ޚަބަރު

ހަނިމާދޫ އާއި ފިނޭގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފި


ހދ. ހަނިމާދޫ އާއި ހދ. ފިނޭގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފިއެވެ.

މި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރްސީ) ތަކުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އެގޮތުން މިއަދު ހެނދުނު ހަނިމާދޫ އެފްއާރްސީގެ ބިންގާ އަޅުއްވާދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ. އަދި ރޭ ވަނީ ފިނޭ އެފްއާރްސީގެ ބިންގާވެސް އަޅުއްވާ ދެއްވާފައެވެ.

ހަނިމާދޫ އާއި ފިނޭގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ ޖިމާއި އެރޮބިކްސް ކުލާސްތަކާއި ބޯޑް ގޭމްތައް ކުޅެވޭ ގޮތަށް ތަރައްގީކުރާ އިމާރާތްތަކެކެވެ. މި އިމާރާތްތަކުގައި މީޓިން ރޫމާއި ކުލާސްރޫމް އަދި އޮފީސް ބައެއްވެސް ހިމެނޭނެއެވެ.

އެފްއާރްސީތައް ގާއިމުކުރުމަކީ ސަރުކާރުން ބޮޑު އިސްކަމެއްދީގެން ހުރިހާ ރަށެއްގައި ގާއިމުކުރަން ހަމަޖެހިފައިވާ ކުޅިވަރުގެ މުހިންމު ވަސީލަތެކެވެ.

މިހާތަނަށް ތިން ރަށެއްގެ އެފްއާރްސީގެ މަސައްކަތް ނިމިފައިވާއިރު ބައެއް ރަަށްރަށުގައި އަންނަނީ ބާރު ސްފީޑުގައި މަސައްކަތް ހިނގަމުންނެވެ. ރަށްރަށުގަައި އެފްއާރްސީތައް ގާއިމުކުރަނީ އެމްޓީސީސީ، ފެނަކަ، އާރްޑީސީ އަދި އެމްއޭސީއެލް އާއި ހަވާލުކޮށްގެންނެވެ.