ހަނގުރާމައިގެ ޙާލަތާ ގުޅިގެން ކުރިމަތިވަމުންދާ އިޤްތިޞާދީ ގޮންޖެހުންތަކަށް އަވަސް އަދި ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދުމުގެ މަޤްޞަދުގައި، އީރާނުގެ އިޤްތިޞާދީ ވުޒާރާއިން އިޤްތިޞާދީ ޚާއްސަ މަރުކަޒެއް ޤާއިމުކޮށްފައިވާ ކަމަށް އެ ވުޒާރާގެ ނައިބު މުރްތަޟާ ޒަޙްމާނިއަން ވިދާޅުވެއްޖެއެވެ.
އީރާނުގެ ތަސްނީމް ނިއުސް އޭޖެންސީއަށް މަޢުލޫމާތު ދެއްވަމުން ޒަޙްމާނިއަން ވިދާޅުވީ، އަލަށް އުފެއްދި މި މަރުކަޒުން އެންމެ އިސްކަމެއް ދޭނީ އެ ވުޒާރާގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ދާއިރާތަކަށެވެ. އެގޮތުން، މި ޙާލަތުގެ ސަބަބުން ވިޔަފާރިތަކަށާއި މާލީ ނިޒާމުގެ އިތުރުން ޤައުމުގެ މުހިންމު އިޤްތިޞާދީ ޞިނާޢަތްތަކަށް ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް އިސްކަންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިޤްތިޞާދީ ވުޒާރާގެ އިޚްތިޞާޞުން ބޭރުގައިވާ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒަޙްމާނިއަން ފާހަގަކުރެއްވީ، ސަރުކާރުގެ އިޤްތިޞާދީ ކޮމިޝަނާއި އިޤްތިޞާދީ މަރުކަޒު ގުޅިގެން، ދަޢުލަތުގެ ކަމާބެހޭ އެހެން މުއައްސަސާތަކާއެކު މަތީ ފެންވަރުގައި މަސައްކަތް ކުރަމުންދާނެ ކަމަށެވެ. މީގެ މައިގަނޑު ބޭނުމަކީ، ދިމާވާ ދަތިތައް އެއް ފުރާޅެއްގެ ދަށުން ދެނެގަނެ، ގިނަ މުއައްސަސާތަކެއް އެކުލެވޭ މައްސަލަތައް އިދާރީ ލަސްތަކުގެ ތެރޭގައި ތާށިވިޔަނުދީ އަވަސް ޙައްލުތަކެއް ހޯދައިދިނުމެވެ.
މިގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ހަނގުރާމައިގެ ސަބަބުން އަސަރުކޮށްފައިވާ ވިޔަފާރިތަކަށް ޓެކްސްއާއި ކަސްޓަމްސްގެ ޚާއްޞަ ލުއިތަކެއް ދިނުމާއި، ބޭންކިންގ ޚިދުމަތްތަކާއި މާލީ ވަޞީލަތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން ހިމެނެއެވެ.
މި ފިޔަވަޅުތައް އަޅަން ފަށާފައި މިވަނީ، މިދިޔަ ފެބްރުއަރީ މަހު އެމެރިކާއާއި ޔަހޫދީ ދައުލަތް ގުޅިގެން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކާއި، އޭގެ ރައްދުގައި މެދުއިރުމަތީގައި ހުރި އެމެރިކާ އާއި ޔަހޫދީ ދައުލަތުގެ އަސްކަރީ ވަޞީލަތްތަކަށް އީރާނުން ދިން ޙަމަލާތަކާއެކު ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ މަސްރަޙު ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.
މި މައްސަލަ ޙައްލުކުރުމަށްޓަކައި ޕާކިސްތާނާއި ޤަތަރު މެދުވެރިވެގެން ކުރެވުނު މަސައްކަތުން، ހަމަލާތައް ހުއްޓާލުމަށާއި، ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމުގެ އިތުރުން އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމަށް އެމެރިކާއާއި އީރާނާ ދެމެދު ޖޫން މަހު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. ނަމަވެސް، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމަށާއި ފްރީޒްކޮށްފައިވާ އީރާނުގެ މާލީ ވަޞީލަތްތައް ދޫކޮށްލުމަށް އެމެރިކާއިން އެއްބަސްވި ނަމަވެސް، އެ އެއްބަސްވުމާ އެއްގޮތަށް އެމެރިކާއިން ޢަމަލުކުރަމުން ނުދާ ކަމަށް އީރާނުން ބުނެއެވެ.
އޭގެއަނެއްކޮޅުން، އެމެރިކާއިން ބުނަމުންދަނީ އެއްބަސްވުމާ އެއްގޮތަށް ޢަމަލުނުކުރަނީ އީރާނުން ކަމަށެވެ. އަދި އީރާނުގެ އަސްކަރީ ޙަރަކާތްތަކަށް ލިބޭ މާލީ އެހީތެރިކަން ހުއްޓުވުމުގެ ބޭނުމުގައި، އެ ޤައުމުގެ ތެލާއި، ކަނޑުދަތުރުފަތުރާއި، ވައިގެ ދަތުރުފަތުރާއި، ޓެކްނޮލޮޖީ އަދި މާލީ ދާއިރާތަކަށް އަމާޒުކޮށް އެމެރިކާއިން ދަނީ އިޤްތިޞާދީ ފިއްތުންތައް އިތުރަށް ވަރުގަދަކުރަމުންނެވެ.
މިކަމާ ގުޅިގެން އީރާނުގެ އިންޤިލާބީ ފައުޖު (އައިއާރުޖީސީ) ގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް ޙުސައިން މުޙިއްބީ، މެހެރް ނޫހަށް ވިދާޅުވީ، އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކާއި އަދި ކަނޑުގެ ޙިޞާރުގެ ސަބަބުން، އީރާނަށްވުރެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހޭނީ އެމެރިކާއަށް ކަމަށެވެ.
"އެމެރިކާއިން އީރާނުގެ އިޤްތިޞާދަށް އެއް ޑޮލަރުގެ ގެއްލުމެއް ދޭން އުޅެފިނަމަ، އޭގެ ބަދަލުގައި އެ ޤައުމަށް އެތައް ޑޮލަރެއްގެ ބޮޑު ޚަރަދަކާއި ގެއްލުމަކާ ކުރިމަތިލާންޖެހޭނެ،" ދަތިކުރުމުގެ އެއްވެސް ފިޔަވަޅަކުން އީރާނު ގުޑުވައިނުލެވޭނެކަން ހާމަކުރައްވަމުން މުޙިއްބީ ވިދާޅުވިއެވެ.
މީގެއިތުރުން މުޙިއްބީ ވިދާޅުވީ، އެމެރިކާގެ އަސްކަރީ ބާރާއި ކަނޑުގެ ލަޝްކަރުތަކަށް ބަރޯސާވެގެން އީރާން ބަލިކޮށްލެވިދާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ޤަބޫލުކުރެއްވި ނަމަވެސް، އެއީ ކުށްހީއެއްކަން މިހާރު ސާބިތުވެފައިވާ ކަމަށެވެ.
އަދި އެމެރިކާގެ ބޮޑު ދަރަންޏާއި، ޗައިނާ ފަދަ ދުނިޔޭގެ ގިނަ ބާރުތަކާއެކު އޮތް ވާދަވެރިކަމުގެ ސަބަބުން މި އިޤްތިޞާދީ ހަނގުރާމައިގައި އެމެރިކާއަށް ކާމިޔާބެއް ނުލިބޭނެ ކަމަށާއި، މި ނުތަނަވަސްކަމުގެ ސަބަބުން އެމެރިކާގެ ރިޒާވްތަކަށާއި، ސަރަޙައްދީ އެކްސްޕޯޓަށާއި، ކާރުޚާނާތަކަށް ބޭނުންވާ ރޯ މެޓީރިއަލްސް ހޯދުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.