފައެވެ. އެ ގޮތުން ޣައްޒާގެ އެކި ސަރަޙައްދުތަކުން މިދިޔަ އޮގަސްޓު މަހުުގެ ތެރޭގައި އެއްކޮށްފައިވާ 938 ފެނުގެ ސާމްޕަލްގެ ތެރެއިން 73 އިންސައްތައިގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ވުރެ ގިނައިން ކްލޮރިން ހުއްޓެވެ. އަދި 18 އިންސައްތަ ވަނީ ތަޣައްޔަރުވެފައެވެ. އޭގެ ކުރިން، ޖަނަވަރީ މަހުގެ ތެރޭގައި ތަޣައްޔަރުވެފައިވާ ފެނުގެ ނިސްބަތް ހުރީ 6 އިންސައްތައެވެ. ޖަނަވަރީ މަހާއި އޮގަސްޓު މަހާ ދެމެދު ޣައްޒާގައި ބޭރަށް ހިންގާ މީހުންގެ ޢަދަދު ވެސް ވަނީ ދެގުނައަށް އިތުރުވެފައެވެ.

ނަރުދަމާގެ ނިޒާމު ވެސް ފުނޑުފުނޑުވެފައިވާއިރު، ޣައްޒާގެ ގޭބިސީތަކުގެ 39 އިންސައްތައިގައި ދިރިއުޅޭ މީހުން ބުނީ އެ މީހުން ދިރިއުޅޭ ވަގުތީ ހިޔާތައް ކައިރިއަށް ކުނި ޖަމާވެފައި ހުންނަ ކަމަށެވެ. އަދި 36 އިންސައްތަ ބުނީ އެ މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް ނަޖިސް ފެން އަރާފައި ހުންނަ ކަމަށެވެ. ޣައްޒާގެ ގިނަ ޢާއިލާތަކުގެ ގެދޮރު ގެއްލިފައިވާއިރު، ކޭމްޕުތަކުގައި މީހުން ގިނަވެ ތޮއްޖެހި، އެ ކޭމްޕުތަކުގައި ފާޚަނާ ކުރެވޭނެ ރަނގަޅު ނިޒާމެއް ނެތުމުގެ ސަބަބުން އިތުރު މައްސަލަތައް ކުރިމަތިވެއެވެ. އަދި ފެން ނުހިނދުމުގެ މައްސަލަތައް ވެސް ކުރިމަތިވެފައިވާތީ، ކުރިއަށް އޮތް ވިއްސާރަ މޫސުމުގައި ޙާލަތު އިތުރަށް ގޯސްވާނެ ކަމަށް ވަނީ ބެލެވިފައެވެ.

ޑޮކްޓަރސް ވިިތައުޓް ބޯޑާސްއިން ބުނީ ސާފު ފެން ނުލިބުމާއި ނަރުދަމާގެ މައްސަލަތަކުގެ ސަބަބުން ޣައްޒާގައި ހަލުވިކަމާއެކު ބަލިތައް ފެތުރެމުންދާ ކަމަށެވެ. އަދި ގައިންތާހިރުނުވެވޭތީ އާންމުންގެ ކަރާމާތް ގެއްލި އެ މީހުންނަށް ނަފްސާނީ އުނދަގޫތައް ކުރިމަތިވަމުންދާ ކަމަށް ވެސް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ. 2025ވަނަ އަހަރު ޑޮކްޓަރސް ވިިތައުޓް ބޯޑާސްއިން ފަރުވާ ދީފައިވާ މީހުންގެ 18 އިންސައްތައަކީ ހަމުގެ ބަލިތަކަށް ފަރުވާ ހޯދާފައިވާ މީހުން ކަމަށް ވެސް އެ ޖަމްޢިއްޔާއިން ފާހަގަކޮށްފައިވެއެވެ. ޑޮކްޓަރސް ވިިތައުޓް ބޯޑާސްއިން އިތުރަށް ބުނީ ފެން ދަތިކުރުމަކީ ޔަހޫދީން ފަލަސްޠީނުގެ ރައްޔިތުންނަށް އަދަބު ދިނުމަށް ބޭނުންކުރާ އުކުޅެއް ކަމަށެވެ.